2000 ހައުންސިންގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން ރައީސް ދެއްވާ: ފަރުހަތު

ކުޅުދުއްފުށީގައި އިމާރާތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންވި 2000 ހައުންސިންގ ޔުނިޓްގެ މަސައްކަތް މިދައުރުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ 'އަހާށޭ ބުނާނަން' ޕްރޮގުރާމްގައި އާންމުންކުރި ސުވާލަކަށް ޖަވާބުދެއްވަމުން މެންބަރު ފަރުހަތު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި 2000 ހައުންސިން ޔުނިޓް އިމާރާތުގެ މަސައްކަތް މިދައުރުތެރޭގައި ނިންމާ އޭގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވާ ކަމަށެވެ.
2000 ހައުންސިން ޔުނިޓް އިމާރާތުގެ މަސައްކަތް ކޮންޓެކްޓާ ފައިނޭންސް އުސޫލުން ކުރިއަށްގެންދަން މިނިސްޓްރީ މިހާރު އިއުލާންކޮށްފައިވާއިރު އިމާރާތްކުރުމަށް ބޭނުންވާ ބިން ހޯދުމަށް ކައުންސިލާއެކު މަސައްކަތްކުރަމުންދާ ކަމަށެވެ.
އާންމުންގެ ސުވާލުތައް ހިމަނައިގެން ކުރިއަށްގެންދާ މި ޕްރޮގުރާމުގައި ބޯހިޔާވަހިކަމާ ގުޅޭ ގިނަ ސުވާލުތަކެއް މެންބަރާ އަމާޒުކުރެއްވި އެވެ. އެގޮތުން ކުރީގެ ސަރުކާރުން އިމާރާތްކުރަން ފަށައި މިހާރު ހުއްޓިފައިވާ 400 ހައުންސިން އިމާރާތާ ގުޅޭ ގޮތުން މެންބަރު ފަރުހަތު ވިދާޅުވީ، މިސަރުކާރު ފެށުނުއިރު އެ މަޝްރޫއު އޮތީ ހުއްޓިފަ ކަމަށާއި އެ މަޝްރޫއު ހަލުވިކުރުމަށް މިނިސްޓްރީއާ ވާހަކަ ދައްކައިގެން ކުރިއަށްގެންދާ ކަމަށެވެ.
400 ހައުންސިންގ ޔުނިޓްގެ މަޝްރޫއު ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވަނީ ދޮންބޭޒް ކުންފުންޏާ އެވެ. އެމަޝްރޫއު އެފަރާތަށް ކުރިއަށްނުގެންދެވޭތީ އެއްބަސްވުން ބާތިލުކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށާއި އެއްބަސްވުން ބާތިލުކުރުމަށް އާރުޑީސީ ނުވަތަ އެހެން އެސްއޯއީއަކާ ހަވާލުކޮށްގެން ކުރިއަށްގެންދާގޮތަށް ރާވާފައިވާކަމަށް ފަރުހަތު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުގައި ކުޅުދުއްފުއްޓަށް ހިމެނޭ 3000 ހައުސިންގ ޔުނިޓްގެ ތެރެއިން 2000 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތް މިއަހަރުތެރޭގައި ފެށޭނެކަމުގައި ޔަގީންކަން ސަރުކާރުން ދެއްވާފައިވާކަމުގައި ކައުންސިލް މެންބަރު އިބުރާހިމް އަހުމަދު (އެއްބެ) މިއަހަރުގެ ފެބުރުއަރީމަހު ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ