ކެންދޫ ކަނު އަދިރީގައި؛ މެންދުރުން ފެށިގެން ކަރަންޓެއް ނެތް

ބ. ކެންދޫގައި ބޭނުންކުރަމުންދާ ދެ ޖަނަރޭޓަރެއް ހަލާކުވެ މިއަދު މެންދުރުން ފެށިގެން މުޅި ރަށުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ތަފްސީލް - ކެންދޫގެ ރައްޔިތުންނަށް މިއަދު މެންދުރު 2:30 އިން ފެށިގެން ކަރަންޓު ނުލިބި ކަމަށާއި މިރޭ ވެސް ކަރަންޓް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު މިރޭ އެކްސް ޕޯސްޓެއްގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ސަރުކާރުގެ ސަމާލުކަމަށް މިދިޔަ ރޯދަ މަހުގެ ކުރިން ވެސް ގެނެސްފައިވާނެ ކަމަށެވެ. އަދި އެ ހާލަތަށް މިއަދު ދިޔައީ އެކަމަށް ދާއިމީ ހައްލެއް ގެނެސްފައި ނުވުމުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާން 'ދައުރު' އަށް ވިދާޅުވީ އެ ރަށުގައި ކަރަންޓު ފޯރުކޮށްދެމުންދިޔަ ޖަނަރޭޓަރުތައް މިއަދު އެއްކޮށް ހުއްޓި 2:30 އިން ފެށިގެން ރަށުގައި އެއްވެސް ވަރަކަށް ކަރަންޓު ނެތި އޮތުމަށް ފަހު މިހާރު ކޮންމެ ބައިގަޑިއިރަކުން ކަރަންޓު އެކި ހިސާބުތަކަށް ދެމުންދާ ކަމަށެވެ.
"މިރޭ 8:30ގެ ފަހުން ރަށުގެ އެކިއެކި ސަރަހައްދުތަކަށް ބައިގަޑިއިރުން ބައިގަޑިއިރުން ކަރަންޓު ފޯރުކޮށްދެމުން މިދަނީ. އެއް ސަރަހައްދުން ކަނޑާލާފައި އަނެެއް ސަރަހައްދަށް ދޭގޮތަށް. މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދަނީ އެކަމަކު އަދިވެސް ހަމަ ހައްލެއް ނުލިބޭ، ހަމަ އަނދިރީގައި އަދިވެސް މުޅި ރަށް އޮތީ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުން:
ރަށުގެ ކުދިބޮޑު މީހުން ތިބީ ކަރަންޓު އިރުއިރުކޮޅާ ކެނޑޭތީ ބޭރަށް ނިކުމެ މަގުމަތީގައި
ފެނަކަ ޓީމާ ގުޅިގެން މުޅި ރަށަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދިޔަޔަސް މިރޭ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަމެއް އަދި ނުދޭ
އިބްރާހިމް ވިދާޅުވީ ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ޖަނަރޭޓަރުތަކުގައި މައްސަލަ ޖެހޭތީ ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑޭތާ ދެ މަހެއްހާ ދުވަސް ވެފައިވާ ކަމަށެވެ.
"މިއަދު އެއްކޮށް ޝަޓްޑައުން މިވީ. މި މައްސަލަ ހައްލުކޮށްދިނުމަށް އެދިގެން އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެ. ސަރުކާރުން މީގެ ކުރިން ޔަގީންކަން ދިން ރޯދަމަހުގެ ކުރިން މައްސަލައަށް ހައްލު ހޯދައިދޭން. އެކަމަކު މިހާތަނަށް ވެސް އަދި ހައްލެއް ނުލިބޭ،" އިބްރާހިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ