އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން ދީނީ އިލްމުވެރިޔާ ޝައިހު އިސްމާއިލް މުހައްމަދު، މ. ތޮއިބާއަށް އޮނަރަރީ ޑޮކްޓަރޭޓުކަން މިރޭ އަރުވައިފި އެވެ.
އައިޔޫއެމްގެ ދަސްވެނިވުމުގައި ޝައިހު އިސްމާއިލްއަށް މި ލަގަބު އެރުވިއިރު، މިއީ ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން އޮނަރަރީ ޑޮކްޓަރޭޓުގެ ކަމުގެ ލަގަބު މީހަކަށް އެރުވި ފުރަތަަމަ ފަހަރެވެ.
ޝެއިހު އިސްމާއިލްއާ ޑޮކްޓަރޭޓު ކަމުގެ ފިލާކޮޅު ހަވާލުކޮށްދެއްވީ އެ ދަސްވެނިވުން ޝަރަފުވެރިކޮށްދެއްވި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ގިނަ ދީނީ ފޮތްތަކެއް ލިޔުއްވާފައިވާ ޝައިހު އިސްމާއިލްއަށް މި ލަގަބު އަރުވަން އައިޔޫއެމްއިން ނިންމީ، އިސްލާމީ އިލްމު ފެތުރުމަށް އެތައް އަހަރުތަކެއް ވަންދެން ކޮށްދިން އަގުހުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އައިޔޫއެމްއިން ގެނެސްދިން ޕްރެޒެންޓޭޝަނުގައި ބުނި ގޮތުގައި މަދީނާ ޔުނިވާސިޓީން ޑިގްރީ ހާސިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރަކީ ޝައިހު އިސްމާއިލެވެ. އަދި އޭގެ ކުރިން އިންޑިއާގައި ވެސް ހަތް އަހަރު ވަންދެން އިސްލާމީ ތައުލީމު ހާސިލުކުރެއްވި އެވެ.
ޝައިހު އިސްމާއިލް ކޮށްދިން ހިދުމަތްތަކުގެ ތެރޭގައި ރާއްޖޭގައި އަރަބި ބަހުން އިސްލާމީ ތައުލީމު ދެއްވުމާއި، 40 ދީނީ ފޮތް ޝާއިއުކުރުމާއި ތޮއިބާ މަދުރަސާ އުފެއްދުން ފާހަގަކޮށްލެވެ އެވެ. އޭނާ ވަނީ މިފަހުން ހުޅުމާލޭގައި އިމާރާތްކުރާ މިސްކިތަކަށް ވެސް ފައިސާ ދެއްވާފަ އެވެ.
އައިޔޫއެމްގެ ހޮނަރަރީ ޑޮކްޓަރޭޓުކަން ޝައިހު އިސްމާއިލް މުހައްމަދަށް އަރުވައިފި އައިޔޫއެމްގެ ހޮނަރަރީ ޑޮކްޓަރޭޓުކަން ޝައިހު އިސްމާއިލް މުހައްމަދަށް އަރުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ