ވީއޭއެމް ކަޕް: ޗެމްޕިއަން ވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް ވީއޭއެމް ކަޕް: ޗެމްޕިއަން ވެމްކޯ ބަލިކޮށް ޕޮލިސް ފައިނަލަށް

އެންމެ ފަހުގެ ޗެމްޕިއަން، ކްލަބް ވެމްކޯ ބަލިކޮށް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޕޮލިސް ކްލަބުން ހޯދައިފި އެވެ.
މިރޭގެ މެޗަށް މި ދެ ޓީމު ނުކުތީ ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކުގަ އެވެ. ޒުވާނުންގެ މަރުކަޒު އެތެެރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިހުން ކާމިޔާބުކުރީ 3-2 ސެޓުންނެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-17، 22-25، 25-21، 23-25 އަދި 15-13 އިންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ވެމްކޯ އިން ފެށުން ދަށްކޮށްދިޔައިރު، އޭގެ ފައިދާ ޕޮލިހުން ނަގާ ބޮޑު ލީޑެއް އެ ޓީމު ނެގި އެވެ. އެގޮތުން ޕޮލިހުގެ ބިދޭސީ ކުޅުންތެރިޔާ ގްރެޒިލިއޭ ރިބޭރިއޯ އާއި ހައްވާ ރާޝިދާ (ހައްވަ) އަދި އައިމިނަތު އަރީޝާ (އަރީ)ގެ ފަރާތުން މޮޅު ކުޅުމެއް މި ސެޓުގައި ފެނުނެވެ. މި ސެޓު ޕޮލިހުން ގެންދިޔައީ 25-17 އިންނެވެ.
ޕޮލިސް ކްލަބްގެ ހައްވަ ބޯޅައެއް ފޮނުވާލަނީ،---- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
ޖެހިގެން އައި ދެވަނަ ސެޓުގައި ޕޮލިސް ކްލަބް ފެނިގެންދިޔައީ ދަށްކޮށެވެ. އޭގެ ފައިދާ ނަގާ ވެމްކޯގެ ޖޫޒާން ޒަރީރް (ޖޫޒް) އަދި އައިޝަތު މާޖިދާ (މާޖީ) ގެ މޮޅު ކުޅުމާއެކު މި ސެޓުގައި ވެމްކޯ އިން ބޮޑު ލީޑެއް ނެގިއެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިހުން މަޑުމަޑުން ގޭމުގެ ތެރެއަށް ވަދެ ފަރަގު ކުޑަކުރި އެވެ. މި ސެޓު، ވެމްކޯ އިން ގެންދިޔައީ، 25-22 އިންނެވެ.
މެޗުގެ އެންމެ ވާދަވެރިކޮށް ދިޔައީ ތިން ވަނަ ސެޓެވެ. މި ސެޓުގައި ދެ ޓީމަށް ވެސް ބޮޑު ލީޑެއްގައި ކުޅެވޭ ގޮތް ނުވިއެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ވެމްކޯގެ ކުޅުންތެރިންގެ ފަރާތުން ރަނގަޅު ރިސީވްތަކެއް ނުނެގި ސެޓު ގެއްލުނީ އެވެ. މި ސެޓު ދިޔައީ، 25-21 އިންނެވެ. މި ސެޓުގެ ފަހު ޕޮއިންޓުގައި ޕޮލިހުގެ ކެޕްޓަން ހައްވި އަށް އަނިޔާވެގެން ބޭލި އެވެ.
ހަތަރުވަނަ ސެޓުގައި ހައްވި ނެތްތަނުގެ ފައިދާ ވެމްކޯ އިން ވަރަށް ބޮޑަށް ނަގާ ފޯމުގައި އެ ޓީމު ކުޅުނެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ޕޮލިހުގެ އަރީގެ ކޮލެޓީ ސާވިސްތަކަކާއެކު އެ ޓީމުން ފަރަގު ކުޑަކުރި އެވެ. މި ސެޓު ވެމްކޯ އިން ގެންދިޔައީ 25-23 އިންނެވެ.
މެޗުގެ ފަހު ސެޓު ފަށައިގެން ޕޮލިހުން ބޮޑު ލީޑެއް ނެގި އެވެ. އެގޮތުން މި ސެޓުގެ ފުރަތަމަ އަށް ޕޮއިންޓް ޕޮލިހުން ހޯދީ ހަ ޕޮއިންޓްގެ ލީޑަކާއެކުގަ އެވެ. އެކަމަކު ސެޓުގެ ފަހުކޮޅު ވެމްކޯ އިން ވަނީ 12-12 އިން ނަތީޖާ އެއްވަރުވެސް ކޮށްފަ އެވެ. އެކަމަކު ފަހުކޮޅު އެ ޓީމުގެ ކޮންސަންޓްރޭޝަން ދަށްވެ އަތުން ސެޓު ގެއްލުނީ އެވެ. މި ސެޓު ޕޮލިހުން ކާމިޔާބުކުރީ 15-13 އިންނެވެ.
ހުރާ ކޮމިއުނިޓީ ކްލަބާއި ފްލެކްސާ ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
މީގެ އިތުރުން މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗު ހުރާ ކޮމިއުނިޓީ ކްލަބުން ވަނީ ފްލެކްސާ ސްޕޯޓްސް ކްލަބް ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
މި މެޗުގެ ސެޓުތައް ދިޔައީ، 25-23، 26-28 އަދި 25-12 އިންނެވެ.
މި ނަތީޖާތަކާއެކު މާދަމާ ކުޅޭ ސެމީ ފައިނަލް ތިން ވަނަ މެޗުގައި ބައްދަލުކުރާނީ ވެމްކޯ އާއި ހުރާ ކޮމިއުނިޓީ ކްލަބް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ