އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން މޮޅިވި ނަމަވެސް، އެސްޓަން ވިލާ މުބާރާތުން ކަޓައިފި

ޔުއެފާ ޗެންޕިއަންސް ލީގު ކުއާޓާ ފައިނަލް ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޕީއެސްޖީ އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވި ނަމަވެސް އެސްޓަން ވިލާ މުބާރާތުން ކަޓައިފިއެވެ.
މިދިޔަ ހަފްތާގައި ކުޅުނު ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ މެޗު އަމިއްލަ ދަނޑުގައި 3-1 ގެ ނަތީޖާއަކުން ޕީއެސްޖީ އިން ކާމިޔާބުކޮށްފައިވާއިރު، އެޓީމުން ސެމީފައިނަލުގެ ޖާގައެއް ހޯދީ 5-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެސްޓަން ވިލާ ބަލިކުރުމަށްފަހު އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕީއެސްޖީ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަޗްރަފް ހަކީމީ އެވެ. އަދި އޭގެ 16 މިނެޓުފަހުން ޑިފެންޑަރު ނޫނޯ މެންޑޭސް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
Advertisement
އެސްޓަން ވިލާ އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ޔޫރީ ޓިލަމަންސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ޕީއެސްޖީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި އެސްޓަން ވިލާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓުގައި އެޓިމުން ވަނި ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ޖޯން މެގިން އެވެ. އަދި އޭގެ ދެ މިނެޓުފަހުން އެޓީމުގެ ޑިފެންޑަރު އެޒްރީ ކޮންސާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މިމެޗުގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން އެސްޓަން ވިލާ ކުރީގައި އޮވެގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ