އެމްޓީސީސީގެ ޓަވަރުތަކުގެ މައްސަލަ: 39 މިލިއަން ރުފިޔާގެ ގެއްލުން، 5 މީހަކަށް ދައުވާކުރަން ފޮނުވައިފި
ދައުލަތުގެ ބޮޑު ހިއްސާއެއް އޮންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން އެ ކުންފުނީގެ މުވައްޒަފުންނަށް ފުލެޓުތަކެއް އަޅައިދޭން ކުރިއަށްގެންދިޔަ މަޝްރޫއުން 39 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާތީ، ފަސް މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކޮށްފައިވާ މައްސަލައަކީ، އެމްޓީސީސީގެ މުވައްޒަފުންނަށް ޚާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޓަވަރެއް އަޅަން ހަވާލުކުރިއިރު ކުންފުންޏަށް ގެއްލުންވާ ގޮތަށް އަމަލުކުރި މައްސަލައެކެވެ. އޭސީސީން ބުނީ އެ ދެ ޓަވަރު އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން، ބިޑު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ބޭރުގެ ކުންފުންޏަކަށް އިވެލުއޭޝަން ކްރައިޓީރިއާއާ ޚިލާފަށް ޕޮއިންޓް ދީ، އެ ޕްރޮޖެކްޓް އެ ކުންފުންޏާ ހަވާލުކުރި ކަމަށެވެ. އަދި، އެ ކުންފުނިން އެއްބަސްވުން ބާތިލުކުރަންޖެހޭފަދަ ޚިލާފުތައްވެފައިވީ ނަމަވެސް، އެއްބަސްވުން ބާތިލުކުރުމުގެ ބަދަލުގައި އެ ކުންފުންޏަށް "އެޑްވާންސް ޕޭމެންޓާއި" "ޕްރޮގްރެސިވް ޕޭމެންޓު"ތައް ދޫކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އޭސީސީން ބުނީ އެ އެއްބަސްވުމުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކެއް، ވަކި މަސައްކަތްތަކެއްގެ ގޮތުގައި ހަވާލުކުރުމަށް މަސައްކަތްކޮށް، މަސައްކަތް ހަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތްކޮށްފައި ނުވާއިރު ވެސް، އެ އެއްބަސްވުން ބާތިލުކޮށްފައިނުވެއެވެ. އެ އަމަލުތަކުގެ ސަބަބުން އެމްޓީސީސީއަށް ލިބުނު ގެއްލުމުގެ އަގު 39,241,855.78 ރުފިޔާއަށް އަރާ ކަމަށް ތަހުގީގަށް ފާހަގަވި ކަމަށް އޭސީސީން ބުންޏެވެ. އެ މައްސަލައިގައި ދައުވާ ކޮށްދޭން އޭސީސީން ވަނީ އިއްޔެ ފޮނުވައިފައެވެ. އެއީ: އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި އޭރު ހުރި ހަސަން ޝާހް (ބަގީޗާގެ / ސ.މަރަދޫފޭދޫ) ޖެނެރަލް މެނޭޖަރުގެ މަގާމުގައި އަދި ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ މެންބަރެއްގެ މަގާމުގައި އޭރު ހުރި ޝިފާޢު ޢަލީ (ހ.ފެއަރީޕެލަސް / ކ.މާލެ) ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު ޙުސައިން ޒުހުރީ (ޕާކީޒާ / ށ.ކޮމަންޑޫ) ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު މުޙައްމަދު ނާޡިމް (މ.ޕޮމްޕިޔާ / ކ.މާލެ) ޓެންޑާ އިވެލުއޭޝަން ކޮމިޓީގެ އޭރުގެ މެންބަރު އިސްމާޢީލް އަދުހަމް (ގ.ނިލަ / ކ.މާލެ) އޭގެ ތެރެއިން ޝާހު ފިޔަވައި، ބާކީ ހަތަރު މީހުން ދަނީ އެމްޓީސީސީގައި އިސް މަގާމުތައް ފުރުއްވަމުންނެވެ. އޭސީސީން ބުނީ އެ މައްސަލައިގައި އެދިފައިވަނީ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ކުރުމަށް ކަމަށެވެ. ޝިފާއުގެ މައްޗަށް އިތުރު ދައުވާއެއްގެ ގޮތުގައި ކުށެއް ކުރަން އުޅުމުގެ ކުށުގެ ދައުވާވެސް ކުރަން ފޮނުވި ކަމަށް އޭސީސީން ބުންޏެވެ. މީގެ އިތުރުން އެ ކޮމިޝަނުން ވަނީ އެމްޓީސީސީއަށް ގެއްލުނު ކަމަށް ތަހުގީގުން ފާހަގަވި 39 މިލިއަން ރުފިޔާއާއި އޭގެ އިތުރަށް ލިބިފައިވާ މާލީ ގެއްލުން ހިސާބުކޮށް، އެ ފައިސާ ހޯދުމަށް އެމްޓީސީސީއަށް އަންގައިފައެވެ. އެމްޓީސީސީން އެ މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާއެވެ. ދެހާސް ސަތާރަ ވަނަ އަހަރު، ދެ އަހަރު ތެރޭގައި އެ މަސައްކަތް ނިންމާ ގޮތަށް ހަވާލުކުރި ނަމަވެސް މިހާތަނަށް އެ ޓަވަރުތަކުގެ މަސައްކަތް ނިމިފައިނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ