ޓްރަމްޕްގެ ވިޔަފާރި ހަނގުރާމަ: ސްޓޮކް މާކެޓް ވެއްޓި، އިޤްތިޞާދީ ރިސެޝަނެއްގެ ބިރު އިތުރުވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއާ ދެކޮޅަށް ފަށާފައިވާ ވިޔަފާރި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މާލީ ބާޒާރުތަކަށް އަނެއްކާވެސް ހަލުވި ބަަދަލުތަކެއް އައިސްފިއެވެ.
ބުރާސްފަތި ދުވަހު ސްޓޮކް އަދި ތެލުގެ އަގުތައް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. މިއީ އެމެރިކާއިން އަލަށް ތަޢާރަފުކުރި ޓެރިފފްތަކާ ގުޅިގެން ޗައިނާއިން ޖަވާބުދާރީވެދާނެކަމުގެ ބިރު އޮތުމުގެ ސަބަބުންއައި ހަލަބޮލި ކަމެއްކަމަށް މާހިރުން ބުނެއެވެ.
އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި 75 އަށްވުރެ ގިނަ ޤައުމުތަކުން ވިޔަފާރީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ބޭނުންވެއެވެ. އަދި ރައީސް ޓްރަމްޕް ވެސް ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވޭނެކަމުގެ އުންމީދު ފާޅުކުރެއްވިއެވެ. ނަމަވެސް މިހާރު އޮތް ހާލަތުގައި ކޮވިޑް-19 ބަލިމަޑުކަމުގެ ފެށުމުގައި ދިމާވި ފަދަ ބޮޑެތި އަރައިފޭބުންތައް މާލީ ބާޒާރުތަކުގައި ފެންނަމުންދެއެވެ.
ބުރާސްފަތި ދުވަހު އެސް އެންޑް ޕީ 500 އިންޑެކްސް 3.5 އިންސައްތަ ދަށަށް ދިޔައެވެ. ނަސްޑާކް 4.3 އިންސައްތަ އަދި ޑައު ޖޯންސް އިންޑަސްޓްރިއަލް އެވަރެޖް 2.5 އިންސައްތަ ދަށަށް ދިޔައެވެ. ތެލުގެ އަގުތައް ވެސް 3 އިންސައްތައަށްވުރެ ބޮޑަށް ދަށަށް ދިޔައެވެ.އެސް އެންޑް ޕީ 500 އިންޑެކްސް މިހާރު ވަނީ އޭގެ އެންމެ މަތީ ހިސާބުން 15 އިންސައްތަ ދަށަށް ގޮސްފައެވެ. އަދި ޓެރިފް ސިޔާސަތާ ގުޅޭ ގޮތުން އޮތް ޔަޤީންކަން ކުޑަވުމުގެ ސަބަބުން ސްޓޮކް މާކެޓް “ބެއއަރ މާކެޓް” އަކަށް ވެއްޓިދާނެކަމަށް ތަޙުލީލުކުރާ ފަރާތްތަކުން ބުނެއެވެ.ޖާނަސް ހެންޑަރސަންގެ ގްލޯބަލް ހެޑް އޮފް މަލްޓި-އެސެޓް އާދަމް ހެޓްސް ވިދާޅުވި ގޮތުގައި މިހާރު އިޤްތިޞާދީ ރިސެޝަނެއްގެ ނުރައްކާ ވަނީ ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި މިހާރު މި ދަނީ ނިޒާމެއް ނެތް ޓްރޭޑްގެ ހާލަތުން ނިޒާމެއް އޮތް ޓްރޭޑްގެ ހާލަތަކަށް ބަދަލުވަމުންނެވެ.
ބެސެންޓް ވިދާޅުވި ގޮތުގައި އެހެން ޤައުމުތަކާއެކު އެއްބަސްވުންތަކަށް އާދެވުމުން، ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ވިޔަފާރީގެ ސިޔާސަތުތަކާ މެދު އިތުރު ޔަޤީންކަމެއް ލިބިގެންދާނެއެވެ. އޭނާ ވިދާޅުވީ މިއަދުގެ މާކެޓްގެ ހަރަކާތްތަކުގައި އާދަޔާ ޚިލާފު އެއްވެސް ކަމެއް ނުފެންނަ ކަމަށެވެ.ވެޓްނާމްގެ ޑެޕިއުޓީ ބޮޑުވަޒީރު ހޯ ޑަކް ފޮކްއާއެކު ބެސެންޓް ވާހަކަދެއްކެވުމަށްފަހު، އެމެރިކާ އާއި ވެޓްނާމް ވަނީ ރަސްމީކޮށް ވިޔަފާރީގެ މަޝްވަރާތައް ފެށުމަށް އެއްބަސްވެފައެވެ.ރައީސް ޓްރަމްޕް ވިދާޅުވީ ޗައިނާއާއެކު އެއްބަސްވުމަކަށް އާދެވޭނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް ޗައިނާއިން ދިގު މުއްދަތެއްގައި އެމެރިކާގެ ނާޖާއިޒު ފައިދާ ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށް އިޙްތިރާމްކުރައްވާ ކަމަށާއި، ދެ ޤައުމަށް ވެސް ފައިދާހުރި ގޮތަކަށް މައްސަލަ ހައްލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.ގިނަ ޤައުމުތަކަށް 90 ދުވަހުގެ ޓެރިފް މުއްދަތު އިތުރުކުރި ނަމަވެސް، ޓްރަމްޕް ވަނީ ޗައިނާގެ އިމްޕޯޓްތަކަށް ކުރިން ނަގަމުންދިޔަ ޓެރިފްތަކާއެކު 145 އިންސައްތައަށް ޓެރިފް އިތުރުކޮށްފައެވެ. ޗައިނާއިން ވެސް އެމެރިކާގެ ކޮންމެ އިތުރުކުރުމަކާއެކު ޓެރިފް އިތުރުކުރަމުންދާތީ، މިހާރު 84 އިންސައްތައިގައި އޮތް ޓެރިފް އިތުރަށް މައްޗަށް ޖައްސާލާފާނެކަމުގެ ބިރު އެބައޮތެވެ.ދުނިޔޭގެ އެންމެބޮޑު ދެ އިޤްތިޞާދުގެ ވިޔަފާރީގެ މިހަނގުރާމައިގައި އެންމެބޮޑަށް ނޭދެވޭ އަސަރުކުރާނީ ކުދި އަދި މެދުފަންތީގެ ގައުމުތަކަށް ކަމަށް ތަހްލީލު ކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ