މި އަހަރު މާލޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރީ މިދިޔަ ބުރާސްފަތި ދުވަހު

މާލެ ސަރަހައްދުގައި މިދިޔަ ބުރާސްފަތި ދުވަހު 114 މެގަވޮޓްގެ ކަރަންޓު ބޭނުން ކޮށްފައިވާއިރު، އެއީ މި އަހަރު ތެރޭގައި އެންމެ ގިނައިން ކަރަންޓު ބޭނުންކުރި ދުވަސް ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ދުވަސްވަރަކީ ރާއްޖެއަށް ހޫނު ދުވަސްވަރަކަށްވުމާއެކު، އިހުސާސްކުރެވޭ ހޫނުމިން މަތިވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.އެހެންވެ، އެންމެން ވެސް ކަރަންޓު ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ."ޚާއްސަކޮށް އޭސީ ފަދަ ތަކެތި ބޭނުންކުރާއިރު، އޭގެ ފިނިކަން 25 ޑިގްރީއަށްވުރެ ދަށް ނުކުރުމަށާއި، ކޮންމެހެން ބޭނުންވާ މިންވަރަށް މެނުވީ ކަރަންޓު ބޭނުން ނުކުރުމަށް އިލްތިމާސް ކުރަން. މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގައި އެންމެ ގިނައިން ކަރަންޓު ބޭނުންކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު،" ފަހުމީ ވިދާޅުވިއެވެ.ރާއްޖެއަށް ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އަބަދު ވެސް އިތުރުވެ އެވެ. އަދި ހޫނުމިން މައްޗަށް ދާ ދުވަސްތަކުގައި ކަރަންޓު ބިލަށް އަރާވަރު ވެސް އިތުރުވެ އެވެ.މާލެ ސަރަހައްދުގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ބުނެ ސްޓެލްކޯއިން މިފަހުން އަންނަނީ ކަރަންޓު ބޭނުންކޮށްފައިވާ ގޮތުގެ އަދަދުތަކެއް އެކްސްގައި ހިއްސާކުރަމުންނެވެ. އެގޮތުން މިދިޔަ ރޯދަމަހުގެ ފަހު ދުވަހު ވެސް ކަރަންޓު ބޭނުންކޮށްފައިވާލެއް އިތުރުވެފައިވާތީ ކަރަންޓު ބޭނުންކުރުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފައިވެ އެވެ.އޭގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖްކޮށް އުޅެނީ 100 މެގަވޮޓުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ