ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ފުރަތަމަ ބަޔާ ގުޅޭ
ދެ އަހަރު ފަސް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ބައިން ނުކުތް މައިރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމެވެ. އަތުގައި އޮތް ފޯނުން ކޮންމެވެސް މީހަކަށް ގުޅޭތޯ މަސައްކަތް ކުރަމުންދިޔައިރު އޭނާގެ ދެލޯ ބޭގަރާރު ކަމާއެކު ހޯދަމުންދިޔައީ އޭނާގެ އިސްތިގުބާލުގައި ނަދާލް ފޮނުވި ކަމަށް ބުނި ކަޅުފެހި ކުލައިގެ ކާރެވެ. އެ ކާރު އައިސް މައިރާގެ ކުރިމައްޗަށް ހުއްޓައިލުމާއި އޭނާ އޭގެތެރެއަށް ދެމިގަތުމާ ދެމެދު ހޭދަވީ މަދު ސިކުންތުކޮޅެކެވެ. އޭނާގެ ހަރަކާތްތައް އެހާވެސް އަވަހެވެ. އޭނާގެ ސިކުނޑީގައި ތަކުރާރުވަމުންދިޔައީ މީގެ އަށް ގަޑިއިރުކުރިން އޭނާ މެލޭޝިޔާގައި ހުއްޓައި ނަދާލް ފޯނުކޮށްފައި ބުނި ވާހަކަ އެވެ.
"މައި.. މައި.. ކާފަ.. ހީ އިޒް ގޯން. ނެކްސްޓް ފްލައިޓް އިން ޓިކެޓް ނަގައިފިން މައިއަށް. ދެ ގަޑިއިރު ތެރޭ ނައްޓާލާނެ. ޕްލީޒް ގޯ ޓު ދަ އެއަރޕޯޓް.. ނައު!!"
ކާރު އޭގެ އެންމެ ހަލުވި ދުވެލީގައި ގޮސް މަޑުކޮށްލީ ހުޅުމާލެ ސަހަރާގެ ކައިރިއަށެވެ. މައިރާ ކާރުން ފޭބި އެވެ. ސަހަރާއާ އިންވެގެން ހުންނަ މިސްކިތާއި ހިނަވާގޭގެ ގޯތިތެރެއަށް އެއްވެފައިވާ މީހުނަށް ބަލައިލި އެވެ. އެއީ ކޮންބައެއްކަން ބަލައިލައިފި ކޮންމެ މީހަކަށް ވެސް އެ ތަނުގައި ބޭއްވެމުން އެދާ ޖަނާޒާއަކީ ކިހާ ފެންވަރެއްގައި ދުނިޔޭގައި އުޅުއްވި ބޭފުޅެއްގެ ޖަނާޒާއެއްކަން ޔަގީންވާނެ އެވެ. ގައުމީ ފެންވަރުގައި ގުނާލެވޭ ވިޔަފާރިވެރިންގެ އާއިލާތަކާއި ސިޔާސީ ޝަހްސުތަކުގެ ތެރެއިން ފުރޭނެމުން ގޮސް މައިރާ ވަނީ މައްޔިތާގެ މޫނު ދެއްކުމަށް ހަމަޖައްސައިފައި ހުރި ކޮޓަރިއަށެވެ. ހުދު ފޮތިގަނޑެއް އަޅައިފައިވާ މޭޒެއްގެ މަތީ ހުދު ކަފުނުން ބަނދެވިފައި އޮތް ކާފަގެ ފުރާނަ ނެތް ހަށިގަނޑަށް ބަލައިލުމަށްފަހު އެ ތަނުގައި އޭނާއާއެކު ތިބި އެ އާއިލާގެ ކޮންމެ މީހެއްގެ އޮއްސިފައިވާ މޫނަށް މައިރާ ބަލައިލި އެވެ.
"މައި.." މައިރާއަށް ގުޑިލަން ނޭނގިފައި ހުއްޓައި ނަދާލް އައިސް އޭނާގެ އަތުގައި ހިފައިގެން މުޖުތަބާގެ ހަށިގަނޑު ބާއްވައިފައި އޮތް މޭޒާ ދިމާލަށް ލަސްލަހުން ހިނގައިގަތެވެ. ވެގެން މި އުޅޭ ކަންތަކުގެ ބުރަދަން މައިރާއަށް ރޭކައިލީ އަދި ކިރިޔާ ކަހަލަ އެވެ. އޭނާގެ ދެ ލޯ ކަރުނުން ފުސްވާން ފެށި އެވެ. މުޖުތަބާގެ މޫނާ އިންޗިއެއްހާ ގާތަށް އަތް ގެންދެވިފައިވަނިކޮށް މައިރާ ދެ ފަރާތަށް ބޯ ހޫރައިލަމުން އެ އަތް ދުރުކޮށްލީ ހަގީގަތް ގަބޫލު ނުކުރާނަމޭ ބުނާ ފަދައިންނެވެ.
"މައި ޕްލީޒް. މިގަޑީގަ ގޮތްދޫނުކުރަން ނޫޅޭ. ދެން މިކަން ގަބޫލުކުރޭ.. މިހާރު ފުދޭވަރަކަށް ގިނައިރަށް ކާފަގެ ހަށިގަނޑު ބޭއްވިއްޖެ. ނައު އިޓްސް ޓައިމް ޓު ލެޓް ހިމް ގޯ." މައިރާ ދުރަށް ދާން އުޅުމުން މި ފަހަރު އޭނާގެ އަތުގައި ހިފެހެއްޓީ ނަޝްވާ އެވެ. ނަޝްވާގެ ދެ ލޮލުން އަދިވެސް ހުއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައިރު ކައިރީގައި ހުރި ނަދާލް ވެސް އިރުއިރުކޮޅާ ދެލޯ ފޮހެލާތަން ފެނެ އެވެ. އެންމެފަހުން މައިރާ ވެސް ގިސްލުމާއެކު އޭނާގެ ކަރުނަތައް މިނިވަންވާން ދޫކޮށްލަމުން ލޯތްބާއެކު ކާފަގެ ނިތްކުރީގައި ބޮސްދިނެވެ.
މާ ގިނައިރެއް ނުވެ މުޖުތަބާގެ މޫނު ނިވާކޮށް ވަޅުލުމާއި ޖަނާޒާގެ ކަންތައްތައް ނިންމައިލެވުނެވެ. ސަހަރާގެ ތެރެއިން މީހުން ހުސްވަމުން ގޮސް އާއިލާގެ މެންބަރުންގެ ތެރެއިން ވެސް ފަހަރަކު މީހެއް އެ ތަންދޫކޮށް ދާންފެށި އެވެ. ދެ ލޯ ކަރުނައިން ނުހިކި ވާހާލު ވެސް މައިރާއަށް ވަށައިގެން ހޯދެން ފެށީ އެ ހުރިހާ ކަމެއް ހިނގައިދިޔައިރު މަލަކް ފެންނަން ނެތީތީ އެވެ. އެ ތަނުގައި މިހާރު ބާކީތިބީ ވެސް އާއިލާގެ މެންބަރުން އެކަންޏެވެ. ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދުމަށްޓަކައި މައިރާ އޭނާގެ ބޮޑުދައިތަ އަދި މަލަކްގެ މަންމަކަމަށްވާ މާޒިޔާގެ ފަހަތުން ހިނގައިގަތެވެ. ނުހަނު ގާތަށް އާދެވިފައި ވަނިކޮށް މާޒިޔާއަށް ހިތްވަރުދިނުމުގެ ގޮތުން ނަދާލްގެ މަންމަ ނުސްރާ ބުނި ޖުމްލަ މައިރާއަށް އިވުނެވެ. "ހިތްވަރުކުރޭ ކުޑާއްތާ! މިއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއް!"
"ކިހިނެއް ދޮންބެދައްތާ؟ އަހަރެން ވިހެއުމުގެ ތެރޭގަ މަންމަ ނިޔާވީ.. މައިންބަފައިން ނިޔާވީމަ އެކުރާ އަސަރު ދޮންބެ އާއި ތިއްތިބެއަށް ކުރިން އިހުސާސް ކުރެވުނަސް އެކަމުގެ ވޭން އަހަރެންނަށް މި އެނގެނީ އަދި ކިރިޔާ. ބައްޕަ އަހަރެން ބަލައި ބޮޑުކުރީ އެކަނިމާއެކަނި.." ނުސްރާގެ ވާހަކައަށް މާޒިޔާ ދިން ރައްދު އިވި މާޒިޔާގެ ހާލަތު ރަނގަޅުނޫންކަން މައިރާ ނިންމި އެވެ. މިއީ މަލަކްގެ ވާހަކަ އެހުން އެންމެ ރަނގަޅު ވަގުތު ނޫންކަމުގައި ވިސްނަމުން އެ މީހުންނާ ދުރަށްޖެހިލި އެވެ. މައިޝާން ގާތަށް ދާން ހިތުލި ނަމަވެސް އެ ތަނުގައި ކިޔާރާ ހުރުމުން އެ ހިޔާލު ދޫކޮށްލުމަށް ފަހު އާދައިގެ މަތިން ނަދާލް ކޮބައިތޯ ހޯދައިލި އެވެ. އެންމެނާއެކު ނަދާލް ނާންނަކަން އެނގި މައިރާ ގަބުރުސްތާނުގެ ތެރެއަށް ދުއްވައިގަތީ އެއްވެސް ހިޔާލެއް ފިކުރެއްނެތި އެވެ.
"މައި.. އަންހެން ކުދިން ގަބުރުސްތާނަށް ނުވަންނާނޭ!! މައި.. މައިރާ!!" ނަޝްވާގެ އަޑަށް އެންމެންގެ ސަމާލުކަން މައިރާއާ ދިމާލަށް ހުއްޓުނެވެ. ކާފަގެ މަހާނަ ކައިރީގައި މަޑުކޮށްލައިގެން ހުރި ނަދާލްއަށް ވެސް އެ އަޑު އިވި އަވަސް ފިޔަވަޅުތަކެއްގައި އައިސް މައިރާ ހުއްޓުވި އެވެ. އަދި މައިރާ ގޮވައިގެން ބޭރަށް ނުކުތެވެ. އެ މަންޒަރު ބަލަންހުރި މައިޝާން، ކިޔާރާ އެރުމަށްޓަކައި ކާރުގެ ކުރީ ދޮރުފަތް ހުޅުވައިދިނުމަށްފަހު ޒީނިޔާ އާއި މުރުޝިދަށް ވެސް ކާރަށް އެރުމަށް އިޝާރާތް ކުރި އެވެ.
"ދަރިފުޅާ މަޑުކޮށްބަ.. މައިރާ ގޮވައިގެން ނޫންތަ ދަނީ؟" ޒީނިޔާއަށް އަހައިލެވުނެވެ.
"ނެޑްއާ އެއްކޮށެއްނު އެހެރީ؟ މައި ބޭނުންވާނީ އެގޮތް" އެ ހައްސާސް ވަގުތުކޮޅުގައި ވެސް މައިޝާންގެ އަޑުގައިވަނީ ރުންކުރުކަމެވެ. މައިރާއަކީ އޭނާގެ އެއްބަނޑުއެއްބަފާ ކޮއްކޮ އެވެ. އޭނާއާ ނެތް ގާތްކަމެއް ނަދާލްއާ މެދު މައިރާ ގެންގުޅުން މައިޝާންއަކަށް ކަމަކު ނުދެ އެވެ. މައިޝާންގެ މޫޑަށް އައި ބަދަލު ޒީނިޔާއަށްވެސް ފާހަގަވީ ކަހަލައެވެ. ވަކި އެއްޗެކޭ ނުބުނެ މުރުޝިދު ގޮވައިގެން ކާރަށް އަރައި ހަމަޖެހިލި އެވެ.
"އެންމެން ދިޔައީތަ؟" މައިރާ ގޮވައިގެން ސަހަރާގެ ބޭރަށް ނުކުތް ނަދާލްއަށް އެތަނުގައި ނަޝްވާއާއި މާއިޒް ފިޔަވައި އިތުރު މީހަކު ފެންނަން ނެތުމުން އަހައިލި އެވެ.
"ހްމްމް. މަންމަ ދިޔައީ ކުޑާއްތަ ގޮވައިގެން. އަހަރުމެންވެސް މި ދަނީ.. ލަސްނުކޮށް މައި ގޮވައިގެން ގެއަށްދޭ އެނގޭ" ނަދާލްގެ ކޮނޑުގައި ފިރުމައިލުމަށްފަހު ނަޝްވާ އެ ތަނުން ދުރަށް ހިނގައިގަތެވެ.
މައިރާ އާއި ނަދާލް އެކުއެކީގައި ކާރާ ދިމާލަށް ހިނގައިގަތްއިރު ދެ މީހުންގެ ދެމެދަށް ވެރިވެފައިވަނީ ހިމޭންކަމެވެ. ކާރަށް އެރުމުގެ ބަދަލުގައި ކާރުގައި ލެގިލުމަށް ފަހު ނަދާލް ދެންވެސް ބަލައިލީ ސަހަރާއާ ދިމާލަށެވެ. މީގެ 14 އަހަރު ކުރިން ނަދާލް ޔަތީމެއްގެ ގޮތުގައި ވަނިކޮށް އެ އާއިލާއަށް ގެނައުމުގެ ބޮޑު ނިންމުން މުޖުތަބާ ނިންމީ އާއިލާގެ ގިނަ ބަޔަކާ ދެކޮޅަށެވެ. ނަދާލްގެ ބަލަދުވެރިކަން މުޖުތަބާގެ ދޮށީ ދަރިފުޅު މާޖިދުގެ ދެމަފިރިންނާ ހަވާލުކުރި ކަމުގައިވިޔަސް ނަދާލްއަށް ބޭނުންވާ ކޮންމެ ކަމެއްގައި އެންމެ ގާތުގައި ހުންނަނީ މުޖުތަބާކަމީ އެންމެނަށްވެސް އެނގޭ ހަގީގަތެކެވެ. ވީއިރު ކާފަ ނިޔާވުމާ ގުޅިގެން ނަދާލްއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާނެކަން މައިރާއަށް ޔަގީންވެ އެވެ. އޭނާ މަޑުމަޑުން ގޮސް ނަދާލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ.
"ނޭނގެ މި ވީ ގޮތެއް.. އިއްޔެ ހެނދުނު އަހަރެން އޮފީހަށް ދާން ނުކުތް އިރުވެސް ކާފަ ހުރީ ހަމަ ރަނގަޅަށް. އަދި އެހާ މުސްކުޅިއެއްވެސް ނުވޭނު؟ އެންމެ 62 އަހަރު.. ކުއްލިއަކަށް ކީއްވެ؟" ނަދާލްއަށް ހިތުގެ އުދާސްތައް މައިރާގެ ކުރިމަތީގައި ބޭރުކޮށްލެވުނެވެ.
"ހިތްވަރުކުރޭ ނެޑް. އެނގޭ މިއީ ފަސޭހަ ވަގުތެއް ނޫންކަން. ކާފައަކީ ނެޑްގެ ލައިފްގަ ކިހާ މުހިންމު މީހެއްކަން އަހަރެންނަށް އެނގޭ.. އެ ކަމަކު ތިކަހަލަ ވާހަކަ ދައްކާކަށް ނުވާނެ. މަރަކީ މީހެއްގެ އުމުރަށް ސިއްހަތައް ބަލާއެއްޗެއް ނޫން،" މައިރާގެ ވާހަކަ ގަބޫލުކުރާ ފަދައަކުން ނަދާލް ބޯ ޖަހައިލި އެވެ.
"ހިނގާ މިރޭ ކޮފީއަކަށް ގޮސްލަން.. މަލްވެސް ގޮވައިގެން ދާނީ.." މައިރާގެ އެ ހުށަހެޅުމާއެކު ނަދާލްއަށް ހީވީ މީހަކު އޭނާގެ މޫނުމަތީ އެތިފަހަރެއް އަޅުވައިލިހެނެވެ. ކުއްލިއަކަށް މީހާގެ ސިކުނޑި މަސައްކަތްކުރަން ފަށައިފި އެވެ.
"ޝިޓް! ޝިޓް! ޝިޓް! މައިއަކަށް ނޭނގޭދޯ؟" ނަދާލް ދެތިންފަހަރަކު މަޑުމަޑުން އޭނާގެ ނިއްކުރީގައި އަތްމުށްކަވައިލައި ޖެހި އެވެ.
"ކޮން؟ ކޮންކަމެއް؟" މައިރާގެ ދެ ބުމަ ގޮށްޖެހުނެވެ. އެއާއެކު ނަދާލް ފުން ނޭވާއެއް ދޫކޮށްލަމުން މައިރާއަށް ބަލައިލި އެވެ.
"މައި.. މައިއަށް ޔަގީންތަ މިރެއިން މިރެއަށް މަލްކޮއާ މީޓްކުރަން ބޭނުންކަން؟" ނަދާލްގެ އަޑުގައިވަނީ ޖެހިލުންވުމެވެ.
"ކީއްވެ ބޭނުންނުވާންވީ؟" މައިރާއަކަށް ނުވިސްނުނެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށް ފަހު ނަދާލް އެންމެ ރަނގަޅޭ ބުނާ ފަދައިން ބޯ ޖަހައިލި އެވެ. އޭނާ ކާރުގެ އަނެއްފަރާތަށްގޮސް ޑްރައިވަރު ސީޓަށް އެރުމުން މައިރާވެސް ސިކުނޑީގައި ސުވާލުމާކު ޖެހިފައި އިނދެ ކާރަށްއެރި އެވެ.
ގާތްގަނޑަކަށް ވިއްސަކަށް މިނަޓުގެ ހިމޭން ދަތުރަކަށްފަހު ހަތް ފަންގިފިލާއަށް އިމާރަތްކޮށްފައިވާ ހ. ފްލޮރެންސް ގޭގެ ގަރާޖެއްގައި ނަދާލްގެ ކާރު ޕާކުކޮށްލެވުނެވެ. ޖާގައިގެ ގޮތުން ތަނަވަސް ގޯއްޗެއްގައި އިމާރާތްކޮށްފައިވާ އެ ގޭގެ ތިރީގައި ދެ ގަރާޖު ހުރިއިރު ގޭގެ ބާކީހުރި ފަންގިފިލާތަށް ހާއްސަކޮށްފައިވަނީ މުޖުތަބާގެ ތިން ބެއިން ކަމަށްވާ މާޖިދާއި މުރުޝިދު އަދި މާޒިޔާގެ އާއިލާތަކަށެވެ. އެއިން ކޮންމެ އާއިލާއަކަށް ވެސް ދެ ފަންގިފިލާ ހާއްސަ ކުރެވިފައިވެ އެވެ.
ގޭގެ އެންމެ މަތީގައި ހުރި މާޒިޔާގެ އާއިލާ އުޅޭ ފަންގިފިލާއަށް ލިފްޓު ހުއްޓައިލިއިރު ނަދާލްގެ މޭ ނެގިނެގިފައި ޖެހެމުންދިޔަ އެވެ. ނަދާލްއަށް ވުރެން ތަންކޮޅެއް ކުރީގައި ހުރި މައިރާ އެންމެ ފަހަރަކު ވެސް ފަސް އެނބުރި ބަލައިލިނަމަ ނަދާލްގެ މޫނުން ދާ ހިލިފައިވާތަން ފެނުނީސްކަން ގައިމެވެ. ނަމަވެސް މައިރާގެ ސަމާލުކަން މިހާރު ދެވިފައިވަނީ ނަދާލްއަކަށް ނޫނެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަށް މަލަކްއާ ބައްދަލުކުރާށެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން އޭނާ ދެ ފަހަރަކު އެ ފަންގިފިލާގައިހުރި ހަމައެކަނި ދެ އެޕާޓްމެންޓެގް ތެރެއިން ވައަތް ފަޅީގައި ހުރި އެޕާޓްމެންޓްގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލާފައި ދޮރު ހުޅުވައިލި އެވެ. އެ ތަނުގައިވާ ފަނޑު އަލިކަމަށް ލޯ ހާނައިލުމަށް ހިނދުކޮޅެއް ނެގި ނަމަވެސް މައިރާއަށް ނުހަނު ފަސޭހައިން ސޯފާގައި އިށީނދެއިން މާޒިޔާގެ ދެމަފިރިން ފެނުނެވެ. ސަހަރާއިން އައިއްސުރެން މާޒިޔާގެ ލޮލުން ކަރުނަ ނުހިކޭކަން މައިރާއަށް ޔަގީންވީ މައިރާ ފެނުމާއެކު މާޒިޔާގެ އަތުގައި އޮތް ޓިޝޫއިން އަވަސްއަވަހަށް ލޯ ފޮހެލިތަން ފެނުމުންނެވެ.
"ކުޑާއްތާ.. ޒުހޫރުބޭ" އެ ތަނުގައި އޮތް ހިމޭންކަން ފޫ އަޅުވައިލީ މައިރާގެ އަޑުންނެވެ.
"މައިރާ.. އާދެ ދަރިފުޅާ އިށީނދޭ. ނަދާލްވެސް އެބަ ހުރިންދޯ. އާދޭ ދެކުދިން" މައިރާގެ ފަހަތުން ގޭތެރެއަށް ވަތް ނަދާލް ވެސް މާޒިޔާގެ ލޮލުގައި އަޅައިގަތެވެ. އޭނާ ސޯފާއިން ތެދުވީ އެދެކުދިން އިށީނުމަށް ޖާގަ ދިނުމުގެ ގޮތުންނެވެ. ނަމަވެސް އެ ދެކުދިން ހުރި ފިޔަވަޅުމަތީގައި ހުއްޓިލައިގެން ތިބި ގޮތުން އިށީންނަން ނޫޅޭހެން ހީވެ މާޒިޔާއަށް ކަންބޮޑުވެފައި ނަދާލްގެ މޫނަށް ބަލައިލެވުނެވެ.
"ކުޑާއްތާ މިއި.. މައި.. މައި ބޭނުމޯ މަލްކޮއާ މީޓްކޮށްލަން" ނަދާލް ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް މާޒިޔާގެ މޫނުމަތީގައިވާ ސުވާލަށް ޖަވާބުދިނެވެ.
"އެ ތެދެއް ކުޑާއްތާ މަލް ކޮބާތަ؟" މައިރާ އެއްވެސް އިންޒާރަކާނުލައި ކުރިއަށް ހިނގައިގަތެވެ. އެކަކަށްވެސް އެއްޗެކޭ ބުނާނެ ފުރުސަތު ނުލިބެންދެން އޭނާގޮސް މަލަކް އުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލި އެވެ. އެ ކޮޓަރީގައި ވެސް ވަނީ ފަނޑު އަލިކަމެކެވެ. މައިރާއަށް ހީކުރެވުނީ މަލަކްއަށް އޮތީ ނިދިފައި ކަމުގަ އެވެ. އޭނާ ފާރުގައި ހުރި ސްވިޗް ޖައްސައިލި އެވެ. ހުދު އަލިން ކޮޓަރި ތެރެއަށް އަލިވެގެންދިޔަ ވަގުތު އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އެއްދިމާލަކަށް ކަޅި ހުއްޓާލައިގެން އިން މަލަކް ފެނި މައިރާގެ ހިތް ރޯލި އެވެ. އޭނާ ދުވެފައި ގޮސް މަލަކްގެ ގައިގައި ބައްދައިލި އެވެ.
"މަލް.. އިޓްސް އޯކޭ މަލް.. މިއީ ކޮންމެ މީހަކަށް ވެސް އަންނާނެ ދުވަހެއް. އިރާދަކުރެއްވިއްޔާ ކާފަގެ ފުރާނައަށް މާތް ރަސްކަލާންގެ ރަހްމަތް ލައް.." މައިރާގެ ވާހަކަ ނުނިމެނީސް މަލަކް އުނދަގޫކަމާއެކު މައިރާގެ މޭގައި އަތްއަޅައި ދުރަށް ޖައްސައިލި އެވެ. އޭނާގެ ނަޒަރުން ފެންނަނީ ބީރައްޓެހި ކަމެވެ. އެތައް ހާސް މޭލެއް ދުރަށް ކަޅި ހުއްޓިފައިވާ މީހަކު ފަދައިން ގެއްލިފައި އިންއިރު މައިރާއަކީ އޭނާ ދަންނަ ވެސް މީހެއް ނޫން ކަހަލަ އެވެ. މަލަކްއަށް ކޮންމެވެސް ގޮތްނޭނގޭ ކަމެއް ދިމާވެއްޖެކަމުގެ ރަތް ސިގްނަލް މައިރާގެ ސިކުނޑިން ދޭންފެށީ އެހިސާބުންނެވެ. މަލަކްއަށް އައިސްފައި އިން ބަދަލަކީ އަދި މުޖުތަބާގެ މަރާ ގުޅުންހުރި ބަދަލެއް ނޫނޭ ހިތް ބުންޏެވެ.
"މަލް" މައިރާއަށް މަލަކްގެ އަތުގައި ހިފައިލެވުނެވެ. މިފަހަރު މަލަކް އެ އަތް ދުރުކޮށްލަން ނޫޅުނެއްކަމަކު އަދިވެސް މަލަކްގެ ކަޅި ހުއްޓިފައިހުރީ މައިރާއާ މާ ދުރަށެވެ.
"ކުޑާއްތާ…" މައިރާއަށް ވާނުވާ ނޭނގިފައި އިނދެ ކޮޓަރީގެ ދޮރުމަތީގައިހުރި މާޒިޔާއަށް ބަލައިލި އެވެ. މާޒިޔާއަށް އެ މަންޒަރު ބަލަން ކުޅަދާނަ ނުވި ފަދައަކުން އަނގަމަތީގައި އަތް އަޅައިލައިގެންހުރެ ހިނގައިގަތީ ދުރަށެވެ.
"މައި.. އާދެބަލަ" މައިރާގެ އަތުގައި ހިފައިގެންހުރެ ނަދާލް ކޮޓަރިން ނުކުތެވެ.
"ނެޑް.. ވެއިޓް" ސިޓިންގްރޫމްގެ މެދާ ހިސާބަށް އާދެވިފައިވަނިކޮށް މައިރާ ނަދާލްގެ އަތް ފޮޅައިލި އެވެ. "މަލްއަށް ކީއްތަ ވީ؟" މައިރާ ސުވާލުކުރިއެވެ.
"މައި ޕްލީޒް. މިވަގުތަށް ދާން ހިނގާ. ފަހުން މަލްއާ ބައްދަލުކުރަން އަންނާނީ" ދުރުގައި ތިބި މާޒިޔާ އާއި ޒުހޫރަށް އަވަސް ނަޒަރެއް ދިނުމަށްފަހު ނަދާލް އަވަސްވެގަތީ މައިރާ ގޮވައިގެން އެ ގެއިން ނުކުތުމަށެވެ.
"ކީއްވެތަ އެއްވެސް މީހަކު އަހަރެންނަށް ޖަވާބެއް ނުދެނީ؟ އަހަރެން ކިޔާ އެއްޗެއް އަޑު ނީވެނީތަ؟ މަލް ފެނުނު ވަގުތުއްސުރެން އަހަރެންނަށް އެނގިއްޖެއޭ މިއީ ކާފަ ނިޔާވުމާ އެކަނި ގުޅިފަ އޮތް ކަމެއް ނޫންކަން. މަލްއަށް ކިހިނެއްތަ ވީ؟" އެޕާޓްމެންޓްގެ ބޭރަށް ނުކުމެވުނުއިރު މައިރާއަށް ހަމަ ރަނގަޅަށް ވެސް ރޮވެން ފަށައިފި އެވެ. މަލަކްގެ ހާލު ފެނުނީއްސުރެން ހިތުގައި އުފެދިފައިވި ހާސްކަމަށް އިތުރުވި ބިރުވެރިކަމުގެ ސަބަބުން އޭނާއަށް އެ ކަރުނަތައް ހިފެހެއްޓުން ވީ އުނދަގޫ ކަމަކަށެވެ. ޒުހޫރާއި މާޒިޔާގެ ކުރިމަތީގައި ވެސް އޭނާ އެ ކަރުނަތައް ހިފެހެއްޓީ ނުހަނު ހިތްވަރުންނެވެ.
"މައިރާ ޕްލީޒް ޓްރައި ޓު އަންޑަސްޓޭންޑް. މައިރާއަކަށް ހަމަ ނޭނގޭތަ މިރޭ މި ހިނގައިގެން އުޅެނީ ކިހާވަރެއްގެ ކަމެއްކަން؟ މަލްއަށް އެ ދިމާވި ކަންތަކުން އަރައިނުގަނެވިގެން އުޅެނިކޮށް ކާފަވެސް…" ނަދާލްއަށް ވާހަކަ ކުރިއަށްގެންދަން އުނދަގޫވި އެވެ.
"އަޅެ މަލްއަށް ކިހިނެއްތަ ވީ؟" އޭނާއަށް ކުރެވުނު ހީ ނަދާލް ޔަގީންކޮށްދިނުމުން މައިރާއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ.
"މައި ދެން މިވަގުތު ދޭ… މާދަމާ ދޮންތައާ ތިންމީހުން އެކީ ތިބެގެން ތިވާހަކަ ދައްކާނީ" ނަދާލް އިސްޖަހައިލައިގެން ހުރެ މައިރާމެން އުޅޭ ފަންގިފިލާއަށް ހުއްޓުނު ލިފްޓު މައިރާ ނުކުތުމަށްޓަކައި ހިފަހައްޓައިލައިދިނެވެ. މައިރާއަށްވެ ސް ނަދާލްގެ ވާހަކަތައް ވިސްނުނީ ކަހަލަ އެވެ. އާއިލާއަށް އެހާބޮޑު ހިތްދަތިކަމެއް ދިމާވި ވަގުތު އޭނާގެ އަމަލުތައް ހުންނަ ގޮތުން އާއިލާއަށް އިތުރު ތަކްލީފެއް ޖެހޭކަށް ޙުދު މައިރާވެސް ބޭނުމެއްނުވިއެވެ. އެހެންކަމުން ލިފްޓުގައި ހުރި ނަދާލްއަށް ހަނާ އަޅައިލުމަށްފަހު އޭނާ ލަސްފިޔަވަޅުތަކެއްގައިގޮސް އެޕަރޓްމެންޓަށްވަނެވެ. އެތަނުގައި އިތުރު މީހެއްގެ ހިލަމެއްވާން ނެތުމުން އޭނާ ގޮސްވަނީ ކޮޓަރިއަށެވެ. ރާއްޖެއިން ބޭރުގައި ހޭދަކުރި ދެ އަހަރުގެ ތެރޭގައި އެ ކޮޓަރި ހުސްކޮށް ހުރި ނަމަވެސް އެއީ މިހާރު ވެސް މީހަކު ދިރިއުޅެމުންދާ ކޮޓަރިއެކޭ ހީވާ ކަހަލަ އެވެ. އެ ތަން ގަވައިދުން ފޮޅާ ސާފުކޮށް ބަލަހައްޓަމުންދާކަން އެނގޭހާވެ އެވެ. ވަރުބަލިވެފައިވާ ހައްޓަށް ލުޔެއް ލިބޭނެކަމުގެ އުއްމީދުގައި މައިރާގޮސް އެނދުގައި އޮށޯވެލިއެވެ. ދެލޯ މަރައިލުމާއެކު ކާފަގެ ކަފުންކުރެވިފައިވާ ހަށިގަނޑާއި މަލަކްގެ ކުލަ އޮއްސިފައިވާ މޫނުގެ ތަސްވީރު ސިކުނޑީގައި ކުރެހި އަނެއްކާވެސް ދެލޯ ކަރުނައިން ފުރާލެވިއްޖެ އެވެ.
------
"އަހަރެންނަކަށް ނޭނގެ ހުރިހާ އެންމެން އަހަރެން އަނދިރީގަ ބަހައްޓަން އުޅެނީ ކީއްވެ ކަމެއް.. މިދިޔަ ދެ ދުވަސްތެރޭގަ އެންމެ ފަހަރަކު ވެސް މަލް އަހަރެންނާ އަނގައިން ބުނެލީކީ ނޫން. އެތައް އިރެއްގެ މަސައްކަތުން އަހަރެންނާ ހަތަރުކަޅި ހަމަކޮށްލީ ވެސް. މި ދައްކަނީ މަލަކްގެ ވާހަކައޭ. ޝީޒް މައި ބެސްޓްފްރެންޑް.. މައި ސޯލް ސިސްޓާ.. މައި އެވްރީތިންގް. އަހަރެން ހާދަ ދެރަވެއޭ އެހާވަރަށް އަހަރެން ދުރުކޮށްލީމަ" މާމެލާމެލިން ފުރާލެވިފައިވާ ބަގީޗާއެއް ފަދަ ޓެރަހުގެ މެދުގައިހުރި ހަޓުގެ ތެރޭގައި އިން މައިރާގެ މޫނުމަތިން ފެންނަމުން ދިޔައީ ޝަކުވާ އެވެ. އެ ޝަކުވާތައް އަޑުއަހަން އޭނާ ގާތު އިން ނަޝްވާ އާއި ދުރުގައި ހުއްޓިލައިގެން ހުރި ނަދާލްގެ މޫނުމަތިން ވެސް މާޔޫސްކަން ފާޅުވާން ހުއްޓެވެ. ނަދާލްގެ އިޝާރާތަކަށް މަޑުކޮށްގެން އިން ނަޝްވާއަށް ނަދާލް ބޯ ޖަހައިލިތަން ފެނި މައިރާއަށް ހުރިހާ ކަމެއް ސާފުކޮށްދޭން ފެށި އެވެ.
"އަހަރުމެންނަށްވެސް އެނގޭ މައިއަށް މިހާ ދުވަސް ވަންދެން ތި ހުރިހާ ސުވާލުތަކެއްގެ ޖަވާބު ނުލިބި ހުރެގެން ނުވާނެކަން. އެކަމަކު ހަގީގަތަކީ އަހަރުމެން އެކެއްގެ އަތުގަ ވެސް އަސްލު މައިއަށް ދެވޭނެ ފުރިހަމަ ޖަވާބުތަކެއް ނެތްކަން" ނަޝްވާގެ ވާހަކައިވި މައިރާ އިސްއުފުލައިލީ ކީކޭހޭ އަހައިލާ ފަދައަކުންނެވެ.
"ހިނގި ކަމެއް ހިނގާދިޔައީ މީގެ ހަ މަސްކުރިން. އަހަރުމެންނަކަށް ވެސް ނޭނގޭ މާ ރަނގަޅަކަށް ވީ ގޮތެއް... އެނގޭހާ ވެސް އެއްޗަކީ މައި ފުރައިގެން ދިޔަފަހުން މަލް މަޑުމަޑުން ބަދަލުވާން ފެށިކަން. މަލަކްގެ މޫނުމަތިން އެހެންޏާ ފެންނަ ހިނިތުންވުމަށްވުރެން މާ އުޖާލާ ހިނިތުންވުމެއް ފެންނަން ފެށި. އެހެންވެ އަހަރުމެން އެންމެން ވެސް ތިބީ އެއީ ރަނގަޅު ބަދަލުތަކެއް ކަމަށް ނިންމައިގެން.. މާފަހުން މަލް ބުނީ ކުއްޖަކާ ރައްޓެހިވި ވާހަކަ. އެ ކަންތައް ހިނގައިދިޔަރޭ މަލް ބޭރަށް ދިޔައީ އެމީހުންގެ ފުރަތަމަ އެނިވާސަރީ ނައިޓްވީމަ ޑޭޓްއަކަށް ދާންވެގެން" ނަޝްވާގެ ވާހަކަ ހުރި މިސްރާބުން މައިރާގެ ހިތުގައިވި ސުވާލުތައް ވީ އިތުރެވެ. މަލަކް މިދިޔަ ދެ އަހަރުތެރޭ އޭނާ ގާތު އެފަދަ އެއްވެސް ވާހަކައެއް ދައްކާފައި ނުވާތީ އެވެ.
"އަހަރެން ގާތު މަލް ބުނި އެރޭ މަލް ބުނާތާކަށް ގެންގޮސްދެވިދާނެހޭ.. އެކަމަކު ހަމަ ކުއްލިއަކަށް އެރޭ އަހަރެންވެސް ބިޒީވީ. އެހެންވެ މަލް ގާތު ބުނިން އެކަނި ގޮސްލާށޭ.. އޭގެ ދެތިން ގަޑިއިރު ފަހުން އަހަރެންނަށް ލިބުނީ ކުޑާއްތަގެ ކޯލެއް.. މަ.. މަލް.." މައިރާމެން ގާތަށް އައިސް އިށީން ނަދާލްގެ އަޑު ތުރުތުރުލާން ފެށި އެވެ. ޖޯޑުކޮށްލެވިފައިވާ އޭނާގެ ދެ އަތްތިލައަށް ބާރުލަމުން ދިޔަ ގޮތުން ހީވީ ދެންމެ ދެންމެ އެ އަތުގައިވާ އަމިއްލަ ކަށިތައް ފުނޑުފުނޑު ކޮށްލައިފާނެހެނެވެ. ނަޝްވާ އެކަން ހުއްޓުވުމަށްޓަކައި ނަދާލްގެ އަތުގައި ހިފަހައްޓައިލުމަށް ފަހު އަނެއްކާ ވެސް ވާހަކަ ކުރިއަށް ގެންދިޔަ އެވެ. އޭރު މައިރާގެ ހިތް ބާރު ބާރަށް ތެޅެމުންދިޔައެވެ.
"މަލް އެމީހަކަށް ގަޑި ކިޔައިގެން ދިޔައީ ހުޅުމާލޭގެ އަލަށް ހިއްކި ހިސާބުގެ އެކަހެރި ދިމާލަކަށްހެން ހީވަނީ.. އެ ތަނުން މަލް ހޮސްޕިޓަލަށް ގެންދެވުނީ.. އޭރު މަލްކޮގެ ހަށިގަނޑުގަ ފުރާނަހުރީ ކިރިޔާ.. އެ މައުސޫމުކުއްޖާ.." ނަޝްވާގެ ދެލޯވެސް ފެންކަޅިވާންފެށިއެވެ. "އެރޭ.. ނުލަފާ ބައެއްގެ ވަހުޝީ ޝިކާރައަކަށްވެގެ—"
“ސްޓޮޕް އިޓް ދޮންތާ!” މައިރާއަށް އެ ވާހަކަތައް އަޑުއެހުން ފަސޭހަކަމަކަށް ނުވި އެވެ. ކަންފަތުގައި އަތް އަޅައިލުމަށްފަހު ދެލޯ މަރައި ތަގުޅިކޮށްލީ ދެން އިތުރަށް އެންމެ ލަފްޒެއް ވެސް ނާހާނަމޭ ބުނާ ފަދައަކުންނެވެ. ދެ ފަރާތަށް ބޯހޫރަމުންގޮސް ދެލޯ ހުޅުވައިލިއިރު އޭނާގެ ދެލޮލުން ތާޒާ ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ. މޫނުގައި ދެއަތް އަޅައިލަމުން ރޯން ފެށިވަގުތު ނަޝްވާ ހިތްވަރުދޭ ފަދައަކުން މައިރާގެ ގައިގައި ބައްދައިލި އެވެ.
"ކާކު… ކާކު މަލްއަށް އެހެން ހެދީ؟ ކާކުހޭ؟ ކީއްވެތަ އެކަކުވެސް އަހަރެންގާތު ނުބުނީ؟ ކީއްވެތަ؟" މައިރާގެ އަޑު ބާރުވި އެވެ. އޭނާގެ ހަށިގަނޑަށް އާދަޔާހިލާފު ބާރެއް އެރި ކަހަލަ އެވެ. ނަޝްވާގެ އަތް ދުރަށް ފޮޅައިލުމަށްފަހު އިންތަނުން ތެދުވި އެވެ.
"މައިގެ ޓެސްޓް ދުވަސްކޮޅުވީމަ ކާފަ އެންގީ އެކަކުވެސް މައިގާތު އެއްވެސް އެއްޗެކޭ ބުނެގެން ނުވާނެކަމަށް" ނަދާލްގެ ޖަވާބު އިވުމާއެކު މައިރާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މުޖުތަބާގެ ބަސް ފިޔަވައިލުމަށްފަހު ކަމެއްކުރާނެ އެކަކުވެސް އެގޭގައި ނުހުންނާނެކަން އެނގޭތީ އެކަމުގައި ނަދާލްއާއި ނަޝްވާ ކުށްވެރިކުރެވޭކަށްނެތެވެ.
"މަލްއަށް ހެދިގޮތެއް ހެދީ އެންމެ މީހެއްނޫންކަން ޔަގީންވަނީ. އޭގެފަހުން މިއަދާ ޖެހެންދެންވެސް މަލް އެކަކާވެސް ވާހަކައެއްވެސް ނުދައްކާ. އެ ބަޔަކުވެސް ހޯދާނީ ކިހިނެއް؟ މިއީ ހުސް އަހަރެންގެ ކުށް.. ހިތަށްއަރާ އެރޭ އަހަރެންނަށް މަލް ގޮވައިގެން އެތަނަށް ދެވުންނަމައޭ" ނަދާލް އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން އިސްޖަހައިލިއެވެ.
"ދެން މަލް.. މަލްގެ ބޯއިފްރެންޑް.. އެކުއްޖާ ކޮބާ.. އޭނަ މަލް ހޯދާކަށް ނާދޭތަ؟ އޭނައާ ތި ވާހަކަ ދެއްކިންތަ؟" ކުއްލިއަކަށް މައިރާ ކަމެއް ހަނދާންވި ފަދައަކުން ސުވާލުކުރި އެވެ.
"ހޮސްޕިޓަލަށް ގެންދެވުނުފަހުން މަލްގެ ރައްޓެހިން މެދުވެރިކޮށް ވެސް ވަރަށް މަސައްކަތްކުރިން އެ މީހަކަށް ގުޅޭތޯ. އެކަމަކު އެފަހުން އެމީހާގެ ހަބަރެއް ވެސް ނުވޭ. މިބުނީ މަލް ރައްޓެހިވެގެން އުޅުން ފިރިހެން ގޮލާ. އަހަރެންނަށް ޔަގީނާ ގާތްވޭ މިއީ އޭނަގެ ކަމެއްކަން. ނޫނިއްޔާ ކުއްލިއަކަށް އޭނަ ގެއްލެންވީ ކީއްވެ؟ މައްސަލައަކީ އެ މީހަކީ ކާކުކަން އެނގިފަ ވެސް ނެތީމަ. އެރޭ މަލްގެ ފޯނު ވެސް ގެއްލުނީ. ދެން މަލްގެ ރައްޓެއްސެއް އަތުގަ އެމީހެއްގެ ފޮޓޮއެއްގެ ހިސާބުވެސް ނެތް. ކިހާ ނުފޫޒުގަދަ މީހެއް ކަމެއް ވެސް ބުނާކަށް ނޭނގޭ. ތަހުގީގުވެސް އޮތީ ފެށުމާއެކު ހުއްޓިފަ… މަލްގެ އެއްބާރުލުން ނުލިބޭތީއޭ ބުނަނީ.." ނަދާލްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. "މަލްއަށް އެހެން ދިމާވިފަހުން ކާފަވެސް ބަލިވީ.. ދެތިން ފަހަރު ބްލަޑް ޕްރެޝާ މަތިވެގެން ހޮސްޕިޓަލްގަ އެޑްމިޓް ކުރަން ޖެހުނު. ކާފަ ރަނގަޅުވެގެން އަހަރުމެން ވެސް ކިރިޔާ ހިންދެމިލި ވަގުތު ހަމަ ކުއްލިއަކަށް ކާފަ އެ ނިޔާވީ" ނަދާލްގެ ވާހަކަ ހުރިގޮތުން މަލަކްއަށް ދިމާވި ކަންތަކުގެ ހަގީގަތް ހޯދުމަށް އެ ހާލަތުގައި ކުރެވެންހުރި މަސައްކަތްތައް ކޮށްފައިވާކަން މައިރާއަށް އެނގުނެވެ. ނަމަވެސް މައިރާ ހިތްވަރު އެލުވާލާކަށް ބޭނުމެއް ނުވި އެވެ. މަލަކްއަށް ދިމާވި ކަންތަކުގެ އެންމެފުނަށް ފީނައިގަތުމަށްޓަކައި އަމަލީ މަސައްކަތް ފެށި އެވެ. ނަދާލްއާއި ނަޝްވާއާ ވަކިވެގެން ކޮޓަރިއަށް އައިސް އޭނާގެ ފޯނުގައި ރައްކާކުރެވިފައިވާ ވަކި ނަންބަރެއް ހޯދައިލުމަށްފަހު އެ ނަންބަރަށް ގުޅައިލި އެވެ.
-----
"ވަޓް؟ ރަށަކަށޭ؟ މައިއަށް ހަމަ ރަނގަޅަށް އެނގޭނެ ކާފަގެ ކުއްލި ވަކިވުމާ ގުޅިގެން ގެ އާއި އޮފީސްތެރެ ހަލަބޮލިވެފަ އޮންނާނެ ވަރު. މިވަގުތު އަހަރެން ކިހިނެއް އެ ހުރިހާ ކަމަކުން ދެއަތް ފޮޅާލާފަ މައިއާ އެއްކޮށް ރަށަކަށް ދާނީ؟" ނަދާލްގެ އަޑުގައިވަނީ ހައިރާންކަމެވެ. މައިރާ ކޮންމެހެން ވެސް ބައްދަލުކުރަން ބޭނުންވާ ކަމަށް ބުނެ އޮފީހަށް އައުމުން ނަދާލްގެ ތާވަލުން މައިރާއަށްޓަކައި ވަގުތުކޮޅެއް ހުސްކޮށް ދިނީ މިހާ ބޭކާރު މައުލޫއެއް މައިރާ އާއެކު ހިއްސާ ކުރާކަށް ނޫނެވެ.
"ނެޑް އުޅޭގޮތުން ހީވަނީ ތިއީހެން ކޮންޕެނީގެ ސީއީއޯ އަކީ. ނެޑް އަދި ތި ވޯކް ކުރަނީ މިޑްލް މެނޭޖްމެންޓްގައެއް ނޫންތަ؟ ނެޑް ދެތިން ހަފްތާއަށް ސެންޓްރަލް އޮފީހުން ދުރަށް ގޮސްގެން ވިޔަފާރީގެ އޮޕެރޭޝަންސްއަށް އެއްވެސް އަސަރެއް ކުރާނެހެން އަހަރެންނަކަށް ހިއެއްނުވޭ" މައިރާ ހާމަކުރީ ހަގީގަތެވެ. ކިޔެވުން ފުރިހަމަކޮށް އާއިލީ ވިޔަފާރިއާ ގުޅުނު ނަމަވެސް މަސައްކަތުގެ ތަޖުރިބާ ހާސިލްކުރުމަށްޓަކައި ނަދާލް އަދި ހުރީ ކުންފުނީގެ ބިޒްނަސް ޑެވެލޮޕްމެންޓް މެނޭޖަރުގެ ގޮތުގައެވެ. އޭނާގެ އަމާޒަކީ ކުންފުނީގެ އެންމެ އުހަށް ވާސިލްވުމެވެ. އެކަމަށްޓަކައި އަދި ވަގުތު އެބަ އޮތްކަން އޭނާއަށް އެނގެ އެވެ.
"އެކަމަކުވެސް ނުދެވޭނެ. މިއީ އަހަރެން ވަރަށް މުހިއްމު ޕްރޮޖެކްޓެއްގަ މަސައްކަތްކުރާ ދުވަސްކޮޅެއް.. އެހެންނޫނަސް ފެމިލީގެ ހާލަތު އޮތްގޮތް މައިއަށް ހަމަ ނޭނގެނީތަ؟ މިއީ އެމީހުން ބަހައްޓާފަ އަހަރުމެން މަޖާކުރަން ނޫނީ ހިތްހަމަޖައްސަން ދާންވީ ވަގުތެއް ނޫނެއްނު. މައި ތިހާ އަމިއްލައެދުން އިސްކުރަންފެށީ ކޮންއިރަކުތަ؟" ނަދާލްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރު ފާޅުވާންހުއްޓެވެ.
"ނެޑްއަށް ހީވޭތަ ކަންތައްތައް މިހެން އޮއްވާ އަހަރެންގެ އަމިއްލަ ކަމަކު މަޖާކުރަން ރަށަކަށްދާން ބުނާނޭ. މިއީ މަލްއަށްޓަކާ ކުރާ ކަމެކޭ" މައިރާގެ އަޑު ބާރުވި އެވެ. ނަދާލްއާ ޒުވާބުކޮށްގެން ނަމަވެސް އޭނާ އެ އައި ކަންތަކުގައި ކުރިހޯދަން މައިރާ ބޭނުންވާ ކަހަލައެވެ.
"މަލް؟؟ ނުވިސްނުނު. މަލްއަށްޓަކާ ކޮންކަމެއް؟" ނަދާލްގެ ސިކުނޑީގައި ސުވާލުމާކުޖެހުނެވެ.
"އައި ހޭވް އަ ޕްލޭން..އަހަރެންނަށް މިކަމުގަ އިތުރު މީހަކަށް އިތިބާރު ކުރެވޭކަށް ނެތް.. ސޯ ފުރަތަމަ އެއްބަސްވެބަ ނެޑް އަހަރެންނާއެކު ދާނަންކަމަށް. ޑޫ ޔޫ ޓްރަސްޓް މީ؟" މައިރާގެ ވާހަކަތަކާ މެދު ވިސްނާލަން ހިނދުކޮޅެއް ނެގުމަށްފަހު ނަދާލް ލަސްލަހުން އެ ސުވާލަށް ބޯ ޖަހައިލަމުން އިސްއުފުލައިލިއެވެ. "ޔާ! އައި ޓްރަސްޓް ޔޫ.. ވަޓްސް ދަ ޕްލޭން؟" ނަދާލްގެ ސުވާލާއެކު މައިރާ ހިނިތުންވެލިއެވެ.
"މަލްގެ ރައްޓެއްސަކާ އަހަރެންނަށް ގުޅިއްޖެ.. މަލްގެ އެކްސްވެސް މަލްއާއެކު ކިޔެވުން ހުއްޓާލިކަމަށް އެކުއްޖާ ބުނީ.. ބުނީ ރަށަށް ފުރާވާހަކަ އޭގެ ކުރިންވެސް ދައްކާފައޭ އޮތީ.." މައިރާ ބުންޏެވެ.
"އެހެންވީމަ މަލްއަށް ހެދިގޮތެއް ހަދާފާ މީނަ ރަށަށްގޮސް ފިލީދޯ؟ ފޮޓޮއެއް ލިބުނުތަ؟" ނަދާލްގެ އަތް މުއްކެވުނެވެ.
"ފޮޓޮއެއް އަދި ނުލިބޭ.. އެކަމަކު ޒެފަންއާ ގުޅައިގެން އެރަށް ހޯދައިފިން" މައިރާ ބުންޏެވެ.
"ޒެފަން؟ ޒެފް މާލެ އައީތަ؟" ނަދާލްއަށް އަހައިލެވުނެވެ.
"ނޫން.. އަދި ނާދޭ.. އެކަމަކު އަހަރެން ބުނީމަ އެތަނުގެ ސްޓާފަކަށް ގުޅައިގެން ރަށް ހޯދީ.. ބުނީ އިތުރު މައުލޫމާތެއް ދެވޭނީ މާލެ އައިސްފައޭ.. ވަރަށް އަވަހަށް އަންނާނަމޭ" މައިރާ މިހާ އަވަހަށް އެކަންތައް ކުރިއަށް ޖައްސާލައިފައިވާ މިންވަރު އެނގި ނަދާލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މަލަކްއަށް އިންސާފު ހޯދައިދިނުމަކީ މިހާރު އޭނާވެސް އެންމެ ބޭނުންވާ ކަންތަކެވެ.
"ސޯ ވެން ޑޫ ވީ ސްޓާޓް؟" ތުނިކޮށް ފަޅަންފަށައިވާ ތުނބުޅީގައި އަތްހިންގައިލަމުން ނަދާލް އެއްސެވެ.
----
ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލައިލި އައިލީން އަތުގައި އޮތް ގަދަ ރަތް ކުލައިގެ ލިޕްސްޓިކުން ތުންފަތް ފަވައިލި އެވެ. އޭނާގެ ދޮން މޫނާއި ނުހަނު ގުޅޭ ކަޅުކަން ގަދަ ބުޅި އިސްތަށިގަނޑު ކަކުނި ދައްޗެއްގެ އެހީގައި ހުޅިއެއް ޖަހާލައި ހައްޔަރުކޮށްލުމަށް ފަހު ދެ ފަހަރަކު ފަރާތްފަރާތަށް އެނބުރި ލޯގަނޑުން ފަރިބަލައިލި އެވެ. ކަނޑު ނޫކުލައިގެ ދޫ ޖީންސާއެކު ލައިފައިވާ ހުދުކުލައިގެ ގަޔަށްދޫ ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅަމުން އޭނާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިން ނުކުތެވެ.
"ރޫމީ! ވިއްސާރަގޮތަކަށް އުޑުމަތި އޮތީ. ހަނދާންކޮށް ހިއްކަން އަޅާފަހުރި ހެދުންކޮޅު ނަގައްޗޭ އެނގޭ. އިވާންބެގެ ޔުނިފޯރމްވެސް އޮންނާނީ ދޮވެފަ" ސިޑީގެ ފަހު ހަރުފަތާ ހަމައަށް އާދެވުމާއެކު އޭނާ އެންމެ ފުރަތަމަވެސް ގޮވައިލީ ގޭގައި އުޅޭ ބިދޭސީ އަންހެން މީހާއަށެވެ.
"މިގަޑީގަ ގެސްޓް އަންނަނީތަ ދައްތާ؟" ރޫމީ އޭނާ އިށީނދެ އިން ދިމާލުން އިސްއުފުލައިލި އެވެ. އޭނާގެ ދެ އަތް ހަރަކާތްކުރަމުންދިޔައީ ގޭގެ ބޮޑު އުނދޯލީގައި އިށީނދެ އިން އުމުރުން ދޮށީ އަންހެނެއްގެ ފައިގައި ތެޔޮދެމުމުގައެވެ. ބަލާބެލުމަށް ހަތްދިހައިގެ އަހަރުތައް ގުނަމުންދާ އަޒީމާއަކީ އައިލީންގެ އިތުރުން އެގޭގައި ދިރިއުޅޭ އައިލީންއާ ދެބެއިންގެ ދެދަރި ކުއްޖެއްކަމަށްވާ އިވާންގެ މާމައެވެ. ރޫމީއަކީ އަޒީމާގެ ކަންތައްތަކުގައި އެހީވެދީ އޭނާއަށް ހޭހަންކޮށްދިނުމަށް އެގެއަށް ގެނެސްފައި ހުންނަ ބިދޭސީ އަންހެނެކެވެ.
"އާނ މެންދުރު ލަފާ ލޯންޗުން ރަށަށް އަންނާނެ" އަތުގައި އޮތް ބޫޓު ފަޔަށް ހެޔޮވަރުކޮށްލަމުން އައިލީން ޖަވާބުގައި ބުންޏެވެ.
"ކޮންރަށަކު ކުއްޖެއްތަ އަންނަނީ ދަރިފުޅާ" އާޒިމާއަށް ސުވާލުނުކޮށެއް ނީނދެވުނެވެ.
"މާލޭ ކުއްޖެއް މާމާ. ރައްޓެއްސެއްގެ ރައްޓެއްސެއް އެއީ. ދެން ދަނީ އެނގޭ މާމާ. މިހާރު ނޭނގެ ލޯންޗު ނާންނަ ކަމެއް ވެސް" އައިލީން ދުވެފައިގޮސް ގޭގެ ބޮޑުދޮރާށި ހުޅުވައިލި ވަގުތު އާޒިމާ "ބަލައިގެން ދާށޭ" ގޮވައިލި އަޑު އިވުނެވެ. އެހެނަސް މަގުގެ އަނެއް ފަރާތުގައި ހުރި ކަޅުކުލައިގެ އެއާބްލޭޑް ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އޭނާގެ އިންތިޒާރުގައި އިން ޒުވާނާ ފެނުމާއެކު މާމަގެ ގޮވާލުމަށް ރައްދެއްދޭން އައިލީން ހަނދާންނެތުނެވެ. ކަކުލާ ހަމައަށް ހުރި ޑެނިމް ސޯޓާއެކު ގަޔަށް ދޫކޮށްލެވިފައިވާ ރަތް ކުލައިގެ ގައުމީ ޓީމް ޖާޒީގައިހުރި އެ ޒުވާނާގެ ހިތްގައިމު ގޮތެއް ހުއްޓެވެ. އައިލީން ފެނުނުހިނދު ލޮލުގައި އަޅައިފައިވާ އަވިއައިނު ނިތްކުރިމައްޗަށް ޖައްސައިލުމަށް ފަހު ހަދިޔާކޮށްލި އަސަރުގަދަ ހިނިތުންވުން އެހެން އަންހެން ކުއްޖަކަށް ފެނުނުނަމަ އެ ކުއްޖެއްގެ ހިތްކަތިލެވުނީސްކަން ގައިމެވެ. ނަމަވެސް އެ ޒުވާނާގެ އެއްވެސް ހާއްސަ ސިފައެއް އައިލީންއަކަށް ނުފެންނަ ކަހަލައެވެ. ލަސް ހިނގުމެއްގައި އައިސް އެ ޒުވާނާއިން ސައިކަލު ފަހަތަށްއެރީ ތައުރީފުގެ ބަހެއް ކީއްކުރަންތޯ އެވެ؟ އެފަދަ ނަޒަރެއް ވެސް ހަދިޔާ ކޮށްލުމެއް ނެތި އެވެ.
"އެންމެފަހުން ނާންނަންވެގެން ޝޯން ފޮނުވީދޯ؟" ޝާވިންގެ ސައިކަލަށް އަރައި ހަމަޖެހިލަމުން އައިލީން އެއްސެވެ.
"ކީއްކުރާނީ؟ ގައުމީ ހިދުމަތުގަ އުޅޭ ފުލުހުންނަށް ނާދެވޭ ފަހަރުވެސް އަންނާނެއެއްނު؟ އެހެންނޫ ނަސް އިވާން ބުނީމަ މިވަރު ކަމެއް ކޮށްދޭކަށް އަހަރެންނަކަށް އުނދަގުލެއް ނުވާނޭ" ޝާވިން ސައިކަލު ދުއްވައިލަމުން ބުންޏެވެ.
"އިވާން ބުނިއްޔާ އަހަރެން ސަލާމަތްކުރަން ކަނޑަށް އެރެންވެސް ޝާވިން ޖެހިލުމެއް ނުވާނެ. އަހަރެން ހިތަށް އަރާ ތިދެމީހުންގެ އޮންނަނީ އަނެއްކާ ކޮންކަހަލަ ގުޅުމެއްބާއޭ" އައިލީން ސަމާސާ ރާގެއްގައި ބުންޏެވެ. ޝާވިން ވަކި އެއްޗެކޭ ނުބުނެ ދެފަރާތަށް ބޯ ހޫރައިލި އެވެ. ސައިކަލުގެ ލޯގަނޑުން ފެންނަމުންދިޔަ އައިލީންގެ މޫނަށް ބަލައިލިއިރު އޭނާގެ ތުންފަތުގައިވަނީ މާނަފުން ހިނިތުންވުމެކެވެ. އެބުނެވުނީ ކިހާވަރެއްގެ ހަގީގަތެއް ކަމެއް އައިލީންއަށް ވެސް ނޭނގޭނެ އެވެ. އެއީ އައިލީން ސަލާމަތްކުރަން ކަނޑަށް އެރެން ޖެހިއްޖެނަމަ ޝާވިން ދެވަނަ ވިސްނުމަކާނުލައި އެކަން ކުރާނެކަމެވެ. އެހެނަސް އެއީ އިވާން ބުނެގެނެއް ނޫނެވެ. އެއީ ޝާވިންގެ ހިތް އެދޭގޮތް ކަމަށް ވާތީ އެވެ.
ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ