ހިޔާގެ ހަތަރު ޓަވަރެއްގައި ހެނދުނު ކަރަންޓު ކަނޑަނީ
ސްޓެލްކޯއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރާ މަސައްކަތްތަކާ ގުޅިގެން، މާދަމާ ހެނދުނު ހިޔާ ޓަވަރުތަކުގެ ތެރެއިން ހަތަރު ޓަވަރެއްގައި ކަރަންޓު ކަނޑާނެކަން އިއުލާންކޮށްފިއެވެ. ސްޓެލްކޯގެ އިއުލާނުގައި ވަނީ، ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި އެ ސަރަހައްދުގެ ބައެއް ޓަވަރުތަކުން ކަރަންޓު ކަނޑަން ޖެހޭ ކަމަށެވެ. އެ މަސައްކަތަށް، މާދަމާ ހެނދުނު 10:00އިން 11:00އަށް ޓަވަރު 13، 14، 15 އަދި 16ގައި ކަރަންޓު ކަނޑާނެއެވެ. އަދި އެމްޕީއެލް ޓަވަރުތަކުން ވެސް މެންދުރު 13:30އިން 15:00އަށް ކަރަންޓު ކަނޑާނެއެވެ. https://x.com/STELCOMALDIVES/status/1912147003217461537 ސްޓެލްކޯއިން ވަނީ އެ ގަޑިތައް އެ ގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވޭނެ ކަމަށް ބުނެފައެވެ. "މި މަސައްކަތަކީ އަޅުގަނޑުމެންގެ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް. މިފަދަ ޙާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،" އެ ކުންފުނިން ބުނެފައިވެއެވެ. މީގެ އިތުރުން ކަރަންޓު ކެނޑުމުން ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން މަޢާފަށް އެދިފައިވެއެވެ. ދެހާސް ބާވީސް ވަނަ އަހަރު 22000އިން މަތީގެ އާބާދީއެއް އޮތް، އަދި މިހާރު ވެސް އިތުރުވަމުން އަންނަ ހިޔާގެ ބައެއް ޓަވަރުތަކުން ދޭތެރެއަކުން ކަރަންޓު ކެނޑުމުގެ ޝަކުވާތައް ފެންމަތިވެއެވެ. އެފަދަ މައްސަލަތައް ހައްލުކުރުމަށް ޓަކައި، ފާއިތުވި ދުވަސްތަކުގައި ބައެއް ޓަވަރުތަކުން އެކި ވަގުތުތަކުގައި ކަރަންޓު ކަނޑައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ