ފަނޑިޔާރުން ވަކިކުރާ ބިލާ ދެކޮޅަށް 71 ގާނޫނީ ވަކީލުންގެ ޕެޓިޝަނެއް

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރުން މަޑުޖައްސާލަން އެދި، 71 ގާނޫނީ ވަކީލަކު ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް މިއަދު ފޮނުވައިފި އެވެ
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރުގެ ބެންޗުން ދެ ފަނޑިޔާރަކު މަގާމުން ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި ބިލުގެ ބަހުސަށް ފަހު ވަނީ ބަލައިގެންފަ އެވެ. ބިލު ބަލައިގަތުމަށް ފާސްވީ 64 މެންބަރުންގެ ތާއީދާ އެކު އެވެ. ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ.
ތަފްސީލު - ގާނޫނީ ވަކީލުންގެ ޕެޓިޝަންގައި ބުނީ އެ ބިލު އޮތް ގޮތުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމަށް ގާބިލު ނޫން ކަމަށް ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މައްޗަށް ލާޒިމްވާ ކަމަށެވެ. ނަމަވެސް:
ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވާ ގޮތުގައި ފަނޑިޔާރުން ތަބާވާން ޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިދަކު ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ
ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް އައްޔަންކުރެވޭ ބައެއް ނޫންކަމަށް ވެސް ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ނ) ބަޔާންކޮށްފައިވޭ
"ކޯޓުތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އިސްވެ ބުނެވުނު މާއްދާތަކުން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ ހިމާޔަތަށް އަސަރުކުރެ އެވެ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ގޮތަކުން ބެހި، ނުފޫޒު ފޯރުވުމަކީ ގާނޫނުއަސާސީގެ 141 (ނ)އިން މަނާކުރާ ކަމެކެވެ،" އެ ޕެޓިޝަންގައި ބުންޏެވެ.
ފަނޑިޔާރު މަގާމަށް ގާބިލު ނޫންކަމުގެ ހާލަތު އުފެއްދުން ޖޭއެސްސީއަށް ލާޒިމުވޭ. ނަމަވެސް ފަނޑިޔާރުގެ މަސައްކަތަށް ގާބިލު ނޫންކަން ކަނޑައެޅުމުގައި ބަލާނީ ކޮން ކަންތައްތަކަކަށް ކަން އަދި ވަކިވަކިން ކޮންމެ ފަނޑިޔާރެއްގެ މައްސަލަތައް ހޯދައިގެން ބަލާނީތޯ ފަދަ އެއްވެސް ތަފުސީލެއް އެ ބިލުގައި ނެތުން
ބިލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮތް ގޮތުން 'ގާބިލު ނޫން ފަނޑިޔާރުން'ގެ ނަންތައް ފަސް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ ބޭނުމަށް ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކަށާއި މުއްދަތުތަކަށް އިސްތިސްނާ ދިނުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިދޭ؛ އެގޮތަށް ބަދަލު ގެނައުމުން ޖޭއެސްސީއިން ބަލަމުންގެންދާ މައްސަލައިން ދިފާއުވާން ފަނޑިޔާރުންނަށް ލިބިދޭ ފުރުސަތުތަކާއި މުއްދަތުތައް ނުދިނުމުގެ އިހުތިޔާރާއި ގާނޫނުތަކުގެ މާއްދާތަކަށް 'އިސްތިސްނާ ގެނައުމުގެ ބާރު' ވެސް ޖޭއެސްސީއަށް ލިބިދިނުން
ބިލް ހުށަހަޅާފައިވާ މި ވަނީ މަޖިލީހުގެ މެމްބަރުންނާ ގުޅުން ހުރި މައްސަލައެއް އެ ކޯޓުގައި ހިނގަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށް ވަކީލުން ބުނީ މިފަދަ ދަނޑިވަޅެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް މަގާމުން ވަކިކުރަން މަސައްކަތް ކުރުމަކީ މަޖިލީހުން އެ މައްސަލައަށް ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ ވެސް އެބަ އޮތް ކަމަށެވެ.
"އެކަމުގެ ސަބަބުން އާންމު ހަމަޖެހުމާއި ސުލްހަވެރިކަމަށް ހުރަސްއެޅިގެން ހިނގައިދިއުމުގެ ފުރުސަތު އޮތް ކަން ވެސް ފާހަގަކުރަމެވެ. އަދި އަދުލުއިންސާފުގެ ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރަށް ވެސް އެކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެ އެވެ،" ވަކީލުން ބުންޏެވެ.
"މަތީގައިވާ ސަބަބުތައް އެހެން ހުރުމުން، މި ބިލު މި ވަގުތު ތިޔަ މަޖިލީހުން ފާސްކުރެއްވުމަކީ ރަނގަޅު ގޮތެއް ކަމަށް ނުފެންނާތީ މި ބިލު ތިޔަ މަޖިިލީހުން ފާސް ނުކުރެއްވުން އެދި ދެންނެވީމެވެ. އަދި މި ބިލާ މެދު ކޮމެޓީން ގޮތެއް ނިންމުމުގެ މަރުހަލާގައި އަޅުގަނޑުމެންގެ މި ކަންބޮޑުވުންތަކަށް ރިއާޔަތްކޮށްދެއްވައި، އ ކަންކަން ކޮމެޓީގެ ރިޕޯޓުގައި ހިމަނުއްވައި ދެއްވުން އެދެމެވެ."
ގުޅުން ހުރި - ކޯޓުތަކުގެ ގާނޫނު އިސްލާހުކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދު ހަވީރު ކޮމިޓީން ވެސް ފާސްކުރާނެ ކަމަށް ބެލެވެ އެވެ. 
ބިލު ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިބި ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ކަމަށް ހެދުމަށެވެ. މީގެ ނަތީޖާއަކީ، މިހާރު އެ ކޯޓުގައި ތިބި ދެ ފަނޑިޔާރުން މަގާމުން ވަކިވާނެ އެވެ. އެގޮތުން:
ބިލު ގާނޫނަށް ވުމާ އެކު، ގިނަވެގެން ފަސް ދުވަސް ތެރޭ ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހޭ
މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ
އެ ޓައިމްލައިންގައި މިކަންކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ނުވަތަ އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ
ފާހަގަކޮށްލެވޭ ކަމެއް - މި ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް އެ މަނިކުފާނު އައްޔަންކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި އެކައުންޓިން ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޔަޒުމީދު މުހައްމަދު އައްޔަންކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ