ފަރަށް އަރައިގެން ބޮޑެތި އަދަދުތަކުން ކޮށްފައިވާ ޖޫރިމަނާތައް ނުދައްކާ މައްސަލަ ތަކުރާރުވެ ހައްލެއް ނުލިބޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ބޯޓުތަކުގެ ވެރިފަރާތުން ރާއްޖޭގައި ކުރާ ވިޔަފާރިތައް ހުއްޓުވުމަށް މިހާތަނަށް އެންވަޔަރަމަންޓް މިނިސްޓްރީން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާތީ ރައްޔިތުންގެ މަޖިލީހުގެ ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ބެހޭ ކޮމިޓީއަށް އެ މިނިސްޓްރީ ހާޒިރުކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ބޭރުގެ އުޅަނދުތައް ރާއްޖޭގެ ފަރުތަކަށް އަރައި ފަރުތައް ހަލާކުވުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން ހިނގަ އެވެ. އެ ބޯޓުތައް އެތައް މިލިޔަން ރުފިޔާއަކުން ޖޫރިމަނާ ކުރިޔަސް، ދައުލަތަށް ލިބިފައިވަނީ ވަރަށް މަދު އަދަދެއްގެ ފައިސާ އެވެ. ގިނަ ފަހަރު ބޯޓުތަކުގެ ވެރިން ޖޫރިމަނާ ދައްކަން އިންކާރުކުރަނީ އެވެ. އެހެންވެ ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ގިނަ މައްސަލަތަކެއް މިހާރު ވެސް ކޯޓުތަކުގައި އެބަ ހިނގަ އެވެ.
ފަރަށް އަރައިގެން ކުރާ ޖޫރިމަނާ ނުދައްކާ މީހުންގެ ވިޔަފާރިތައް ހުއްޓުވޭނެ ގޮތެއް އޮތްތޯ އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްވެސް މަޝްވަރާއެއް މިހާތަނަށް ކޮށްފައިވޭތޯ ސާފުކުރަން އެންވަޔަރަމަންޓް މިނިސްޓްރީގައި މަޖިލީހުގެ ތިމާވެއްޓާ ބެހޭ ކޮމިޓީން މިފަހުން ވަނީ އެދިފަ އެވެ.
ތަފްސީލް - މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމަށް އެކަމާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން ފޮނުވި ޖަވާބުގައި ބުނެފައިވަނީ އެފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް އިކޮނޮމިކް މިނިސްޓްރީއާ އެކު ކޮށްފައި ނުވާ ކަމަށެވެ.
"މިއީ ހަގީގަތުގައި ވަރަށް ދަށްކޮށްދިޔަ ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވެނީ،" މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އިބްރާހިމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކީއްވެގެންހޭ ތިމާވެއްޓަށް ގެެއްލުންދީފައި މިހާ ބޮޑެތި ޖޫރިމަނާތައް ހުރިއިރު އަނެއްކާ ދެވަނަ ފުރުސަތެއް އެ މީހުންނަށް ލިިބިގެން މި ދަނީ. އެމީހުންގެ ވިޔަފާރިތައް ބަންދުކުރެވޭނެ ގޮތެއް ނުހެދިގެން މިއުޅެނީ."
އޭނާ ވިދާޅުވީ މި މައްސަލާގައި މީގެ ކުރިން އޭޖީ އޮފީހުންނާއި އެންވަޔަރަމަންޓް މިނިސްޓްރީން ވެސް އެ ކޮމިޓީއަށް ލަފާދީފައި އޮތީ އެމީހުންގެ ވިޔަފާރިތައް ހުއްޓުވުމަކީ ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަމަށެވެ. އެއީ އެހާ ބޮޑު ކަމެއްގެ ގޮތުގައި ދެކޭއިރު އަދި ފަރަށް ގެއްލުންވުމުގެ ގިނަ ހާދިސާތަކެއްގައި ބޮޑެތި ޖޫރިމަނާތަކެއް ހުރިއިރު މިނިސްޓްރީން އެކަން ނުކޮށް އޮތް ސަބަބު ސާފުކުރަން އެންވަޔަރަމަންޓް މިނިސްޓްރީ ހާޒިރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ކޮމިޓީގައި ދެން ވާހަކަދެކެވުނީ ޖޫރިމަނާ ފައިސާ ހޯދުމުގެ މައްސަަލަތައް ކޯޓަށް ހުށަހަޅާފައި އޮންނަ ގޮތުން އެ ފައިސާ ހޯދަން އުނދަގޫވާތީ އެކަމާމެދު އޭޖީއާ އެކު މަޝްވަރާކުރުމަށެވެ.
އެގޮތަށް ހުށަހެޅުއްވީ ވެސް މުސްތަފާ އެވެ. އޭނާ ވިދާޅުވީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކުގެ ބަދަލު ހޯދަންޖެހޭނީ އެ މަސައްކަތްކުރާ މީހެއްގެ ފަރާތުން ކަމަށް ގާނޫނު ބުނާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބޯޓުގެ އެޖެންޓުން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށާއި އެކަމަކު އޭޖީ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅާފައި އޮންނަނީ އެ ހުރިހާ ފަރާތެއް އެއްކޮށްލައިގެން ކަމުން މައްސަލަތައް ބެލުން ލަސްވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ޖޫރިމަނާކޮށް ފައިސާ ނުލިބި އޮތް މައްސަލަތަކުން ފާހަގަވާކަމަކީ ފަރަށް އަރާ ބޯޓާއެކު އެހެން ކުންފުނިތަކެއް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާކަން ކަމަށް މުސްތަފާ ވިދާޅުވި އެވެ.
މިއަދުގެ ކޮމިޓީގެ ބައްދަލުވުމަށް ވަނީ މީގެ ހަތް އަހަރު ކުރިން ކ. ފުށިދިއްގަރު ފަރަށް ދެ އުޅަނދު އަރައިގެން ލިބުނު ގެއްލުންތަކަށް ޖޫރިމަނާކޮށްފައިވާ މެއިންލޭންޑް ޝިޕިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. މިއީ ވެސް 100 މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާފައި ނުވާތީ ދައުވާ އުފުލާފައިވާ ކުންފުންޏެކެވެ.
އެ ކުންފުނީގެ ފަރާތުން ބުނީ ޖޫރިމަނާ ފައިސާ ދެއްކުން ލަސްވެފައިވަނީ އެ މީހުންނަކީ އެޖެންޓުން ކަމަށްވާއިރު އެހާ ބޮޑު އަދަދެއް އެ ކުންފުނީގެ ފަރާތުން ދައްކަންޖެހެނީ ކީއްވެގެންކަން ސާފުނުވާތީ ކަމަށެވެ.
މުސްތަފާ ވިދާޅުވީ އެ މީހުންގެ ވާހަތަކުން ވެސް އެނގުނީ އެ ކުންފުނީގެ މައްޗަށް ދައުވާ އުފުލަން ފޮނުވަންޖެހޭ އެއްވެސް ސަބަބެއް އަދި ހައިސިއްޔަތެއް ވެސް ނެތްކަން ކަމަށެވެ.
އެހެންކަމުން މިއަދު ކޮމިޓީން ފާސްކުރީ:
ޖޫރިމަނާ ދައްކަންޖެހޭ މީހުންގެ ވިޔަފާރިތައް ހުއްޓުވަން އިކޮނޮމިކް މިނިސްޓްރީއާ އެކު މިހާ ދުވަސްވީއިރު އެއްވެސް މަޝްވަރާއެއް ނުކޮށް އޮތީ ކީއްވެތޯ އެންވަޔަރަމަންޓް މިނިސްޓްރީގެ ކިބައިން ސާފުކުރަން
ފަރަށް އަރައިގެން ކުރާ ޖޫރިމަނާތައް ނުދައްކާ މީހުންގެ މައްސަލަތަކުގައި ފަރަށް އެރި ބޯޓުގެ އެޖެންޓާއި ބޯޓުގެ ވެރިފަރާތަށް އެއްކޮށް އެއް ދައުވާއެއްގެ ގޮތުގައި ދައުވާތައް ހުށަހަޅާފައި އޮންނަނީ ކީއްވެގެންތޯ އޭޖީ އޮފީހުގެ ކިބައިން ސާފުކުރަން
'ފަރަށް އެރުމުގެ ޖޫރިމަނާ ނުދައްކާ މީހުންގެ ވިޔަފާރި ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރޭ'
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ