ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށް ފަސް ފަނޑިޔާރުންނަށް ކޯޓުގެ ބެންޗު ބަދަލުކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު އިސްލާހު ކުރަން މަޖިލީހަށް ހުށަހަޅާފައިވާ ބިލު، މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
ވީކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ބިލު ހުށަހެޅުއްވީ ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެގޮތުން:
ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ؛ ބިލު ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު
ބިލުގެ އިބްތިދާއީ ބަހުސް ފެށީ މިއަދު؛ ބިލު ތަޅުމަށް ބަލައިގަތީ މިއަދު
ބިލު ކޮމިޓީ މިއަދު ހަވީރު ފަށައި ބިލު ފާސްކުރި
ތަފްސީލް - މިއަދު ކޮމިޓީގެ މަސައްކަތް ނިންމައި ތަޅުމަށް ފޮނުވަން ހުށަހެޅުއްވީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ. ޝާހިދުގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ނިޒާރެވެ. އަށް މެންބަރުންގެ ވޯޓުން އެ ގޮތަށް ފާސްކުރި އެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ހުށަހެޅުއްވީ އޭޕްރީލް ފަހުކޮޅަށް ބިލުގެ މަސައްކަތް ނިންމުމަށެވެ. ނަމަވެސް އަށް މެންބަރުންގެ ވޯޓުން އެ ހުށަހެޅުން ފެއިލްކޮށްލި އެވެ.
އޭގެ ފަހުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ގެންދެވީ ބިލުގެ ފަހަރަކު މާއްދާއެއް ވިދާޅުވެ އިސްލާހެއް ހުށަހަޅަން އޮތްނަމަ އެ ފުރުސަތު ދެއްވަމުންނެވެ. އެއިން ކޮންމެ މާއްދާއަކަށް އެމްޑީޕީގެ މެންބަރުން ގެންދިޔައީ އިސްލާހު ހުށަހަޅަމުންނެވެ. ޕީއެންސީ މެންބަރުންގެ ވޯޓުން ގެންދިޔައީ އެމްޑީޕީން ހުށަހަޅާ އިސްލާހުތައް ބޭރުކުރަމުންނެވެ.
ކޮމިޓީން ފާސްކުރީ ބިލު ހުށަހެޅި ގޮތަށެވެ. ހަތް މެންބަރުންގެ ވޯޓުންނެވެ. ޕީއެންސީގެ މެންބަރުންގެ ތެރެއިން ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމް ބިލު ފާސްކުރަން ވޯޓެއް ނުދެއްވަ އެވެ.
ބިލުގައިވާ މުއްދަތު މާ ކުރު ކަމަށް ވިދާޅުވެ، އަނާރާ ކަންބޮޑުވުން ފާޅުކުރެއްވުމަށް ފަހު ވެސް ވިދާޅުވީ އެއީ ހުށަހެޅުއްވުމެއް ނޫން ކަމަށެވެ. އެހެންވެ އެއަށް މުގައްރިރު ވޯޓަކަށް ނާހަ އެވެ. މުއްދަތުތަކުގެ މާއްދާތަކަށް އަނާރާ ވޯޓު ދެއްވީ ވެސް ވަކިކޮޅަކަށް ވޯޓު ނުދެއްވާ ގޮތަށެވެ.
ބިލު ހުށަހަޅާފައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިބި ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުން ކަމަށް ހެދުމަށެވެ. މީގެ ނަތީޖާއަކީ، މިހާރު އެ ކޯޓުގައި ތިބި ދެ ފަނޑިޔާރުން މަގާމުން ވަކިވާނެ އެވެ. އެގޮތުން:
ބިލު ގާނޫނަށް ވުމާ އެކު، ގިނަވެގެން ފަސް ދުވަސް ތެރޭ ވަކި ކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހޭ
މަޖިލީހަށް އެ ފަނޑިޔާރުންގެ ނަންތައް ހުށަހަޅާތާ ގިނަވެގެން ހަތް ދުވަސް ތެރޭ އެ މީހުން މަގާމުން ވަކިކުރުމާ މެދު ގޮތެއް ނިންމަން ޖެހޭ
އެ ޓައިމްލައިންގައި މިކަންކޮށް ނިންމުމަށްޓަކައި މަޖިލީހުގެ ގަވައިދާއި އެހެން ގާނޫނުތަކުގައި ބައެއް ކަންކަމުގައި ބަލަން ޖެހޭ މުއްދަތުތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް، އިސްތިސްނާއެއް ގެނައުމުގެ ބާރު މަޖިލީހަށާއި ޖޭއެސްސީސީއަށް ދީފައިވޭ
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިވާ ގޮތަށް ގާނޫނު ބަދަލުކުރުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމާފައިވަނިކޮށެވެ. ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.
މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބިލުގެ ބަހުސްގައި ވެސް ޕީއެންސީގެ ބައެއް މެންބަރުން ވާހަކަ ދެއްކެވީ ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީއަތާ ގުޅޭ ގޮތުންނެވެ. މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ސުޕްރީމް ކޯޓަށް ނުވެސް ބެލޭނެ ކަމަށް އެ މެންބަރުން ވިދާޅުވެފައިވެ އެވެ.
އިއްޔެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމުގައި ގިނަ މެންބަރުން އެ ކަމަށް ދެކޮޅު ވެސް ހެއްދެވި އެވެ. ނަމަވެސް ބިލަށް ތާއީދުކުރުމަށް މެންބަރުންނަށް ޕީއެންސީގެ ލީޑާޝިޕުން ރޭގެ ވަގުތެއްގައި އެންގި އެވެ. މެންބަރުން ބިލުގެ މަސައްކަތް ގެންދަވަނީ އެ އެންގެވުމާ އެއް ގޮތަށެވެ.
ފާހަގަކޮށްލެވޭ ކަމެއް - ބިލު މަޖިލީހަށް ހުށަހެޅުމުގެ ކުރިން މިދިޔަ އާދިއްތަ ދުވަހު ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީއަށް އެ މަނިކުފާނު އައްޔަންކުރައްވާފައިވާ މުހައްމަދު ސަމީރު އެ މަގާމުން ވަކިކޮށް، އެ މަގާމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ މެންބަރު އަދި އެކައުންޓިން ދާއިރާއިން ތައުލީމް ހާސިލުކުރައްވައިގެން ހުންނެވި ޔަޒުމީދު މުހައްމަދު އައްޔަންކުރައްވާފަ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ކޮމިޓީން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ