ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު ގަޑިއިރެއް ތެރޭ ކޮމިޓީން ފާސްކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ބިލު ގަޑިއިރެއް ތެރޭ ކޮމިޓީން ފާސްކޮށްފި

ސިޔާސީ ޕާޓީތަކަށް, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓުން ބަލަމުންދަނިކޮށް، އެ ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރަން ހުށަހަޅާފައި އޮތް ބިލުގެ ކޮމިޓީ މަސައްކަތް ގަޑިއިރެއްގެ ތެރޭގައި ނިންމައިފި އެވެ.
މަޖިލީހަށް ހުށަހެޅި ބިލަށް އެއްވެސް އިސްލާހެއް ނުގެނެސް ކޮމިޓީން ފާސްކުރީ ޖުޑީޝަރީ ކޮމިޓީގެ އަށް މެންބަރުންގެ ވޯޓުންނެވެ. ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ދެ މެންބަރުން ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ. ޕީއެންސީގެ މެންބަރު އަނަރާ ނައީމް ވޯޓުގައި ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލު ކުރަން ބިލް ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އާދިއްތަ ދުވަހުގެ ރޭ މަޖިލީހަށް ވެއްދި މި ބިލު ބަލައިގަންނަން ފާސްކުރީ މިއަދު އެވެ.
ސަރުކާރުން ހުށަހެޅި ބިލެއް ނޫންކަން ދައްކަން ސައްތާރު ލައްވައި އޭނާގެ އަމިއްލަ މެންބަރެއްގެ ބިލެއްގެ ގޮތުގައި ބިލް ހުށަހެޅުއްވުމަށް ފަހު، އެ ބިލަށް ޕީއެންސީގެ މެންބަރުންގެ ތާއިދު އޮތްތޯ ބެލުމަށް އިއްޔެ ބޭއްވި ޕާލިމެންޓަރީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ދެތިން މެންބަރެއް ފިޔަވައި އެ ބިލް ފާސްކުރަން ތާއިދު ނުކުރާ މެންބަރަކު ނެތެވެ. ނަމަވެސް ޕީއެންސީގެ ލީޑަޝިޕުން ރޭގެ ވަގުތެއްގައި މެންބަރުންނަށް އެންގީ އެ ބިލަށް ތާއިދު ކުރުމަށެވެ.
އެ ބިލުގައި ބުނެފައި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ