ކައުންސިލުންދޭ ލިޔުން ސައްހަނޫނިއްޔާ ދިމްޔާތު ރަޖިސްޓްރީ ސައްހަވާނެތަ!

އުފަން ދުވަހުގެ ސެޓިފިކެޓާއި އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ދޫކުރަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލު ތަކުންނެވެ. ވިހާ މަރުވާ ބަލަހައްޓާ މީހުންގެ ރަށްވެހިކަން ބަލަހައްޓަނީ ވެސް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލު ތަކުންނެވެ. ކާކުކަން އަންގާދޭ ކާޑު ހެދުމުގައި މީހާގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކޮށްދޭ ފަރާތަކީވެސް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލު ތަކެވެ. އެހެންކަމުން އެ ކައުންސިލެއް ނިސްބަތްވާ ރަށެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއްގެ މައުލޫމާތު އެންމެ ރަނގަޅަށް އެނގޭނެ ދައުލަތުގެ އިދާރާއަކީ ސިޓީ ކައުންސިލް އާއި ރަށު ކައުންސިލެވެ.
ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ރާއްޖޭގައި މަދުވެގެން ތިން އިންތިހާބު އޮވެއެވެ. ކޮންމެ އިންތިހާބަކާ ދިމާކޮށް އެރަށެއްގެ ރަށްވެހިންގެ ތެރެއިން ރަށުން ބޭރުގައި އުޅޭ މީހުންނާއި އެމީހުން އުޅޭތަންތަން އިލެކްޝަންސް ކަމިޝަނުން ކަށަވަރު ކުރެވެއެވެ. އިލެކްޝަންސް ކޮމިޝަނުން ކަށަވަރުކުރާ މައުލޫމާތު އެމީހަކު ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލަށް ހިއްސާކުރެއެވެ. 
ސަރުކާރުގެ އިދާރާތަކުން މީހަކާ ބެހޭ ސައްހަ މައުލޫމާތު ކަށަވަރުކުރުމަށް އަބަދުވެސް މައުލޫމާތު ހޯދަނީ އެމީހަކު ނިސްބަތްވާ ރަށެއްގެ ރަށު ކައުންސިލުންނެވެ. ރަށަކަށް ނިސްބަތްވާ މީހަކާބެހޭ ގޮތުން އެންމެ ސައްހަ މައުލޫމާތު ހޯދާދެވޭނެ ފަރާތަކީ އެމީހަކު ނިސްބަތްވާ ރަށެއްގެ ކައުންސިލެވެ. އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުންވެސް މީހަކާބެހޭ ސައްހަ މައުލޫމާތު ހޯދޭނެ އެހެން އިދާރާއެއް ކައުންސިލް ނޫނީ ނުހުންނާނެއެވެ. 
ސިޓީ ކައުން ސިލްތަކާއި ރަށު ކައުންސިލްތަކުގައި ތިބެނީ ރައްޔިތުން އިންތިހާބުކޮށް ގާނޫނީ ހުވައެއް ކޮށްގެން ތިބޭ ބައެކެވެ. ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި ރަށުކައުންސިލްގެ މެންބަރުންނަކީ ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަދަ ރައްޔިތުންގެ އިތުބާރު ލިބިގެން ތިބި ބައެކެވެ. ކައުންސިލު މެންބަރުންނަކީ ތަނެއްގައި މީހަކު ހުރީތީ މީހަކު އައްޔަނުކޮށްފައި ތިބިބައެއް ނޫނެވެ. 
އެހެން ކަމުން ސިޓީ ކައުންސިލާއި ރަށު ކައުންސިލުން އެތާނގެ ވެރިއަކު ސޮއިކޮށް ރަސްމީ ސިއްކަ ޖަހާފައި ދީފައި އޮންނަ ލިޔުމަކީ ބާތިލު އެއްޗެއް ކަމަށް މުއްތަލިބަކަށް ހައިދަރަކަށް ކަނޑައެއް ނޭޅޭނެއެވެ. އޭސީސިއަކަށް ވެސް ކަނޑައެއް ނޭޅޭނެއެވެ. ކައުންސިލެއްގެ ސިއްކަ ޖެހި ލިޔުމެއް ބާތިލުކަމަށް ނީންމޭނީ އެ ލިޔުމެއް ދޫކޮށްފައިވަނީ ކޮރަޕްޝަންގެ ތެރެއިންކަން ޝަރީއަތަށް ސާބިތުވުމުންނެވެ. 
މީހަކު މެދު ނުކެނޑި މާލޭގައި ދިރިއުޅުނުކަން ކަށަވަރު ކުރުމަށް އަމިއްލަ ކުންފުންޏަކުންދޭ ލިޔުމަކަށްވުރެ އެމީހަކާ ބެހޭގޮތުން އެމީހަކު ނިސްބަތްވާ ރަށެއްގެ ކައުންސިލުންދޭ ލިޔުމުގެ ސައްހަކަން މާ ބޮޑުވާނެއެވެ. ކައުންސިލް ތަކުން ދޫކުރުމުން ގެދޮރުވެރި ޕޯޓަލަށް ހުށަހެޅި ހުރިހާ ލިޔުމެއް ސައްހަނުވާނެ ކަމަށްބަލާ ކައުންސިލްތަކުގެ ލިޔުންތައް ބަލައިނުގަތުމަށް މުއްތޮލިބު ނިންމި ނިންމުމަކީ ގާނޫނީ ޝަހުސެއްގެ ގާނޫނީ ސައްހަކަން ނެތްކަމަށް ނިންމި ގައިރު ގާނޫނީ ނިންމުމެކެވެ. ކޮރަޕްޝަންގެ ތެރެއިން ބަޔަކު ލިޔުމެއް އުފައްދާފައިވާނަމަ އެކަމެއް ވަކީން ބަލާ އެކަމަކަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެތައް ބައެއްގެ ހައްގަށް އަރައިގަތީ ގާނޫނު އަސާސީން އުފައްދާފައިވާ ދުސްތޫރީ މުއައްސަސާތަކެއްގެ ގާނޫނީ ހައިސިއްޔަތު ވެސް ނަގާލާފައެވެ. 
ގެދޮރުވެރި ޕޯޓަލަށް ހުށަހެޅި ކައުންސިލްތަކުގެ ލިޔުންތައް ސައްހަނޫންކަމަށް މުއިއްޒު ސަރުކާރުން ނިންމި ހިސާބުން ކައުންސިލްތަކުން ދޫކޮށްފައިވާ އެއްވެސް ލިޔުމަކީ ސައްހަ އެއްޗަކަށް ނުބެލޭނެއެވެ. ޑރ. މުއިއްޒަށް މާލެ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ދިމްޔާތު ރަޖިސްޓްރީ އާއި މުއްތޮލިބު ނިސްބަތްވާ ގދ. ފިޔޯރީ / ގުލްބަކާގޭގެ ރަޖިސްޓްރީ ވެސް ބާތިލު އެއްޗަކަށްވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ