ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެނައީ އާންމު އުސޫލުގެ މަތިން ކަމަށް ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު ގެނައީ އާންމު އުސޫލުގެ މަތިން ކަމަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގައި ޕީއެންސީ ތަމްސީލު ކުރައްވާ މެންބަރުންނަށް ބަދަލު ގެންނެވީ އާންމު އުސޫލުގެ މަތިން ކަމަށް އެ ޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ފަލާހު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް ކޮމިޓީތަކުން މެންބަރުން އެއް ކޮމިޓީން އަނެއް ކޮމިޓީއށް ބަދަލު ކުރުމަކީ އަބަދުވެސް ހިނގާ ކަމެއް ކަމަށެވެ.
"ޕީޖީ ގްރޫޕުގެ އަދަދާއި ކޮމިޓީތަކުގެ އަދަދާއި މެންބަރުން ކޮމިޓީގެ ހާޒިރީއަށް ދެއްވާ އަހަންމިއްޔަތުކަމާއި ކޮމިޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މައްޗަށް ބިނާކޮށް އެކި ކޮމިޓީތަކަށް އެކި މެންބަރުން އެކިއިރު ބަދަލު ގެނައުމަކީ 17، 18، އަދިި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް ހިނގާފައި ހުންނަ ކަންކަނަ ކަމުގައި ދަންނަވައިލަން" ފަލާހުގެ ޕޯސްޓުގައި ބުންޏެވެ.
އޭނާ ވިދާޅުވީ މި މަޖިލީހުގައި ކަން ހިނގަމުން ދަނީ އެ މަގުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކޮމިޓީތަކަށް އެ ވަގުތަކު ގެންނަން ބޭނުންވާ ބަދަލުތައް ގެންނަމުން ދާނެ ކަމަށެވެ.
ފަލާހު މިފަދަ ޕޯސްޓެއް މި ކުރެއްވީ ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު، އަހުމަދު އަޒާން މަރުޒޫގު ހިމެނިވަޑައިގެންނެވި 241 ކޮމިޓީ އަދި މާލިއްޔަތު ކޮމިޓީން އޭނާ ވަކިކޮށް ޕެޓިޝަން އަދި އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ބަދަލު ކުރުމާ ގުޅިގެން އާންމުންގެ ސަމާލުކަން އެކަމަށް ހުއްޓުމުންނެވެ.
ކޮމިޓީތަކަށް މިއަދު ބަދަލު ގެނައީ އާންމު އުސޫލުގެ ދަށުން ކަމަށް ފަލާހު ވިދާޅުވި ނަމަވެސް އަޒާން މިއަދު ވިދާޅުވީ 241 ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީން އޭނާ ވަކިކުރީ ބާރުގަދަ ބައެއްގެ ހިޔާނާތުގެ މައްސަލަތަކެއް ބަލަން އޭނާ އުޅުއްވުމުން ކަމަށެވެ.
"އަހަރެން ކޮމިޓީން ވަކިކުރީ ބާރުގަދަ ބައެެއް ފަރާތްތަކުގެ މަސްލަހަތު ހިމެނޭ ހިޔާނާތުގެ މައްސަލަތައް މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން އުޅޭތީ. މިގޮތުން ކޮމިޓީން ކުރަމުންދާ އެއް ކަމެއް، ސަރުކާރުގެ ކުންފުނިތަކުގެ ޕްރޮކިއުމެންޓު ދިރާސާކުރުން،" ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ފަހު އަޒާން އަދަދު އަށް ވިދާޅުވި އެވެ.
"އެންމެ ފަހުން ދިރާސާކުރަން ފެށީ ވެމްކޯ. އެތާ ފާއިތުވި އަހަރު ކުއްޔަން ތަކެތި ނަގައިގެން 65 މިލިއަން ސްޕެންޑުކޮށްފައިއިން ކަމަށް ދައްކާ. މިކަންކަން ބަލަން ފެށީމަ އެކި ދިމަދިމާލުން ޕްރެޝަރު އާދޭ ނުބަލަން. ހާއްސަކޮށް މިކަންކަމަުން އެކި ގޮތްގޮތުން ނަފާ ލިބޭ މީހުން."
ވަކި ހާއްސަ ކޮމިޓީއެއްގައި ނެތަސް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލައި ޒިންމާދާރު ކުރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އަޒާން ވިދާޅުވި އެވެ.
މަސްދަރުތަކުން އަދަދު ނޫހަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން އަޒާން ވަކިކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ.
އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ. އެގޮތުން ބިލު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވެ، އަޒާން ވަނީ މަޖިލިސް ދޫކޮށް ގޮސްފަ އެވެ.
ބިލު ބަލައިގަތުމަށް ނެގި ވޯޓުގައި ބައިވެރިނުވުމާ ގުޅިގެން އަޒާނަށް ރައީސް މުއިއްޒު ވަނީ ނުރުހުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގްރޫޕަށް އަންގާރަ ދުވަހު މެސެޖެއްވެސް ފޮނުއްވާފަ އެވެ. އޭގެ ފަހުން އަޒާން އެ ގްރޫޕުން ބޭރުކޮށްލި އެވެ.
"ޕާޓީން ތްރީލައިން ވިޕެއް ކަނޑައެޅީމަ އެޔާ ހިލާފު ވުމަކީ އެއްވެސް ބޭފުޅަކު ކޮށްގެން ވާނެ ކަމެއް ނޫން. އެއްވެސް ފަހަރަކު،" އެ ދުވަހު ރަސްމީ ދަތުރެއްގައި ދ. އަތޮޅުގައި ހުންނެވި ރައީސް މުއިއްޒު ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖުގައި ވިދާޅުވި އެވެ.
މިއީ ވަޓްސްއެޕް ގްރޫޕުން ބޭރުކުރުމަށް ފަހު އަޒާނާ ދެކޮޅަށް ޕީއެންސީން އެޅި ފުރަތަމަ ފިޔަވަޅެވެ. ޕީއެންސީގެ ހިތަދޫ މެދު ދާއިރާގެ ސްޓިއަރިން ކޮމިޓީގެ ނަމުގައި އަޒާނާ ދެކޮޅަށް ބަޔާނެއް ވެސް ނެރުނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅު ހެދި ނަމަވެސް ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައިކަން އަޒާން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ