ބަކާގެ ހަނދާން އާ ކުރުމާ އެކު ވެޓަރަންސް ލީގެއް ބަކާގެ ހަނދާން އާ ކުރުމާ އެކު ވެޓަރަންސް ލީގެއް

މިދިޔަ އަހަރު ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވެގެންދިޔަ، ގައުމީ ފުޓްބޯޅަ ޓީމުގެ މިޑްފީލްޑަރު، މުހައްމަދު އާރިފް (ބަކާ)ގެ ހަނދާން އާ ކުރުމާ ގުޅުވައިގެން، މޯލްޑިވްސް ސޮކަ މޭޓްސް (އެމްއެސްއެމް) އިން ކުރިއަށްގެންދާ ސެވަން އަ ސައިޑް ވެޓަރަންސް ލީގުގެ ކުުޅުން މިއަދު ފަށައިފި އެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތް ދެ ކެޓަގަރީ އަކަށް ކުރިއަށްދާއިރު، މި މުބާރާތުގައި ބަކާގެ ހަނދާން އާ ކުރުމަށް، ދަނޑުގައި ހާއްސަ ބެނާއެއް ވެސް ވަނީ ބަހައްޓައިފަ އެވެ. ބަކާ، އެންމެ ފަހުން ވެސް ކުޅެފައިވަނީ، އެމްއެސްއެމް ޓީމުގައި ހިމެނިގެން ވެޓަރަންސް މުބާރާތެއްގަ އެވެ. އެެހެންވެ، މި މުބާރާތުގައި ބަކާގެ ހަނދާން އާ ކުރާއިރު، ލޯގޯއެއް ވެސް އެމްއެސްއެމް އިން ވަނީ ފަރުމާކޮށްފަ އެވެ.
މިއަދުން ފެށިގެން މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި 40 އަހަރުން މަތީގެ ވެޓަރަންސް ބައިގައި، ނުވަ ޓީމެއް ކުޅޭއިރު، 50 އަަަހަރުން މަތީގެ މާސްޓާސް ބައިގައި އަށް ޓީމެއް ވާދަކުރެ އެވެ. ޖުމްލަ އެކު، 60 މެޗެއް ކުޅޭގޮތަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުތައް ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އެވެ.
އެ ގޮތުން، ވެޓަރަންސް ގްރޫޕް އޭގެ ފުރަތަމަ މެޗުން، މަޑިސްޓާސް އަތުން މުއިވެޔޮ ފްރެންޑްސް މޮޅުވީ 2-1 އިންނެވެ. އަދި، މާސްޓާސް ގްރޫޕް އޭގެ ފުރަތަމަ މެޗުން، މުއިވެޔޮ ފްރެންޑްސް އަތުން ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ވަނީ، 5-1 އިން މޮޅުވެފަ އެވެ.
ވެޓަރަންސް ޑިވިޝަނުގައި، މުއިވެޔޮ އާއި މަޑިސްޓާސްގެ އިތުރުން ދެން ވާދަކުރަނީ، ހައިނަސް، ޓީސީ ސްޕޯޓްސް ކްލަބް، މޯލްޑިވްސް ސޮކަ މޭޓްސް، ލެގޫންސް ސްޕޯޓްސް ކްލަބް، ކްލަބް ޕީކޭ، ވިކްޓަރީ ސްޕޯޓްސް ކްލަބް އަދި ބީޖީ ސްޕޯޓްސް ކްލަބް އެވެ. މާސްޓާސް ޑިވިޝަނުގައި މުއިވެޔޮ އާއި އެމްއެސްއެމްގެ އިތުރުން ދެން ހިމެނެނީ، ކްލަބް ވެލެންސިއާ، ހައިނަސް، ސޮކަ ވެޓެރަންސް، ލެގޫންސް، ވިކްޓަރީ އަދި ކުޑަހެންވޭރު ޔުނައިޓެޑް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ