ހުންނާނީ ރައީސް ޔާމީނާ އެކު، މައުމޫނަށް ވެސް އެއްބާރުލުން ދޭނަން: މެމްބަރު ލަތީފް

ރައީސް އަބްދުﷲ ޔާމީންގެ ފަހަތުން ވަކިވާންޖެހޭނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވެސް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލްލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީޕީއެމް ދެބައިވެ، ރައީސް މައުމޫނަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް ޔާމީނަށް ތާއީދުކުރާ ފެކްޝަނެއް އުފެދިފައިވާ އިރު، ރައީސް މައުމޫނުގެ ފެކްޝަނުގެ، ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުންނާ ގުޅިވަޑައިގަތް، ސަރުކާރަށް ނިސްބަތްވާ ފަސް މެމްބަރުންގެ ތެރޭގައި ލަތީފް ހިމެނެއެވެ. މައުމޫން ފެކްޝަންގައި ފުރަތަމަ ތިއްބެވި ތިން މެމްބަރުންނަކީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންގެ އިތުރުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމެވެ. ބުރާސްފަތި ދުވަހު އެ ފެކްޝަނާ ގުޅުނު ފަސް މެމްބަރުންނަކީ ލަތީފްގެ އިތުރުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި، ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ، އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމާއި، އެމްޑީއޭއަށް ނިސްބަތްވާ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފެވެ. ޖެހިގެން އައި ދުވަހު ލަތީފް ވަނީ އެ ފެކްޝަނުން ވަކިވެ، ރައީސް ޔާމީންގެ ފެކްޝަނާ ގުޅިވަޑައިގެންފައެވެ. ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ބައެއް ބޭފުޅުން ވަނީ، ލަތީފް ހުންނެވީ ރައީސް ޔާމީނާ އެކު ކަމަށް ވިދާޅުވެ، ޓްވީޓު ވެސް ކުރައްވައިފައެވެ. ޗެނަލް13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ އޭނާ ހުންނެވީ "އެއްވެސް ކޮޅެއްގައި ނޫން" ކަމަށާއި، އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ކަމަށެވެ. "އަޅުގަނޑަށް އިންތިޚާބު ކާމިޔާބު ކުރުމަށް އެންމެ ބޮޑަށް އެހީތެރިވެދިނީ ރައީސް ޔާމީން. އެއާ އެކު ދެވަނައަށް އެންމެ ބޮޑު ފުރުސަތެއް ދެއްވީ ރައީސް މައުމޫން. އަޅުގަނޑަށް ވަރަށް އުނދަގޫވޭ އެ ދެ ބޭފުޅުންގެ ތެރޭގައި ފިތުނައެއް ނުވަތަ ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ނަމަ،" ލަތީފް ވިދާޅުވިއެވެ. ރައީސް ޔާމީނަށާއި ރައީސް މައުމޫނަށް ވެސް ވަފާތެރިކަން ހާމަ ކުރައްވަމުން ލަތީފް ވިދާޅުވީ އޭނާ އެންމެ ލޯބިވާ ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރު ކަމަށާއި، "ރައީސް ޔާމީންގެ ފަހަތްޕުޅުން ވަކިވެގެން ދާނެ އެއްވެސް ގޮތެއް ނޯންނާނެ" ކަމަށެވެ. "އަޅުގަނޑުމެން ތިބޭނީ އަބްދުﷲ ޔާމީންގެ ފަހަތުގައި. އެހެން ލީޑަރަކު ހޯދަންޖެހޭ ސަބަބެއް ނެތް،" ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އޭނާގެ އެއްބާރުލުމާއި އެހީތެރިކަން، ޕީޕީއެމްގެ ރައީސް މައުމޫނަށް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "ރައީސް ޔާމީނާއި ރައީސް ޔާމީންގެ ސަރުކާރަށް އަޅުގަނޑުގެ ފަރާތުން އެހީތެރިކަމާއި އެއްބާރުލުން ހުރިހާ ވަގުތަކު ދޭނެ ކަމާއި، ޕާޓީގެ ރައީސް މައުމޫނަށް ވެސް އަޅުގަނޑުގެ އެއްބާރުލުމާއި އެހީތެރިކަން ދޭނަން. އެ ދެބޭފުޅުންނަކީ ވަކި ނުކުރެވޭނެ ދެ ބޭފުޅުން. ދުނިޔޭގެ ހުރިހާ ބާރަކަށް ވުރެ މާ ބާރުގަދަ ގުޅުމެއް އާއިލީ ގުޅުމަކީ. ބައިބައި ވެގެން ވަކިވެގެން ނުދާނެ ބޭފުޅުން އެއީ. އެ ދެ ބޭފުޅުން ފެންނާނީ އެއްކޮށް އުޅޭތަން،" ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން ލަތީފް ވިދާޅުވީ، ޕާޓީގައި މިހާރު އުޅޭ މައްސަލައަކީ ޕާޓީގެ އެތެރޭގެ މައްސަލައެއް ކަމަށާއި އެއީ އޭނާއާ ބެހޭ ކަމެއް ނޫން ކަމަށެވެ. "[އެއީ] ޕާޓީގެ ތެރޭގައި އުފެދިގެން އުޅޭ މައްސަލައެކޭ. އެއީކީ އަޅުގަނޑާ ބެހޭ ކަމެއް ނޫން. އަޅުގަނޑު އަބަދުވެސް ހުންނާނީ ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި،" ލަތީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ