ރާއްޖެއިން ބޫޓާނަށް ކަނޑައެޅި ސަފީރު، އެ ގައުމުގެ ރަސްގެފާނަށް ފަތްކޮޅު އަރުވައިފި
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައެޅުއްވި ނޮން-ރެޒިޑަންޓް ސަފީރު، ޝިއުނީން ރަޝީދު، އެ ކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބޫޓާންގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްގިޔެލް ވަންގްޗުކްއަށް މިއަދު އަރުވައިފިއެވެ. ބޫޓާންގެ ވެރިރަށް ތިމްޕޫގަައި އޮތް, ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޝިއުނީންއަށް، ރަސްގެފާނު ޖިގްމޭ ކޭސަރު ވަނީ މަރުހަބާ އާއި ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުވުމުގައި ސަފީރު ޝިއުނީން ރަޝީދު ދެއްކެވި ވާހަކަފުޅުގައި، އެ ކަމަނާއަށް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ބޫޓާންގެ ރަސްގެފާނަށާއި އެ ގައުމުގެ ރައްޔިތުންނަށް ހެޔޮއެދުމާއި ތަހުނިޔާ ރައްދުކޮށްދެއްވިއެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހި ސަރުކާރުން އިސްކަންދޭކަން ސަފީރު ފާހަގަ ކުރެއްވިއެވެ. އަދި, ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމަށް ފައިދާހުރި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަންވެސް އެ ސަފީރު ފާހަގަކުރެއްވިއެވެ. ފަތްކޮޅު އެރުއްވުމަށް ފަހުގައި, ސަފީރު ވަނީ ބޫޓާންގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި، ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. ދިވެހިރާއްޖެއިން ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޝިއުނީން، ރާއްޖެއިން ބޫޓާންއަށް ކަނޑައަޅުއްވާ ނޮން-ރެޒިޑަންޓް ސަފީރުކަމުގެ މަގާމަށް ރައީސް މުޢިއްޒު އައްޔަން ކުރެއްވީ 26 ފެބްރުއަރީ 2025 ގައެވެ. ދިވެހިރާއްޖެ އާއި ބޫޓާން އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފައިވަނީ 1984 ވަނަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ