ޖާސޫސްކުރިކަމުގެ ތުހުމަތުގައި އީރާނުން 500 މީހުން ހައްޔަރުކޮށްފި

އެމެރިކާ އާއި އިޒްރޭލުން އީރާނުގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދެމުންދާއިރު، ބޭރުގެ ދުޝްމަނުންނަށް މައުލޫމާތު ހިއްސާކުރި ކަމުގެ ތުހުމަތުގައި 500 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އެ ގައުމުގެ ފުލުހުންގެ ވެރިޔާ އަހުމަދު ރެޒާ ރާދާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރާދާން ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ސީރިއަސް މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. އޭގެ ތެރޭގައި ބޭރުގެ ބާރުތަކަށް ހަމަލާދޭނެ ތަންތަނުގެ މައުލޫމާތު ފޯރުކޮށްދިން މީހުން ހިމެނެ އެވެ.
ހަމަލާދޭނެ އަމާޒުތަކުގެ މައުލޫމާތު ދިން މީހުންނާއި ހަމަލާދިން ތަންތަނުގެ ވީޑިއޯ ނަގައި ފޮނުވި މީހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެކި ޕްރޮވިންސްތަކުން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެގޮތުން، އުތުރު ހުޅަނގު ސަރަހައްދުން އަސްކަރީ އަދި ސަލާމަތީ މަރުކަޒުތަކުގެ މައުލޫމާތު އިޒްރޭލަށް ފޮނުވި ކަމުގެ ތުހުމަތުގައި 20 މީހަކު ހައްޔަރުކޮށްފައިވާއިރު، އުތުރު އިރުމަތީ ސަރަހައްދުން ނާޒުކު ތަންތަނާއި އިންފްރާސްޓްރަކްޗާގެ މައުލޫމާތު އެއްކުރި ކަމުގެ ތުހުމަތުގައި 10 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން، ހުޅަނގުގެ ލޮރެސްތާން ޕްރޮވިންސްއިން އާންމުންގެ މެދުގައި ފިތުނަ އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލުން ރިޕޯޓްކޮށްފައިވެ އެވެ.
އީރާނުގެ ކަމާ ބެހޭ ފަރާތްތަކުން ބުނި ގޮތުގައި، މި ހައްޔަރުކުރުންތަކަކީ ހަނގުރާމައިގެ ދުވަސްވަރު ޖާސޫސްކުރުމާއި ހަމަނުޖެހުންތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ބައެކެވެ. ރިވޮލިއުޝަނަރީ ގާޑްސްގެ އިންޓެލިޖެންސް އިދާރާގެ ގޮފިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލާއި އެމެރިކާއިން އީރާނަށް އަރައިގަންނަން މަސައްކަތްކުރާއިރު، ހަމަނުޖެހުން ހިންގުމަށްޓަކައި ކުލީ ސިފައިންނާއި ޖާސޫސުން ބޭނުންކުރަމުންދާ ކަމަށެވެ.
މި ހައްޔަރުކުރުންތައް މި އައީ، އީރާނުގައި ތިބި މައުލޫމާތު ދޭ މީހުންގެ އެހީގައި އިޒްރޭލުން އީރާނުގެ ސަލާމަތީ ޗެކްޕޮއިންޓްތަކަށް އަމާޒުކޮށް ހަމަލާދޭން ފަށާފައިވާ ކަމަށް ރިޕޯޓްތައް ބުނާ ދަނޑިވަޅެއްގަ އެވެ. މިއީ އަސްކަރީ ކެމްޕޭނުގެ އާ މަރުހަލާއެއްގެ ގޮތުގައި ބެލެވެ އެވެ.
މިއަހަރުގެ ކުރީކޮޅު އީރާނުގައި ފެށުނު ސަރުކާރާ ދެކޮޅު މުޒާހަރާތަކަށް އެމެރިކާ އާއި އިޒްރޭލުން އެހީތެރިވާ ކަމަށް އީރާނުން މީގެ ކުރިން ވެސް ވަނީ ތުހުމަތުކޮށްފަ އެވެ. އެ މުޒާހަރާތައް ހުއްޓުވުމަށް އީރާނު ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ