މެލޭޝިއާގެ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މި އަހަރުގެ އޮކްޓޯބަރު މަހު މެލޭޝިޔާގެ ކުއަލަލަންޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ 66 ވަނަ "މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒޭޝަން އެސެންބްލީ" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިންނަށް ހުޅުވާލައިފިއެވެ. ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބުނިގޮތުގައި، އޮކްޓޯބަރު ހަތަރަކުން 10 އަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން ބައިވެރިވުމަށް ދެ ކެޓެގަރީއަކުން ވަނީ ފުރުޞަތު ލިބިފައެވެ. އެއީ މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ކެޓެގަރީއާއި، މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީއެވެ. ހިތުން ކިޔެވުމުގެ ކެޓެގަރީއަށް ކުރިމަތިލެވޭނީ އުމުރުން 13 އަހަރާއި 24 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. މި ބައިގައި ބައިވެރިވެވޭނީ މުޅި ޤުރްއާން ހިތުދަސްކޮށް، ޤައުމީ މަރުކަޒުން ސަނަދު ޙާޞިލުކޮށްފައިވާ ޙާފިޡުންނަށެވެ. މީގެ އިތުރުން، އައްޝައިޚް މިންޝާވީ ނުވަތަ އައްޝައިޚް އަބްދުލް ބާސިތުގެ މުރައްތަލް ކިޔެވުމުގެ ވައްޓަފާޅިއަށް ކިޔަވަން އެނގުމަކީވެސް ލާޒިމު ކަމެކެވެ. މުޖައްވަދުކޮށް ތިލާވަތުކުރުމުގެ ކެޓެގަރީ ޚާއްޞަކޮށްފައިވަނީ ޢުމުރުން 18 އަހަރާއި 49 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ. މި ބައިގައި ބައިވެރިވާ ފަރާތްތަކަކީ މުޅި ޤުރްއާން ބަލައިގެން ފަރިތަކަމާއެކު، ތަޖުވީދުގެ ހަމަތަކުގެ މަތިން މަދުވެގެން ދެ މަޤާމާތަށް މުޖައްވަދުކޮށް ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހެއެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ޢާންމު ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، މީގެ ކުރިން މި މުބާރާތުން އެއްވަނަ ހޯދާފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ. އަދި ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި މި މުބާރާތުގައި ވާދަކޮށްފައިވާ ފަރާތްތަކަށްވެސް މިއަހަރު ފުރުޞަތެއް ނުލިބޭނެއެވެ. ދެ ޖިންސަށްވެސް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ލިބިފައިވަނީ އަންހެން ބައިވެރިއަކާއި ފިރިހެން ބައިވެރިއެއްގެ ޖާގައެވެ. އެހެންކަމުން ކޮންމެ ކެޓެގަރީއަކުން ހޮވާނީ އެންމެ ބައިވެރިއެކެވެ. މުބާރާތަށް ފޮނުވާނެ ބައިވެރިން ކަނޑައަޅާނީ ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން ބާއްވާ ޚާއްޞަ އޮޑިޝަނަކަށް ފަހުގައެވެ. މި އިމްތިޙާނުގައި ބައިވެރިންގެ ތަޖުވީދާއި، ކިޔެވުމުގެ ފަރިތަކަމާއި، އަޑާއި ރާގުގެ އިތުރުން ހިތުދަސްކޮށްފައިވާ މިންވަރަށް ރިޢާޔަތްކުރާނެއެވެ. މަރުކަޒުން ހޮވާ ދެ ބައިވެރިން، މުބާރާތް އިންތިޒާމުކުރާ ފަރާތުން މެއި މަހުގެ ތިނަކުން އަށަކަށް ކުރިއަށްގެންދާ އޮންލައިން ސްކްރީނިން ބުރެއްގައި ބައިވެރިވާން ޖެހޭނެއެވެ. މެލޭޝިޔާއަށް ދިއުމުގެ ފުރުޞަތު ލިބޭނީ މި ކޮލިފައިން ބުރުން ފާސްވާ ބައިވެރިންނަށެވެ. މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ގޫގުލް ފޯމު މެދުވެރިކޮށް، މި މަހުގެ 20 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ހުށަހެޅުމަށް ޤައުމީ މަރުކަޒުން ވަނީ އެދިފައެވެ. މެލޭޝިޔާ އިންޓަނޭޝަނަލް އަލްޤުރްއާން ރިސައިޓަލްއަކީ ދުނިޔޭގެ ފެންވަރުގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ޤުރްއާން މުބާރާތެވެ. ފާއިތުވި 2025 ވަނަ އަހަރު ބޭއްވި 65 ވަނަ މުބާރާތުގައިވެސް ރާއްޖޭގެ ދެ ބައިވެރިއަކު ވަނީ ވާދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ