ސޫރަތުލް ބަޤަރާގެ 74 ވަނަ އާޔަތުގައި ﷲ މިސާލެއް ޖައްސަވަ އެވެ. މި މިސާލު އަމާޒުކުރައްވަނީ މަދީނާގެ ޔަހޫދީން، ޔައުނީ ބަނީ އިސްރާއީލަށެވެ. ބަނީ އިސްރާއީލަކީ އިބުރާހީމް އަލައިހިއްސަލާމްގެ ދަރިކަލުން އިސްހާގު އަލައިހިއްސަލާމްގެ ދަރިފަސްކޮޅެވެ. އިބުރާހީމްގެފާނަށް ފަހު ﷲ ހުރިހާ ނަބިއްޔުންނާއި ރަސޫލުން ފޮނުއްވީ މިދަރިފަސްކޮޅުންނެވެ.
ބަނީ އިސްރާއީލްގެ އެންމެ ފަހުގެ ރަސޫލަކީ އީސާ އަލައިހިއްސަލާމް އެވެ. ބަނީ އިސްރާއީލަށް ބާވައިލެއްވި ދީނަކީ އިސްލާމް ދީނެވެ. އެހެންކަމުން އެމީހުންގެ ތެރެއިން ﷲއަށް ފުރިހަމައަށް އީމާންވި މީހުންނަކީ އަހަރެމެން ފަދައިން މުސްލިމުންނެވެ. ރަސޫލުﷲ ﷺ ރަސޫލުކަމާ ހަމައަށް ﷲ އެންމެ މާތްކުރެއްވި އުންމަތެއްގެ ގޮތުގައި އޮތީ ބަނީ އިސްރާއީލް އެވެ. އިސްލާމް ދީނަށް ފަހު އެކަލޭގެފާނުގެ އުންމަތް ބަދަލުވީ އެންމެ މާތް އުންމަތަށެވެ.
ބަޤަރާ ސޫރަތުގެ 74 ވަނަ އާޔަތުގެ މާނައިގައި ވެއެވެ. "ދެން އެއަށް ފަހުގައި ތިޔަބައި މީހުންގެ ހިތްތައް ގާވެ ހަރުކަށިވި އެވެ. ފަހެ، އެ ހިތްތައް ހިލައެކޭ އެއްފަދަ އެވެ. ނުވަތަ އެއަށްވުރެ ވެސް ހަރުކަން ގަދަ އެވެ. ހަމަކަށަވަރުން، އެއިން ފެން ކޯރުތައް އުފެދިގެން އަންނަ ހިލަ، ހިލަތަކުގެ ތެރެއިން ވެއެވެ. އަދި ހަމަކަށަވަރުން، ފަޅަފަޅައިގެން ގޮސް އެއިން ފެން ނުކުންނަ ހިލަ ވެސް އޭގެ ތެރޭގައި ވެއެވެ. އަދި ހަމަކަށަވަރުން، ﷲއަށް ބިރުވެތިވުމުގެ ސަބަބުން ތިރިއަށް ފައިބާ ހިލަ ވެސް އޭގެތެރެއިން ވެއެވެ. ތިޔަބައި މީހުން ކުރާ އަމަލުތަކާ މެދު ޣާފިލުވެވޮޑިގެންވާ ކަލަކުކަމުގައި ﷲ ނުވެ އެވެ."
މި މިސާލުން ތިން ބާވަތުގެ ހިލަ ދައްކަ އެވެ. އެއީ ފަޅައިގެން ގޮސް އެއިން ފެން ނުކުންނަ ހިލަ އާއި ފަޅިފަޅިވެގެން ނުވަތަ ބައިބައިވެގެން ފެން ނުކުންނަ ހިލަ އާއި ވެއްޓިގެން އަންނަ ނުވަތަ ތިރިއަށް ފައިބާ ހިލަ އެވެ. މޫސާ އަލައިހިއްސަލާމް ބަނީ އިސްރާއީލް މީހުން ގޮވައިގެން ކަނޑު ހުރަސްކުރެއްވި އެވެ. އެހިނދު އެމީހުން ބޯފެނަށް އެދި ދެންނެވުމުން ﷲ ގެ އަމުރުފުޅަށް އެކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖެއްސެވި އެވެ. އެވަގުތު އެހިލައިން ބާރަ ފެން އާރު އުފެދުނެވެ. އެއީ ބަނީ އިސްރާއީލުގެ ކޮންމެ ގަބީލާއަކަށް ފެން އާރެކެވެ.
މި މިސާލުގައި ﷲ ބަޔާންކުރައްވާ ތިން ބާވަތުގެ ހިލައިން ތިން ބާވަތުގެ ހިތް ބުނެދެ އެވެ. ބަނީ އިސްރާއީލް މީހުންގެ ތެރެއިން ﷲ އަށް އީމާންނުވި މީހުން ތިން ބާވަތުގެ ހިލައަށްވުރެ ވެސް މާހަރެވެ. މިސާލަކަށް މޫސާގެފާނަށް ﷲ އެތައް ބައިވަރު މުއުޖިޒާތް ދެއްވި އެވެ. އެ މުއުޖިޒާތް ފެނުމުން ވެސް ކާފިރުވި މީހުން އެމީހުންގެ ތެރޭގައި ވިއެވެ. ހިލަ ފަޅައިގެން ދެ އެވެ. އެކަމަކު އީމާންނުވި ބަނީ އިސްރާއީލްގެ މީހުންގެ ހިތަށް އެކައްޗެއް ވެސް ނުވަނެވެ. އެއީ އެ ހިތްތަކުގެ ހަރުކަން ހިލައަށް ވުރެ ބޮޑުވުމުންނެވެ.
އާދަމްގެފާނު މާތްކުރެއްވި ފަދައިން ﷲ ބަނޫ އިސްރާއީލް އެހެން ހުރިހާ އުންމަތްތަކެއްގެ މައްޗަށް މާތްކުރެއްވިކަން ބަޤަރާ ސޫރަތުގައި އަންގަވަ އެވެ. އަދި އެމީހުންނަށް ދެއްވި ގިނަގުނަ ނިއުމަތްތަކުގެ ވާހަކަ ވެސް މި ސޫރަތުގައި ބަޔާންކުރައްވަ އެވެ. އެކަމަކު ﷲގެ ހަޒުރަތުގައި އެމީހުން މުޅިން ފޭލްވި އެވެ. ﷲއަށް އީމާންވެ އެންމެ ހެޔޮ އުންމަތުގެ ނަމޫނާ ދައްކަން ޖެހުނު ހިނދު، އެމީހުން ދެއްކީ އެންމެ ނުބައި އުންމަތުގެ ނަމޫނާ އެވެ. އެމީހުން މަޝްއޫލުވީ ދުނިޔެ ފަސާދަކުރުމަށެވެ. އެވާހަކަތައް ﷲ ބަޤަރާ ސޫރަތުގައި ވަރަށް ތަފުސީލުކޮށް ބަޔާންކުރައްވަ އެވެ.
ބައެއް ނަސާރާއިން ދީނުގެ ހަބަރު ލިބުމާ އެކު ވަގުތުން ﷲއަށް އީމާންވި އެވެ. އެއީ އެމީހުންގެ ހިތުގައި ކުރިއްސުރެ އީމާންކަމުގެ އަސަރުތައް ވަރަށް ބޮޑަށް ހުރި މީހުންނެވެ. އެފަދަ މީހުންނެކޭ، އޭގެ ތެރޭގައި ފެން ހުރި ހިލައެކޭ އެއްފަދަ އެވެ. ފެން ހުރި ހިލަ ފަޅައިގެންގޮސް ފެން ނުކުންނަ ފަދައިން އެފަދަ މީހުންގެ ހިތުގައިވާ އީމާންކަން ފާޅުވި އެވެ. ބައެއް ބާވަތުގެ ހިލައިގެ ތެރެއަށް ފެން ވަދެ އެވެ. ފެން ވަދެފައި އޮންނަ ހިލައަކަށް ވާރޭ ވެހުމުން އެހިލަ ފަޅިފަޅިވެ އެވެ. ބައެއް މީހުންގެ ހިތުގައި ހައްގާއި އީމާންކަން ހުރެ އެވެ. އެފަދަ މީހުންގެ ހިތަށް ހައްގާއި އީމާންކަން އިތުރަށް ވަންނަން ފެށުމުން އެންމެ ފަހުން ﷲ އަށް އީމާންވެ އެވެ. އުމަރުގެފާނަކީ އެފަދަ ބޭކަލެކެވެ. ބައެއް ހިލައަކީ ކިތަންމެ ވަރަކަށް ވާރޭ ވެހުނަސް އޭގެތެރެއަށް އެއްވެސް ވަރަކަށް ފެން ނުވަންނަ ހިލަ އެވެ. އެފަދަ ހިލައިގެ ކައިރީގައި ހުންނަ ކުދި ހިލަތަކާއި ފަސްގަނޑު ވާރެޔާ އެކު ނެތިދެ އެވެ. އެއަށް ފަހު ފެން ނުވަންނަ ހިލަ ވެސް ވެއްޓިގެން ނުވަތަ ފުރޮޅިގެން ދެ އެވެ.
ގިނަ ފަހަރު އިންސާނުން ކަންކަން ކުރަނީ ނުވަތަ ކަންކަން ނުކޮށް ދޫކޮށްލަނީ ކޮންމެވެސް މީހަކު ދެކެ ނުވަތަ ކޮންމެވެސް ބަޔަކު ދެކެ ބިރުންނެވެ. އެކަމަކު ބައެއް މީހުން އެފަދައިން އަމަލުކުރަނީ އެންމެ ސަބަބަކާ ހުރެ އެވެ. އެއީ އެމީހުން ﷲއަށް ބިރުވެތިވާތީ އެވެ. ﷲ އަށް ބިރުވެތިވާ ހާލު ވެއްޓޭ ހިލައެކޭ އެއްގޮތަށް ބައެއް މީހުންގެ ހިތުގައި ﷲއަށް ބިރުވެތިކަން އޮވެ އެވެ. އެފަދަ މީހުން ފާފަވެރި އަމަލުތަކުން ދުރުހެލިވަނީ ﷲއަށް އެކަނި ބިރުވެތިވާތީ އެވެ. އެއްގޮތަކަށް ވެސް މީހަކު ބުނެފާނެ އެއްޗަކަށް ބަލައިގެނެއް ނޫނެވެ.
ބަނީ އިސްރާއީލުން ބަޔަކު ﷲއަށް އުރެދުނީ ހުރިހާ ހަގީގަތެއް އެމީހުންނަށް އެނގި ތިބެ އެވެ. އެމީހުންގެ ކުރިމަތީގައި މުއުޖިޒާތްތައް ހުއްޓަ އެވެ. މަދީނާގެ ޔަހޫދީން ވެސް ކަންތައްކުރީ އެފަދައިންނެވެ. އެމީހުންނަށް ރަސޫލުﷲ ﷺ އަކީ ހައްގު ނުވަތަ ތެދު ރަސޫލެއްކަން ކަށަވަރުވި އެވެ. އަދި އެމީހުންނަށް ކީރިތި ޤުރްއާނަކީ ﷲގެ ބަސްފުޅުކަން ކަށަވަރުވި އެވެ. އެކަމަކު އެމީހުން ރަސޫލުﷲ ﷺ އަށާއި ކީރިތި ޤުރްއާނަށް ފުރަގަސްދިނެވެ. އެމީހުންގެ ހިތްތައް ހުރީ ހަރު ހިލައަށް ވުރެ ވެސް ހަރުވެފަ އެވެ. އެހިތްތަކަށް ހުރީ ކުފުރުގެ ބަލި ޖެހިފަ އެވެ. އެމީހުންގެ ކިބައިގައި ހުރި މަކަރުވެރިކަމާއި ހީލަތްތެރިކަމަށް ﷲ ޣާފިލުވެވޮޑިގެން ނުވާކަމަށް މި މިސާލުގައި އަންގަވަ އެވެ.
ޤުރުއާނާއި މިސާލު: ހިލައިގެ ހިތްތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ