ބޯހިޔާވަހިކަމަށް 196 މިލިއަން ހަރަދުކުރިއިރު، އެއާޕޯޓުތަކަށް ތިން ބިލިއަން ހަރަދުކޮށްފި ބޯހިޔާވަހިކަމަށް 196 މިލިއަން ހަރަދުކުރިއިރު، އެއާޕޯޓުތަކަށް ތިން ބިލިއަން ހަރަދުކޮށްފި

"ބޯހިޔާވަހިކަމުގެ ބަޖެޓު" ކަމަށް ސަރުކާރުން ބުނި ބަޖެޓުން ބޯހިޔާވަހިކަމަށް ބަޖެޓު ކުރި އަދަދާ ގާތަށް ވެސް ހަރަދު ނުކުރާއިރު، އެއާޕޯޓުތައް އަޅަން ބަޖެޓު ކުރި ވަރަށް ވުރެ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުން ދައްކާ ގޮތުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން އެންމެ ބޮޑު އަދަދެއް ހަރަދު ކުރީ ދަތުރުފަތުރުގެ އުމްރާނީ ތަރައްގީއަށެވެ.
އެ ގޮތުން މި އަހަރުގެ 48 ވަނަ ހަފުތާގެ ނިޔަލަށް ޕީއެސްއައިޕީއަށް ހަރަދުކުރި 7.4 ބިލިއަން ރުފިޔާގެ ތެރެއިން 4.4 ބިލިއަން ރުފިޔާ ހަރަދުކުރީ ދަތުރުފަތުރުގެ ދާއިރާއިންނެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު ހަރަދެއް ހިނގީ އެއާޕޯޓުތަކަށެވެ.
އެއާޕޯޓުތަކަށް 3.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީކުރަން ބަޖެޓުކުރި 2.3 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު ތަނުން އިތުރު އަދަދެއް ކަން ފާހަގަކުރެވެ އެވެ.
އެއާޕޯޓުތައް ނަގާފައި، ދެން އެންމެ ބޮޑު ހަރަދެއް އެއް ދާއިރާއަކުން ހިނގީ ބްރިޖު އެޅުމަށެވެ. ބްރިޖު އަޅަން 870 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މި ބަޖެޓުގައި ބާކީ 500 މިލިއަން ރުފިޔާއަށް ވުރެ ގިނައިން އެބަހުއްޓެވެ.
ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ކަނޑައެޅި ދާއިރާތަކުގެ ތެރެއިން އެންމެ ކުޑަކޮށް ހަރަދުކޮށްފައި ވަނީ ބޯހިޔާވަހިކަމަށެވެ. ބޯހިޔާވަހިކަމަށް 1.8 ބިލިއަން ރުފިޔާ ހަރަދުކުރިއިރު، މި ބަޖެޓުގެ ހަރަދުކުރީ އެންމެ 10 ޕަސެންޓެވެ.
ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތަކަށް ބަޖެޓު ކުރި ފައިސާ ހަރަދު ނުކުރިޔަސް ސަރުކާރުން ވަނީ ރާއްޖޭގެ ގިނަ ރަށްތަކުގައި ހައުސިން ޕްރޮޖެކްޓުތައް ހިންގަން ހަވާލުކޮށްފަ އެވެ. ގިނަ ޕްރޮޖެކްޓުތައް ހަވާލުކުރީ ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެވެ. އަދި، އަމިއްލަ ކުންފުނިތަކަށް ބަހާލި 2.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ވެސް، ބައެއް ހައުސިން ޕްރޮޖެކްޓުތައް ހިމެނެ އެވެ.
ޖުމްލަކޮށް ބަލާއިރު، ޕީއެސްއައިޕީ ބަޖެޓު ކުރި ގޮތަށް ގިނަ ދާއިރާތަކުން ހަރަދެއް ނުކުރެ އެވެ. އަދި އަހަރު ނިމެންދާއިރު ޕީއެސްއައިޕީއަށް ބަޖެޓު ކުރި 12.3 ބިލިއަން ރުފިޔާގެ ތެރެއިން ބާކީ ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ