އަހަރު ނިމޭއިރު، ސްޓޫޑެންޓް ލޯނަށް ޚަރަދުކުރި އަދަދު މިދިޔަ އަހަރަށްވުރެ 20 ޕަސެންޓް ދަށުގައި
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނަށް މި އަހަރު ކުރި ޚަރަދު މިދިޔަ އަހަރަށްވުރެ 20 ޕަސެންޓް ދަށްވެއްޖެއެވެ. ސަރުކާރުން މި އަހަރު ސްޓޫޑެންޓް ލޯނަށް ޚަރަދުކުރަން ބަޖެޓުގައި ކަނޑައަޅާފައިވަނީ 768 މިލިއަން ރުފިޔާއެވެ. ދައުލަތުގެ ޚަރަދާއި އާމްދަނީގެ ތަފުސީލު ހިމެނޭ ގޮތަށް ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް' ރިޕޯޓުން ދައްކާ ގޮތުގައި، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ސްޓޫޑެންޓް ލޯނަށް ޚަރަދުކޮށްފައިވަނީ 548.2 މިލިއަން ރުފިޔާއެވެ. އެއީ ބަޖެޓުކޮށްފައިވާ އަދަދުގެ 71.4 ޕަސެންޓެވެ. އަހަރު ނިމެން ގާތްގަނޑަކަށް ދެ ހަފުތާއަށްވީއިރު ކުރި އެ ޚަރަދަކީ، މިދިޔަ އަހަރާ އަޅައިބަލާއިރު 20.4 ޕަސެންޓުގެ ދަށްވުމެކެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ސްޓޫޑެންޓް ލޯނަށް ކުރި ޚަރަދު 689 މިލިއަން ރުފިޔާއަށް އަރައެވެ. ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންނަށް މިދިޔަ އަހަރުން ފެށިގެން ލޯނުގެ ގޮތުގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. ގްރެޖުއޭޝަން ހަފުލާއެއްގެ ތެރެއިން: މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް، ލޯނު ފައިސާ ނުލިބުމުގެ ޝަކުވާ އޮތީ ބޮޑުވެފައި -- ފޮޓޯ/ އެމްއެންޔޫ އެ ތަފާސްހިސާބުގައިވާ ގޮތުން، ސްޓޫޑެންޓް ލޯނުގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން މިދިޔަ އަހަރުން ފެށިގެން އެހާތަނަށް 964 ދަރިވަރަކު ދަސްވެނިވިއެވެ. އަދި މި އަހަރު ވެސް 382 ދަރިވަރުން ދަސްވެނިވިއެވެ. މީގެ އިތުރުން، 1،733 ދަރިވަރަކު ސަރުކާރުގެ ލޯނު ސްކީމްތަކުގައި ކިޔަވަމުން އަންނަ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ. އެއީ ރާއްޖޭގެ ހިމެނޭހެން 40 ގައުމެއްގައި މަތީ ތައުލީމް ހާސިލްކުރަމުން އަންނަ ދަރިވަރުންގެ އަދަދު ކަމަށް އޭރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. ފިނޭންސް މިނިސްޓްރީން މިއަދު ހިސާބުތައް އާންމުކުރިއިރު، މުޅި މި އަހަރު ތެރޭގައި ވެސް، ދަރިވަރުންގެ ސްޓޫޑެންޓް ލޯނު ފައިސާ ލިބުން ލަސްވުމާއި ސިޓީތަކާއި އީމެއިލްތަކަށް ޖަވާބު ލިބުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން އޮތީ ބޮޑުވެފައެވެ. ޚާއްސަކޮށް ދަރިވަރުންނަށް ދޫކުރަންޖެހޭ ސްޓެއިޕެންޑާއި ޓިއުޝަން ފީ ޖަމާކުރުން ލަސްވުމުގެ މައްސަލަ އޮތީ ބޮޑުވެފައެވެ. https://sun.mv/215956 ވަކިން ޚާއްސަކޮށް ރާއްޖެއިން ބޭރުން ސްޓޫޑެންޓް ލޯނުގައި ކިޔަވާ ދަރިވަރުންނާއި ބެލެނިވެރިންގެ ޝަކުވާ އެކަމުގައި ބޮޑެވެ. ދާދި ފަހުން ސޯޝަލް މީޑިއާގައި ވަނީ، ދަރިވަރުންނަށް ލޯނު ފައިސާއާއި ސްކޮލާޝިޕް ފައިސާ ވެސް ނުލިބުމުގެ ސަބަބުން، ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ގެއްލިފައިވާކަމަށް ބުނެ ވާހަކަ ދައްކައިފައެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢަލީ ހައިދަރު އަޙްމަދު މިއަދު ވިދާޅުވީ، ސަރުކާރުގެ ޚަރަދުގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ދޫކުރާ ސްޓައިޕެންޑް ލަސްވުމުގެ މައްސަލަ މި ހަފުތާ ތެރޭ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ