ދިވެހި ފިލްމު 'ކަމަނާ'އަށް ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގެ ޝަރަފުވެރި ތިން އެވޯޑެއް
މިދިޔަ އަހަރުގެ އޮގަސްޓް މަހު ބެލުންތެރިންނަށް ގެނެސްދިން ދިވެހި ފިލްމު "ކަމަނާ"އަށް އިންޑިއާގެ ފަސް ވަނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް(ކޭއައިއެފްއެފް)ގެ ޝަރަފުވެރި ތިން ކެޓަގަރީއަކުން އެވޯޑު ލިބިއްޖެއެވެ. އަހަރަކު އެއްފަހަރު އިންޑިއާގެ ނޯތު ކަރުނާޓަކާގައި ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލްގެ ފީޗާ ފިލްމު ތިން ކެޓަގަރީއަކުން ދިވެހި ފިލްމު "ކަމަނާ"އަށް އެވޯޑު ލިބިފައިވާއިރު އެ ތިން ކެޓަގަރީއަކީ އެންމެ މޮޅު ޑައިރެކްޓަރު، އެންމެ މޮޅު ލީޑް އެކްޓަރު އަދި އެންމެ މޮޅު ލީޑް އެކްޓްރެސްއެވެ. ގެވެށި އަނިޔާގެ ހިތްދަތި ހާދިސާތަކެއް ދައްކުވައިދިން "ކަމަނާ" އަކީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމު "ކަމަނާ"އަށް މި ލިބުނު ޝަރަފުވެރި ކާމިޔާބީއާ ގުޅިގެން ޑައިރެކްޓަރު ހުސައިން ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ފިލްމަށް ލިބުނު ކާމިޔާބީއާ މެދު ފަޚުރުވެރިވާ ކަމަށެވެ. އެއީ މުޅި ދިވެހި ފިލްމު އިންޑަސްޓްރީއަށް ލިބުނު ޝަރަފެއް ކަމަށާއި ފިލްމު "ކަމަނާ"ގެ ކާމިޔާބީގެ ފަހަތުގައި އޮތީ އެ ފިލްމުގެ މުޅި ޓީމުކަން ފާހަގަކޮށް، އޭނާވަނީ އެ އެންމެންނަށް ޝުކުރު އަދާކޮށްފައެވެ. ދިވެހި ފިލްމު "ކަމަނާ"ގެ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް ފިލްމު "ކަމަނާ" ޑައިރެކްޓް ކުރުމުގެ ޒިންމާ ހުސައިނާ ހަވާލުކުރީ، ފިލްމުގެ ޕްރޮޑިއުސަރު ޝާނީޒް އަލީ އޭނާއަށް ކުރި އިތުބާރެއްގެ ބޮޑުކަމުން ކަމަށާއި، އޭގެ ފޮނި ނަތީޖާ ނެރެވިއްޖެ ކަމަށް ގަބޫލުކުރާ ކަމަށް ހުސައިން ވަނީ ބުނެފައެވެ. މީގެއިތުރުން ފިލްމުގެ ވާހަކަ އަދި ސްކްރިޕްޓް އެކުލަވާލި މަހްދީ އަހްމަދާއި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދިން ޓީމުގެ އިތުރުން ފިލްމުގެ ޓެކްނިކަލް ޓީމު ވެސް ހުސައިންގެ ޝުކުރުގެ ލިސްޓުގައި ވަނީ ހިމަނާލާފައެވެ. ފިލްމު "ކަމަނާ"އަށް ހޯދުނު ކާމިޔާބީ އަކީ އެ ފިލްމުގައި ފެނުނު ކޮންމެ ފިލްމީ ތަރިއަކަށް ހާސިލުކުރެވުނު ކާމިޔާބީއެއް ކަމަށް ބުނަމުން ހުސެއިން ބުނެފައި ވަނީ، "ކަމަނަ" އުފެއްދީ ޚާއްސަ ޓްރޮފީތަކެއް ހާސިލުކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އެއީ އަންހެން ކުއްޖެއްގެ ދިރިއުޅުމުގައި ތަހައްމަލު ކުރަމުންދިޔަ ވޭނާއި އާދޭހުގެ އަޑު މުޖުތަމަޢަށް އިއްވާލަދިނުމަށް އުފެއްދި ފިލްމެއް ކަމަށާއި އެ އަޑު ދިވެހިރާއްޖޭގެ އިތުރުން ބޭރު ގައުމެއްގެ އޯޑިއަންސަށް ވެސް އިއްވާލެވިއްޖެ ކަމަށް އޭނާ ވަނީ ބުނެފައެވެ. "ކަމަނާ" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިޔަމް އައްޒަ އާއި ޔޫސުފް ޝަފީއު (ޔޫއްޕެ)ގެ އިތުރުން އައިމިނަތު ރަޝްފާ (އާޝާ)އެވެ. އިތުރު ކާސްޓުންގެ ތެރޭގައި މުހައްމަދު މަނިކު، އަހުމަދު ނިމާލު، މުހައްމަދު ރަޝީދު (ދަރާ) އަދި ނަތާޝާ ޖަލީލު ހިމެނެއެވެ. އިންޑިއާގެ ނަވާ ކަރުނާޓަކާ ފިލްމު އެކަޑަމީއިން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ކަރުނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ހުރިހާ ޖޯންރާއެއްގެ ފިލްމު ވެސް ނޮމިނޭޓް ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ދުނިޔޭގެ އެކި ގައުމުތަކުން ބައިވެރިކުރާ ޑޮކިއުމެންޓްރީތައް ވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ