ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކާ ދިމާވި އެވެ. އޭނާއާ ވާހަކަ ދައްކާލަން މަޑުކޮށްލައިގެން ހުރި ވަގުތު ޕީޕިއެމްގެ ދަންނަ ސަޕޯޓަރަކު ވެސް ކައިރިއަށް ޖެހިލައި، މިނިސްޓަރާ ސަލާންކޮށްލި އެވެ.
އޭނާ ވިދާޅުވީ ބިދޭސީ ކޭޝިއަރުންނަށް ނުތިބެވޭނެ ގޮތަށް ހަމަޖައްސައި، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށެވެ. އެހެން ހަމަ ބުނުމާ އެކު، ޕީޕީއެމްގެ ސަޕޯޓަރު 'އަލްހަމްދު' ކިިޔާފައި މޫނުގައި އަތް އެޅި އެވެ.
އޭނާ އުފާވީ ފިހާރަތަކާއި ހޮޓާ/ކެފޭތަކުގެ ވަތްގަނޑު ދޮށުގައި ތިބޭ ބިދޭސީންތައް ފޮނުވާލާތީ އެވެ.
ވަކި ޕާޓީއަކާއި ވަކި ސިޔާސީ ލީޑަރެއްގެ ފަހަތުގައި 'ލޯ މަރާލައިގެން' ތިބޭ އާންމު މީހާއަށް ހަގީގަތް ސާފުނުވާ ކަމުގެ ހެއްކެކެވެ. ސަރުކާރަށް ވެސް ކުރެވޭނެ ކަންކަމާއި ފެއިލްވާނެ ކަންކަން ހުންނާނެކަން، އެމީހުން، ގަބޫލެއްނުކުރެ އެވެ. ބުނާ ކޮންމެ އެއްޗަކަށް 'ހަމްދު' އަޅަނީ އެވެ.
އެ 'މޮޅު' ސިޔާސަތު ވެސް ނިމުނީ ދުނިޔޭގެ ހަގީގަތް ދައްކަމުންނެވެ: ފެއިލްވީ އެވެ. ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބެވޭނެ ގޮތަށް އުސޫލު އަލުން ބަދަލުކުރީ އެވެ.
މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް އެ އިއުލާންކުރެއްވީ ނާކާމިޔާބުވި އެ ސިޔާސަތެވެ. ރާއްޖޭގެ ވިޔަފާރި ފުޅާވެފައި އޮތް މިންވަރާއި ދިވެހިން އެކި ވަޒީފާތަކަށް ދޭ ސަމާލުކަމާއި ވަޒީފާ އަދާކުރުމުގެ ވައްޓަފާޅިން މިހާރު ވެސް އަންގައިދެނީ ކުރިން ނުކުތް 'ސުމެއްގެ ނަތީޖާ' ދެން ވެސް ތަކުރާރުވާނެ ކަމެވެ.
ރައީސް ލަފާކުރައްވަނީ ކޭޝިއަަރުންގެ ގޮތުގައި ބިދޭސީންނަށް ނުތިބެވޭ ގޮތް ހަދައިފި ނަމަ މަދުވެގެން 25،000 ވަޒީފާ ދިވެހިންނަށް އުފެދޭނެ ކަމެވެ. ވަޒީފާއަށް ނެރެން ޖެހޭ ދިވެހިން އެބަ ތިބި ކަމަށް، ސަރުކާރަށް ވިސްނޭ ނަމަ، އެ އަަދަދު އެއަށް ވެސް މާ މަތިވާނެ އެވެ. އެކަމަކު ކޭޝިއަރުގެ ވަޒީފާއަށް ދިވެހި ޒުވާނުން ޝައުގުވެރިވާން ޖެހޭ ސަބަބެއް ނުފެނެ އެވެ. ފުރަތަމަ ކަމަކަށް ސަރުކާރުން އެ ގެންދަނީ ވަޒީފާތައް ބަހަމުންނެވެ. ފިހާރައެއްގައި ނުވަތަ ކެފޭ/ރެސްޓޯރެންޓްގެ ކޭޝިއަރުގެ ގޮނޑީގައި 'ފޫހި ވަގުތުތަކެއް' ހޭދަކުރަން ދިއުމުގެ ބަދަލުގައި ސިޔާސީ މީހެއް މެދުވެރިކޮށް ކުންފުންޏަކުން ވަޒީފާއެއް ހޯދިއްޔާ މާ ފަސޭހަ އެވެ. ބޭނުން ގަޑިއެއްގައި ކޮފީއަށް ނުކުމެވެ އެވެ. ކުޅެން ދެވެ އެވެ. ސަރުކާރު ބަންދު ދުވަސްތައް އެހާ ގިނަ ގައުމަކަށް ވާތީ އެ ދުވަސްތައް ވެސް އަރާމުކޮށްލަން ލިބޭނެތާ އެވެ.
ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިހާރު ވެސް ދައުލަތަކީ ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދޭ ފަރާތެވެ. އެ ހިސާބުތަކަށް އިޝާރަތްކުރައްވައި، އޮޑިޓިން އާއި އެކައުންޓިން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ހަސަން މުހައްމަދު ދާދި ފަހުން އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ލިއުއްވި އިބާރާތްކޮޅުން އިޝާރަތްކުރަނީ ރާއްޖެ މިހާރު ކޮމިޔުނިސްޓް ގައުމަކަށް ވެއްޖެ ކަމެވެ.
"ސަރުކާރަކީ ގައުމުގެ %64 މީހުނަށް ވަޒީފާ ދޭ ފަރާތަށް ވާ ހިސާބުން ވާނީ ކޮމިއުނިސްޓް ގައުމަކަށް،" އޭނާ ވިދާޅުވި އެވެ.
ހަސަން ހިމެނުއްވި ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކަކީ މި އެވެ:
ދައުލަތުގެ މުވައްޒަފުންގެ މުޅި ޖުމްލަ: 76،009
ދައުލަތުގެ އެކި އޮފީސްތައް: 41،827
ސަރުކާރު ކުންފުނިތައް: 34،181
އަމިއްލަ ވަޒީފާތަކުގެ މުޅި ޖުމްލަ: 41،928
މިއީ ޕެންޝަން އޮފީހުގައި ރަޖިސްޓްރީކޮށްވާ ވަޒީފާގައި އުޅޭ މީހުންގެ ޖުމްލަ އަދަދު ކަމަށްވާ 116،265 މީހުންގެ %64 އެވެ. ދައުލަތުން މުސާރަ ދޭ މުވައްޒަފުންނެވެ.
ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައި އެ ނިސްބަތް %30 އަށް ވުރެ މައްޗެއް ނޫނެވެ. ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި އެ އަދަދު އުޅެނީ އެންމެ %15ގަ އެވެ. އެކަމަކު ތެލާއި ގޭހުގެ މުއްސަނދިކަމުގައި އުޅޭ އަރަބި ބައެއް ގައުމުތަކުގައި ދައުލަތުން މުސާރަ ދޭ މީހުންގެ ނިސްބަތް %80އަށް އަރަ އެވެ.
ރާއްޖެއަކީ ތެލާއި ގޭހާއި ގުދުރަތީ މައުދަންތަކުގެ މުއްސަނދިކަން އޮތް ގައުމެއް ނޫންތާ އެވެ. އޮތްހާ ވެސް އެއްޗަކީ ގުދުރަތީ ރީތިކަމަށް ބިނާވެފައި އޮތް ޓޫރިޒަމެވެ. އެކަމަކު ޓޫރިޒަމަކީ އަބަދުވެސް އެންމެ ނާޒުކު އެއް އިންޑަސްޓްރީ އެވެ.
ދިވެހިން ބުރަކޮށް އުޅެ ދިރިއުޅުން ކޮޅަށް ޖެހުމުގެ ވިސްނުން ފެތުރުމުގެ ބަދަލުގައި ސަރުކާރުން ވަޒީފާތައް ބަހަމުން ދާއިރު އަމިއްލަ ބުރަ ވަޒީފާތަކަށް ދިވެހިން ނެރުމުގެ ސިޔާސަތު ސަރުކާރުން ގެންގުޅުމަކީ ތާކުންތާކުނުޖެހޭ ކަމެއް ކަމަށް، ވިޔަފާރިވެރިން ވެސް އެއްބަސްވެ އެވެ.
"ކޮން ތާކުން އަހަރެންގެ ފިހާރައަށް ދިވެހި ކޭޝިއަރަކު ހޯދާނީ؟ ރަށުން ނުލިބިގެން ނޭޕާލުން ކުދިން ގެނެސް މި ބައިތިއްބަނީ،" ރަށެއްގައި ފިހާރައެއް ހިންގާ މީހަކު ބުންޏެވެ.
ދިވެހި ޒުވާނުން ލައިގެން ފިހާރަ ހިންގަން ކުރި މަސައްކަތުން އޭނާއަށް ކުރިމަތިވީ އުނދަގުލާއި ބޮލުގެ ރިހުމެވެ. ސިކުނޑީގައި ނުފިލާ އަބަދު އޮންނަނީ 'މިއަދު އަނެއްކާ އަންނާނެބާ؟'ގެ ސުވާލެވެ.
އެވަރުން ވިޔަފާރިތަކެއް ކުރިއަކަށް ނުގެންދެވޭނެ އެވެ. އެހާ ހިސާބުން އަނެއްކާ އެ ޖެހުނީ އަނެއް އުނދަގުލެވެ. ކުރިއަށް މި އޮތީ ހިނގަހިނގާ އޮތް ވިޔަފާރިތަކަށް 'ގައުމީވަންތަ' އެކަމަކު އަމަލީ މައިދާނުގައި ނަތީޖާއެއް ނުކުތުން ދުރު ވިސްނުމުގެ ހުރަސްތަކެވެ.
ބޮޑު ވިޔަފާރިވެރިޔަކު އެހެން މިސާލެއް ދެއްކި އެވެ. އޭނާގެ އޮފީހުގެ ރިސެޕްޝަންގެ ވަޒީފާއަކަށް ދިޔަ ޒުވާން އަންހެން ކުއްޖެކެވެ. އޭރު އަސާސީ މުސާރައަކީ 8،000ރ އެވެ. ކޮންމެ ދުވަހަކު އޮފީހަށް ގެނެސްދެނީ ބައްޕަ އެވެ. ބައެއް ފަހަރަށް އޭނާ މެންދުރު ގަޑީގައި ގެއަށް ދެ އެވެ.
ބައްޕައަށް ކަމުނުދިޔައީ މެންދުރު، އަވިގަދަ ވަގުތު، ދަރިފުޅު ބޭރަށް ނުކުންނަން ޖެހޭތީ އެވެ. އެހެންވެ އެންމެ ފަހުން ބުނީ ގޭގައި ހުއްޓަސް 8،000ރ ދޭނެ ކަމަށާއި އެވަރުގެ މުސާރައެއް ހޯދަން ވަޒީފާއަށް ދާނެ ކަމެއް ނެތޭ އެވެ.
މުސާރަ ކުޑަވީ އެވެ. ޒުވާނާގެ ފުރަތަމަ ތަޖުރިބާއަކީ ކުޑަ މުސާރަކުން ފަށައި، ކުރިމަގަށް ފިޔަވަޅު އެޅުންކަން ވިސްނައިދޭކަށް ބޭނުމެއް ނުވި އެވެ.
ކުދި އަދި މެދު ފަންތީގެ ވިޔާރިތަކުގައި ކޭޝިއަރުންގެ ވަޒީފާ ބިޒީވާނެ އެވެ. އެހާ ބޮޑު ފައިދާއެއް ނޯންނާނެތީ މާ ގިނަ ބަޔަކަށް ވަޒީފާއެއް ވެސް ނުދެވޭނެ އެވެ. އެހެންކަމުން ވިޔަފާރި ސަލާމަތްކުރެވޭނީ ތިބޭ މަދު ބައެއްގެ ބުރަ މަސައްކަތުންނެވެ.
ދިވެހި ގިނަ ޒުވާނުންނަކީ އެހާ ބުރަކޮށް އުޅޭނެ ބައެއް ކަމަކަށް ނުފެނެ އެވެ.
ސަރުކާރުގެ ސަޕޯޓަރުން އުފަލުން 'ހަމްދު' އެޅިޔަސް، އަންނަ އަހަރު އަނެއްކާވެސް ވިޔަފާރިތަކަށް ކުރިމަތިވާނީ އުނދަގުލާއި ދުއްޕާނެވެ.
ކެބިނެޓަށް ކުރެވިދާނެ އެހެން ކަމެއް އެބަ އޮތެވެ: ބައެއް ރިސޯޓްތައް ހަމަޔަކަށް އެޅުވުމެވެ. ދިވެހި ޒުވާނުން ޝައުގުވެރިވާ ރޫމްބޯއީ އާއި ވެއިޓަރުގެ ވަޒީފާތައް ބައެއް ރިސޯޓްތަކުން މިހާރު ދެނީ ބިދޭސީންނަށެވެ. އޭގައި ބޮޑު އޮޅުވާލުމެއް ވެސް ހިމެނޭ ގޮތަށެވެ.
އެފަދަ ރިސޯޓްތަކުގެ ބައެއް ދާއިރާތަކަށް މުވައްޒަފުން ހޯދުން އޮންނަނީ އެހެން ކުންފުންޏަކަށް ދޫކޮށްލައިފަ އެވެ. އެ ވަޒީފާތަކަށް އެ ކުންފުނިން ނެރެނީ ވަގުތީ މީހުންނެވެ. ވަގުތީ މީހުން ހޯދަނީ ބަންގްލަދޭޝް ފަދަ ގައުމުތަކުންނެވެ. ވަގުތީ ވަޒީފާއަށް ވާތީ ސާވިސް ޗާޖު ވެސް ދޭކަށް ނުޖެހެ އެވެ.
ރޫމްބޯއީ އާއި ވެއިޓަރުންގެ މަގާމަށް ދާން މަސައްކަތްކުރި ދިވެހި އެތައް ޒުވާނުންނެއް އެ ތިބީ އެ ފުރުސަތު ނުލިބިފަ އެވެ. ބައެއް ރިސޯޓްތަކުން މި ހަދާ މަކަރު ދެނެގަނެ، އެކަމާ ފިޔަވަޅު އަޅަން ސަރުކާރުގެ މައްޗަށް އޮތް އައުލާކަން މާ ބޮޑެވެ.
ވަޒީފާއާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުކުރަން ޖެހޭނީ ވަޒީފާ ދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތުތައް ވެސް އެކަމަށް ފުށުނާރާ ނަމަ އެވެ. އެކަމަކު މިހާރު މި ފެންނަނީ ގައުމުގެ އެންމެ ބޮޑު އެމްޕްލޯޔަރަށް ސަރުކާރު ވެފައި އޮތް ތަނެވެ. ސަރުކާރުުގެ ކުންފުނިތަކުން ވަޒީފާ ބަހަނީ އެވެ.
ކުންފުންޏެއްގެ އިސް މީހަކު ބުނީ މަސައްކަތް ކުރަން ތިބި މީހުންނަށް ވުރެ ސްޕަވައިޒަރުން ގިނަ ކަމަށެވެ. އޭގެ އިތުރުން އެ ކުންފުނީގައި ލާރިއެއް ވެސް ނެތެވެ. މުސާރަ ހަމަކުރަން ޖެހެނީ ސަރުކާރުން ދޭ ފައިސާއިންނެވެ.
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް އަނެއްކާވެސް މި ލައިގަންނަނީ ބޮޑު ކަމެކެވެ. އެ މީހުން އުފުލާ ބުރަ އާއި ވިސްނާވިސްނުންތައް ކެބިނެޓަކަށް ނޭނގެ އެވެ. ކެބިނެޓަށް ފެންނަނީ ހަގީގީ ރާއްޖެއަށް ވުރެ ހުވަފެނީ ރާއްޖެއެކެވެ. 'ހުވަފެނީ ރާއްޖޭގައި' ސަރުކާރުން ދައްކާ ކޮންމެ ވާހަކައަކަށް 'ހަމްދު' އަޅާނެ ސަޕޯޓަރުން ތިބޭނެކަން ކެބިނެޓަށް އެނގެ އެވެ.
ދިވެހި ކޭޝިއަރުން ބޭތިއްބުމުގެ ސިޔާސަތަކީ ހުވަފެނެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ