"ކައި ނިމުނުތަނުން 'ހެލިކޮޕިޓަރު' އަންނަ އަޑުއިވެން ފަށައިފި އެވެ. ރަނގަޅަށް އަތް ވެސް ނުދޮވެ ދުއްވައިގަނެފީމެވެ. ގޭގެ މަގުމަތީ ފާރުގެ އެތެރޭގައި ތިބެގެން، ބޭރުން ބޯޅަދަނޑު ފެންނާހެން ވަނީ ތާނގީ އަތުރައި، ފިލާ އަޅާފަ އެވެ. އަޅުގަނޑަކީ ފޮއް ކުއްޖަކަށް ވާތީ ތަންތަނަށް އަރަން ވަރަށް ބިރުގަނެ އެވެ.
ތާންގީ މައްޗަށް އެރުނީ ދޮހޮއްތީދިގެ އެހީތެރިކަމާ އެކުގަ އެވެ. ގާފުންޏެއް ވެސް ހުއްޓެވެ. ގާފުނި މަތީގައި ޒުވާން ފުރައިގެ ކުދިން ވެސް ތިއްބެވެ. އަދި ގޭގެ ބޮޑެތި މީހުން މޭޒެއް މައްޗަށް އަރާ ވެސް ތިއްބެވެ. ގޯތިތެރޭގައި ހުރި ދިއްގާ ގަހަށް ވެސް މީހުން އަރާ ތިއްބެވެ. މުޅި ދަނޑު ވަށައިގެން މީހުންތައް ފުރާލައިފި އެވެ. ހެލިކޮޕްޓަރު މާލެ ވަށައި ދެބުރެއް ޖަހާލުމަށް ފަހު ޖައްސައިފި އެވެ."
މިއީ ސަރުކާރަށް ގިނަ ދުވަސްތަކެއް ވާންދެން ހިދުމަތް ކުރެއްވި އަހުމަދު ޝިޔާމްގެ ހަނދާނުގައިވާ، މާލެއަށް އޭރު ޖައްސާ ހެލްކޮޕްޓަރުގެ ވާހަކަ އެވެ. ކުޑައިރާއި ޒުވާން އިރުގެ އެންމެ ތާޒާ މި ފަދަ އެތައް ހަނދާނެއް އޭނާ ވަނީ ފޮތެއްގައި ލިޔުއްވާފަ އެވެ.
އިއްޔެ ސިޔާމް ވަނީ އޭނާގެ 'ހަނދާންތަކަކުން ތަންކޮޅެއް' ފޮތް އާއްމުންނަށް ދޫކޮށްލާފަ އެވެ. ސަތޭކަ ސަފުހާގެ އެ ފޮތުގައި މުޅިން ވެސް އޭނާ ލިޔުއްވާފައިވަނީ އޭނާގެ މާޒީގެ ރީތި ބައެއް ހަނދާންތަކެވެ. އެ ހަނދާންތަކުން ގެންގޮސްދެނީ އޭރުގެ މާޒީގެ ތެރެއަށެވެ.
މިދިޔަ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ޝިޔާމް ލިޔުއްވި އެ ފޮތުގައި 14 ސުރުހީއެއް ވަނީ އަޅުއްވާފަ އެވެ. ރޯދައަށް ގޭދޮށް ޒީނަތްތެރިކޮށްވާ ތައްޔާރީތަކާއި ގެއަށް ގެނައި ފިނިކުރި އަލަމާރީގެ ވާހަކަ އާއި ސިގިއްލާގެ ހަނދާންތަކެވެ. އުމުރުން 17 އަހަރުގައި އެންމެ ފުރަތަމަ އިންޑިއާއަށް ކުރެއްވި ދަތުރުގެ ތަފާތު ތަޖުރިބާތަކެވެ. އެންމެ ފުރަތަމަ ނެންގެވި ފޮޓޯގަނޑުގެ ވާހަކަ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، އޭރު ހެލިކޮޕްޓަރު ޖައްސާނީ ހެންވޭރު ދަނޑަށެވެ. އެ މަންޒަރު ބަލަން ރަށުގެ އެންމެންހެން އެއްވާނެ އެވެ. މުޅި ސަރަހައްދު އޮންނާނީ ހިރަފުހުން ފުރާލާފަ އެވެ.
ފޮތުގައި އޭނާ ލިޔުއްވާފައިވާ އެހެން ހަނދާނެކެވެ؛ 1970ގެ ފަހުކޮޅާއި 1980ގެ ކުރީކޮޅު މާލޭގައި ކްލަބް ފޯރި ނިކަން ގަދަ އެވެ. އަވަށު ވާދަވެރިކަން އެހާމެ އޮވެ އެވެ. ޝިޔާމް އުޅުއްވީ 'ވިކްޓަރީ ކްލަބް ފޯރި' އޮންނަ ސަރަހައްދުގަ އެވެ. އެކަމަކު އޭނާ ސަޕޯޓް ކުރެއްވީ ނިއުރޭޑިއަންޓް ކްލަބަށެވެ. އެކަން، ވިކްޓަރީއަށް ނިސްބަތްވާ، ކުރީގެ އެންމެ މަޝްހޫރު ކީޕަރު އިސްމާއިލު ޒަރިއަންދުގެ މާމައަށް އެނގިގެން ޝިޔާމްގެ ގެއަށް އައިސް ނުރުހުންވެގެން ވާހަކަ ދެއްކި ހަނދާން ފޮތުގައި އޭނާ ލިޔުއްވާފައިވެ އެވެ.
ކޮލެރާގެ ބަލިމަޑުކަމުގެ ދުވަސްވަރު އޭރުގެ ރައީސް އިބްރާހިމް ނާސިރުގެ ކާރުކޮޅު ކުރިމައްޗަށް އޭނާއަށް ކުއްލިއަކަށް އެރުއްވުނެވެ. ވަރަށް ބިރުގަތް އެ ހަނދާން އޭނާ ފޮތުގައި ލިޔުއްވި އެވެ.
އައިސް އަލަމާރި ނުވަތަ އޭރުގެ ބަހުން ނަމަ، ފިނިކުރާ އަލަމާރިއަކީ ގޭގައި ހުންނަ އެއްޗެއް ނޫނެވެ. އެކަމަކު ބާޒާރުމަތީގައި ޝިޔާމްގެ ގޭ މީހުން ހިންގެވި ހޮޓަލެއްގައި އޭގެ އެއްޗެއް ހުރެ އެވެ. ކޮންމެ ރޯދަ މަހަކަށް ހޮޓާ ބަންދު ކުރުމުން، އެ އަލަމާރި ގެއަށް ގެނައުމުން ލިބިވަޑައިގަންނަވާ އުފަލާއި އޭގެ ފޮނިމީރުކަން ވެސް އޭނާ ތަފްސީލުކޮށް ކިޔައިދެއްވާފައިވެ އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި، މި ފޮތުގެ މަގްސަދަކީ އޭރުގެ ހަނދާންތައް މިހާރުގެ ޖީލަށް ގެނެސްދިނުމެވެ. އޭރުގެ ސަގާފަތާއި ދިރިއުޅުނު ގޮތާއި ކުރި މަސައްކަތާއި ކުރި ކަންކަމާއި އިވުނު ވާހަކަތައް މިހާރުގެ ޒުވާނުންނަށް ތަސައްވުރު ކޮށްދިނުމެވެ.
ސޮފްޓް ކޮޕީގެ ގޮތުގައި އޮންލައިންކޮށް މި ފޮތް 75ރ.އަށް ވިއްކާއިރު، ހާޑްކޮޕީ އޭނާ ވިއްކަވަނީ އެއަށް ވުރެ މާ އަގުހެޔޮކޮށް، އަސްރަފީ ބުކްޝޮޕުން 50ރ. އަށެވެ. ޝިޔާމް ވިދާޅުވި ގޮތުގައި އޭގެ މަގްސަދަކީ ފޮތުގެ ކިޔުންތެރިކުރުމަށް މީހުން އަހުލުވެރިކުރުވުމެވެ.
އިއްޔެ ހަވީރު ބޭއްވި ހަފުލާއެއްގައި މި ފޮތް ނެރެދެއްވީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު މުޖުތަބާ އެވެ.
ޝިޔާމްގެ އަމާޒަކީ ކުރީގެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތުތަކާއި މާލެތެރޭގެ އެހެން ކަންކަން ވެސް ހިމެނޭ ގޮތަށް މީގެ އިތުރު ފޮތެއް ނެރުއްވުމެވެ.
ޝިޔާމުގެ ހަނދާނުގެ ތެރެއިން ގެންގޮސްދެނީ މާޒީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ