ނެދަލެންޑްސްގައި ޓިކްޓޮކް މެދުވެރިކޮށް އައިއެސްގެ ފިކުރު ފަތުރަން އުޅުނު 15 މީހުން ހައްޔަރުކޮށްފި
ޓިކްޓޮކްގައި އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ފިކުރު ފަތުރަން މަސައްކަތްކުރި ކަމަށް ޝައްކު ކުރެވޭ 15 މީހަކު ނެދަލެންޑްސްއިން ހައްޔަރުކޮށްފިއެވެ. ޑަޗް ޕަބްލިކް ޕްރޮސެކިއުޝަން އޮފީހުން ބުނީ އެ 15 މީހުން މަސައްކަތް ކުރަމުން ދިޔައީ، އައިއެސްގެ ފިކުރާ އެއްގޮތަށް، ޓެރަރިޒަމްގެ އަމަލުތައް ހިންގަން ހިތްވަރު ދިނުމަށް ކަމަށެވެ. އޭގެ ތެރޭގައި އަމިއްލައަށް މަރުވުމުގެ ޚިޔާލު ގެންގުޅުމަށް ވިސްނައިދީ އެއީ މަތިވެރި ކަމެއް ކަމަށް ބުނަމުން ދިޔަ ކަމަށް އެ އޮފީހުން ބުންޏެވެ. އެ އެކައުންޓުގެ ބައެއް ޕޯސްޓްތައް އެއްލައްކައަށް ވުރެ ގިނަ ފަހަރު ބަލާފައިވާ ކަމަށް ޑަޗް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އެ މައްސަލައިގައި ޝައްކު ކުރެވޭ މީހުންނަކީ 16 އަހަރާއި 53 އަހަރާ ދެމެދުގެ މީހުން ކަމަށް ޕީޖީން ބުނެއެވެ. ޝައްކު ކުރެވޭ މީހުންގެ ތެރެއިން 13 މީހުންނަކީ ސީރިއާގެ ރައްޔިތުންނެވެ. ބާކީ ދެ މީހުންނަކީ ޑަޗް ރައްޔިތުން ކަމަށާއި ޝައްކު ކުރެވޭ މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނޭ ކަމަށް ޕީޖީން ބުންޏެވެ. މި މައްސަލައާ ގުޅިގެން މިދިޔަ މަހުވެސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭނާ އަކީ ތަހުގީގުގައި ޝައްކު ކުރެވޭ މައިގަނޑު މީހާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. ޕީޖީން ބުނީ މި މީހުން ހައްޔަރުކުރީ ޓިކްޓޮކްގައި ޑަޗް ސަބްޓައިޓްލް ޖަހައިގެން އައިއެސްގެ ފިކުރު ފަތުރާ އެކައުންޓެއްގެ މައްސަލަ ތަހުގީގު ކުރުމުގެ ތެރެއިން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ