ފުލުހުން ހިންގާ ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ ކ. ތިލަފުށި ސައިޓެއްގައި ހައިމާކަކުން ކުނި ނެގުމުގެ މަސައްކަތް ކުރަމުންދަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓިގެން ޖެނުއަރީ 26، ގައި މަރުވި އަމީން މިއާ، 24، ގެއްލުނުކަން ފުލުހުންނަށް ރިޕޯޓްކުރުން ލަސްކުރި ސަބަބު ވެމްކޯއިން ހާމަނުކުރި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމީން މިއާ ގެއްލުނު މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުން ލަސްވި ސަބަބު ސާފުކޮށްދޭން ވެމްކޯގައި އެދުމުން އެ ކުންފުނިން ބުނީ އެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ފުލުހުން އަންގާފައިވާ ކަމަށެވެ.
"މި ހާދިސާއާ ގުޅޭގޮތުން ތިޔަ ފަރާތުން ސާފުކުރައްވަން އެދިވަޑައިގެންފައިވާ ކަންކަމަކީ މިހާރު މޯލްޑިވްސް ޕޮލިސް ސާވިސްއިން ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ، މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އެ މުއައްސަސާއިން މި ކޯޕަރޭޝަނަށް ވަނީ އަންގަވާފައި،" ވެމްކޯއިން ބުންޏެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީން މިއާ ގެއްލުނުކަން ވެމްކޯއަށް ޖެނުއަރީ 26، ގައި އެނގުނު ނަމަވެސް، އެކަން ފުލުހުންނަށް ރިޕޯޓްކުރީ ޖެނުއަރީ 28، ގަ އެވެ. އެގޮތުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނީވެސް ޖެނުއަރީ 28، ގަ އެވެ.
އޭނާ ގެއްލުނުކަން ރިޕޯޓު ނުކޮށް ލަސްކުރުމުން އެކަމަށް ގިނަބައެއްގެ ފަޑުކިޔުން އަމާޒުވި އެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގި ސަރަހައްދުގެ ސީސީޓީވީން ފެންނަ ގޮތުގައި ހައިމާކުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް، ހުއްޓުމެއް ނެތި މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހައިމާކު އޮޕަރޭޓްކުރަން ހުރި ސްރީލަންކާއަށް ނިސްބަތްވާ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ، 32، ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ފުލުހުންގެ ބަންދުގައި ހުރިއިރު، އޭނާގެ މައްޗަށް ކުރަނީ ގަސްތަކާ ނުލައި މީހަކު މަރެމުގެ ކުށެވެ.
ކޯޓުގައި ފުލުހުން ބުނީ ހެއްކެއްގެ ބަޔާނަށް ބަލާއިރު ސްރީލަންކާ މީހާ ފިލައިގެންދާން އުޅުނު ކަމަށް ބެލެވޭ ކަމަށާއި އޭނާ ރާއްޖޭގައި މަސައްކަތްކުރަމުންދިޔައީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އަމީން މިއާ ގެއްލުނުކަން ރިޕޯޓްކުރުން ލަސްކުރި ސަބަބު ވެމްކޯއިން ހާމަނުކުރި ތަހުގީގަށް ހުރަސްއެޅިދާނެ ކަމަށް ބުނެ އަމީން މިއާ ގެއްލުނުކަން ރިޕޯޓްކުރުން ލަސްކުރި ސަބަބު ވެމްކޯއިން ހާމަނުކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ