އެސްއެމްއީ ޑިޖިޓަލްއިން 4 މަސް ތެރޭ އެސްއެމްއީތަކަށް ބޭނުންވާ ހުރިހާ ފައިނޭންސިންއެއް ތައާރަފުކޮށްފި

ހަތަރު މަސް ދުވަސް ތެރޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފައިނޭންސިން ބޭނުންވާނެ ހުރިހާ ދާއިރާއަކަށް ޕްރޮޑަކްޓްތައް ތައާރަފުކޮށް، އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިން ދޫކުރަން ފަށައިފިއެވެ. ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިބަދައަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކެވެ. ގޭތެރޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފުޅާވަމުން އަންނަ ގެސްޓްހައުސްތަކާއި، އަންހެން ވިޔަފާރިވެރިންގެ ހީވާގި މަސައްކަތްތަކަކީ ގައުމުގެ ކުރިއެރުމާ ގުޅިފައިވާ މުހިންމު ދާއިރާތަކެކެވެ. ނަމަވެސް، މިފަދަ ވިޔަފާރިތަކަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވިޔަފާރި ފުޅާކުރުމަށް އަދި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން އެކަށީގެންވާ ވަގުތުގައި ލުއި ގޮތެއްގައި ނުލިބުމެވެ. އެކަން ފޫބެއްދުމަށްޓަކައި، އެސްއެމްއީ ޑިޖިޓަލްއިން ވަނީ ޝަރީއާ ހަމަތަކަށް ފެތޭ ފުރިހަމަ ފައިނޭންސިން ނިޒާމެއް ބިނާކޮށްފައެވެ. މިއީ ވިޔަފާރި ފަށާ މަރުހަލާއިން ފެށިގެން ފުޅާކުރުމާ ހަމައަށް، ކޮންމެ މަރުހަލާއެއްގައިވާ ވިޔަފާރިތަކަށް އެހީތެރިވެދީ، އުންމީދީ އެއްވެސް ވިޔަފާރި ހިޔާލެއް ބާކީނުވާނެކަން ކަށަވަރުކޮށްދޭ ނިޒާމެކެވެ. މިއަދު އެސްއެމްއީ ޑިޖިޓަލްއަކީ ރާއްޖޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ފުޅާ ދާއިރާއެއްގައި ފައިނޭންސިން ފޯރުކޮށްދޭ އެއް ތަނެވެ. މީގެ ތެރޭގައި ފަތުރުވެރިކަން، ވިޔަފާރި، ޚިދުމަތް، އުފެއްދުންތެރި ސިނާއަތްތައް އަދި ގޭގައި ކުރާ މަސައްކަތްތައް ހިމެނޭހެން، އެކި ދާއިރާތަކުގެ ވިޔަފާރިވެރިންގެ ބޭނުންތަކަށް ފަރުމާކޮށްފައިވާ ޚާއްސަ ހައްލުތައް ހިމެނެއެވެ. ވިޔަފާރީގެ ކޮންމެ މަރުހަލާއަކަށް ވެސް ހައްލެއް ލިބޭނެހެން، އެސްއެމްއީ ޑިޖިޓަލްގެ ޚިދުމަތްތައް ބައްޓަންކޮށްފައިވަނީ ހުރިހާ ވިޔަފާރިއަކަށް އެއްގޮތަކަށް އަމަލުކުރުމުގެ ބަދަލުގައި، ކޮންމެ ބޭނުމަކަށް އެންމެ އެކަށީގެންވާ މާލީ ހޯދައިދިނުމުގެ މައްޗަށެވެ. އަލަށް ފަށާ އަދި އެންމެ ކުދި ވިޔަފާރިތައް ރަހުނަކާނުލާ 100,000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން އަންހެން ވިޔަފާރިވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން އެސްއެމްއީ ޑިޖިޓަލުން ވަނީ މާލީ މިނިވަންކަން ކަށަވަރުކޮށްދޭނެ ފައިނޭންސިންއެއް އެކުލަވާލާފައެވެ. މި ގޮތުން، އެ ފައިނޭންސިންގެ ދަށުން ރަހުނަކާނުލާ 250،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެއެވެ. އެ ލޯނު އަނބުރާ ދެއްކުމަށް 12 މަހުގެ ގްރޭސް ޕީރިއަޑު ހިމެނޭހެން އަނބުރާ ދައްކަން ހަތް އަހަރުގެ ލިބެއެވެ. ކުރިއަރަމުން އަންނަ ވިޔަފާރިތައް އިތުރަށް ފުޅާކުރުމާއި އާ އައުޓްލެޓް ހުޅުވުމަށާއި ޚިދުމަތްތައް އިތުރުކުރުމަށް ހަރުދަނާކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ފައިނޭންސިން ފުރުސަތުތައް ލިބެން ހުރެއެވެ. އެ ގޮތުން: ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިން: 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރޭ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން އެސެޓް ފައިނޭންސިން 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭ ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރޭ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ވެސަލް ފައިނޭންސިން މެދުވެރިކޮށް: 5،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭނެ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް، 18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ---- ކޮންޓެންޓް ކްރިއޭޓަރުންނާއި ފޮޓޯގްރާފަރުންނާއި ޑިޖިޓަލް ދާއިރާގެ ފަންނީ މަސައްކަތްތެރިންނަށް ބޭނުންވާ ސާމާނާއި ޓެކްނޮލޮޖީ ހޯދުމަށް ޚާއްސަ ފައިނޭންސިން ފޯރުކޮށްދީ، އަލަށް ކުރިއަރަމުން އަންނަ ދާއިރާތަކުގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ ތަނުން ފަހިކޮށްދެއެވެ. ކޮންޓެންޓް ކްރީއޭޓާ ފައިނޭންސިން: 500،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރެވޭނެ ރަހުނަކާނުލާ 150،000 ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރޭ އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް، ހަ މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން އޭގެ އިތުރަށް، ގެސްޓުހައުސް ވިޔަފާރިތަކަށް ޚާއްސަ ދެ ލޯނެއް އެސްއެމްއީ ޑިޖިޓަލްއިން ވަނީ ތައާރަފުކޮށްފައެވެ. ގެސްޓްހައުސް ފައިނޭންސިންއާއި ގެސްޓްރޫމް ފައިނޭންސިންގެ ނަމުގައި ތައާރަފުކުރި މި ލޯނުތަކަކީ، އިސްލާމީ ޝަރީއާގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ލޯނުތަކެކެވެ. އޭގެ ތެރެއިން، ގެސްޓްހައުސް ފައިނޭންސިންގެ ތެރެއިން، މަދުވެގެން ހަ ކޮޓަރީގެ ގެސްޓްހައުސްތައް އިމާރާތްކުރުމަށާއި މިހާރު ހިންގަމުންދާ ގެސްޓްހައުސްތައް އިތުރަށް ފުޅާކުރުމަށް 10 މިލިއަން ރުފިޔާއާ ހަމައަށް މާލީ އެހީ ލިބޭނެއެވެ. އެ ލޯނު އަނބުރާ ދެއްކުމަށް 15 އަހަރު ލިބޭއިރު، 18 މަހުގެ ގްރޭސް ޕީރިއަޑެއް ވެސް ލިބެއެވެ. އޭގެ އިތުރަށް، ގެސްޓްރޫމް ފައިނޭންސިންއަކީ ފަސް ކޮޓަރިއަށް ވުރެ އިތުރުނުވާ ހޯމް ސްޓޭއާއި ދިވެހީންނަށް ޚާއްސަ ކުދި ގެސްޓްހައުސްތައް އަލަށް ފެށުމަށާއި މިހާރު ހިންގަމުންދާ އެފަދަ ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނެކެވެ. އެ ފައިސާ އަނބުރާ ދައްކަން 10 އަހަރާއި 12 މަހުގެ ގްރޭސް ޕީރިއަޑެއް ލިބެއެވެ. މި ކަމާ ގުޅިގެން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، އަމާޒަކީ ކޮންމެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއަކަށް މާލީ އެހީ ލިބޭނެ މަގުފަހިވެފައި އޮތުން ކަމަށެވެ. ގޭގައި ކުރާ ކުދި މަސައްކަތްތަކުން ފެށިގެން ފިހާރަތައް ފުޅާކުރުމާއި މެޝިނަރީއާއި އިކުއިޕްމަންޓަށް އިންވެސްޓްކުރުން ނުވަތަ ގެސްޓްހައުސް ތަރައްގީކުރުން ފަދަ ކޮންމެ ކަމެއްގައި އެކަށީގެންވާ މާލީ ހައްލެއް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ