ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތައް ރާއްޖެއާއި އީޔޫން ހޯދަނީ
ކަނޑުމަތީގެ ސަލާމަތާ ގުޅޭ މަސައްކަތުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން މަޝްވަރާކޮށްފިއެވެ. ޔޫރަޕިއަން ޔޫނިއަންއާއި ރާއްޖޭގެ އިސް އޮފިޝަލުންގެ ބައްދަލުވުންތައް، 2020 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު އަންނަނީ ބާއްވަމުންނެވެ. އެ ބައްދަލުވުންތަކަށް ފަހު، ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން ޕާޓްނާޝިޕް ޑައެލޮގް ފުރަތަމަ ފަހަރަށް ބާއްވައިފައިވަނީ މިދިޔަ ހޯމަ ދުވަހެވެ. އެ ބައްދަލުވުން ޗެއާކުރެއްވީ ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާއި ޔޫރަޕިއަން އެކްސްޓާން އެކްޝަން ސާވިސްގެ، އޭޝިއާ ސަރަހައްދުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޕައޯލާ ޕަމްޕަލޯނީއެވެ. މަތީ ފަންތީގެ އެ ބައްދަލުވުމުގައި ރާއްޖެއާއި އީޔޫން ވަނީ ދެ ފަރާތުގެ މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފައެވެ. އޭގެ ތެރޭގައި ޑިމޮކްރެޓިކް ވެރިކަމާއި، އިންސާނީ ހައްގުތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި، ކަނޑުމައްޗާއި ސަރަހައްދީ ސަލާމަތާއި، ވިޔަފާރިއާއި، މަސްވެރިކަމާއި، ރައްޔިތުންގެ ދޭދޭ ގުޅުންތައް ހިމެނެއެވެ. އެ ބައްދަލުވުމުގައި ރާއްޖެއާއި އީޔޫން ވަނީ ޑިމޮކްރެޓިކް އުސޫލުތަކާއި އަސާސީ ހައްގުތައް ނެގެހެއްޓުމުގެ މުހިންމު ކަމަށް އަލިއަޅުވާލައިފައެވެ. އޭގެ ތެރޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މަދަނީ މުޖުތަމައުގެ ހައްގުތަކަށް އަލިއަޅުވާލައިފައިވެއެވެ. https://x.com/MoFAmv/status/2021520103272251518 ރާއްޖެއާއި އީޔޫން ވަނީ ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުންތަކަށް ވެސް އަލިއަޅުވާލައިފައެވެ. އެގޮތުން އުމްރާނީ ތަރައްގީއާއި ފައިނޭންޝަލް މެނޭޖްމެންޓްގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތާއި ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި އިގުތިސާދު ސިންދަފާތު ކުރުމަށް ޚާއްސަ އިސްކަމެއް ދީފައިވެއެވެ. އީޔޫން، ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ވަމުންދާ އެހީއަށް ރާއްޖޭން ޝުކުރު އަދާކޮށްފައިވާއިރު، އެ ޔޫނިއަނުން ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް އެހީ ދެމުން ދާނެ ކަމަށް ބުނެފައެވެ. ހަމައެއާއެކު ރާއްޖޭން ވަނީ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަމަށް ޓަކައި ކުރާ މަސައްކަތުގައި، ގާބިލުކަން އިތުރުކުރުމަށް އީޔޫއިން ވަމުން އަންނަ އެހީ ފާހަގަކޮށްފައެވެ. އަދި ދެ ފަރާތުން ވަނީ، ސަލާމަތީ ދާއިރާއިން ކުރިއަށް އޮތް އަހަރުތަކުގައި އެއްބާރުލުމުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ. މޯލްޑިވްސް ޔޫރަޕިއަން ޔޫނިއަން ޕާޓްނާޝިޕް ޑައެލޮގް: އީޔޫއާއި ރާއްޖޭގެ މަސްލަހަތު އޮތް ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރަން މަޝްވަރާކޮށްފައިވޭ -- ފޮޓޯ/ ފޮރިން މިނިސްޓްރީ އީޔޫއާއި ރާއްޖޭން ވިޔަފާރީގެ ވާހަކަތައް ވެސް ދެއްކިއިރު، ޔޫރަޕުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ފުރުސަތުތައް އިތުރުކުރުމަށް މަޝްވަރާކުރިއެވެ. އަދި އިމްޕޯޓް ޓެކުހާއި، އިންވެސްޓްމެންޓް ހޯދުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރި ގައުމަކަށް ރާއްޖެ ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މެންގްރޫވް ހިމާޔަތް ކުރުމަށް ހަދައިފައިވާ އެއްބަސްވުމަށް ފައިސާ ހަމަޖެއްސުމާ ގުޅޭ ގޮތުން އީޔޫއާއި ރާއްޖޭން އެއްބަސްވުމަކަށް އައުމަށް މަޝްވަރާކޮށްފައިވެއެވެ. އެ އެއްބަސްވުމުގެ ދަށުން، ރާއްޖޭގެ މެންގްރޫވް ހިމާޔަތް ކުރުމަށް އިތުރަށް ހަތަރު މިލިއަން ޔޫރޯ ހަމަޖައްސާނެއެވެ. އީޔޫން ވަނީ ކޮޕާނިކަސް ސެޓެލައިޓް ސިސްޓަމުން ރާއްޖެއަށް މައުލޫމާތު ހުށަހެޅުމަށް އަލިއަޅުވާލައި އެއީ، ޓެރަރިސްޓް އަދި ކުށްކުރާ ޖަމާއަތްތަކުން އޮންލައިންކޮށް ހިންގާ ކުށްތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅެއްކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން ރާއްޖޭން ވަނީ، ޝެންގެންގައި ވިސާއިން އިސްތިސްނާވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް އަނެއްކާވެސް އެދިފައެވެ. https://sun.mv/217820 ރާއްޖޭން އީޔޫއާއެކު، ކަނޑާއި ސަރަހައްދީ ސަލާމަތާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، މިއީ ރާއްޖެއަށް ގެއްލުނު ކަމަށް ބުނާ ކަނޑުގެ ސަަރަހައްދުގެ މައްސަލަ ބޮޑުވެފައިވާ ދުވަސްވަރެކެވެ. އެ މައްސަލަ އުފެދުނީ، އިނގިރޭސިވިލާތުން ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމުން، މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅި ހިސާބުންނެވެ. އެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ކަނޑުގެ ބައެއް މަދުވެފައިވާއިރު މި ސަރުކާރުން ވަނީ އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ބުނެފައެވެ. އަދި އެ ސަރަހައްދުގައި ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ