ފަހި ފުލެޓުގައި ލޭބާ ކުއާޓާ ހެދި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެތަނުން ބިދޭސީން ހުސްކުރަން އަންގައިފި

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ސޯޝަލް ހައުސިން ފުލެޓެއްގައި ލޭބާ ކުއާޓަރު ހަދައި ބިދޭސީންނަށް ކުއްޔަށްދިން މައްސަލައެއްގައި މީހަކު ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފުލެޓުން ބިދޭސީން ނެރެން ދިހަ ދުވަސް ދީފިއެވެ. އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް 'ސަން'އަށް މިއަދު ވިދާޅުވީ، ފަހި ފުލެޓުގައި އުޅޭ މީހަކު ލޭބާ ކުއާޓަރު ހިންގާކަމަށް، އެ ކޯޕަރޭޝަނުގެ މުވައްޒަފުން ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ. އެހެންވެ ފުލެޓު އެއްބަސްވުމުގައިވާ ގޮތަށް، އެ މީހާ ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް، ޙަމްދާން ވިދާޅުވިއެވެ. "އަދި ދިހަދުވަސް ތެރޭގަ އެތަނުން ބިދޭސީން ބޭރުކުރަން ވާނީ އަންގައިފަ، ނުކޮށްފިއްޔާމު ދެން އޮންނަ ހަރުފަތަށް އަޅުގަނޑުމެން ދާނެ ކަމަށް އަންގައިފަ ވާނެ މިހާރު،" އޭނާ ވިދާޅުވިއެވެ. ފަހި ފުލެޓުތަކަކީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ދޫކުރި 4،000 ފުލެޓެވެ. އެ މީހާގެ އިތުރުން، ފަހި ޓަވަރަށް ކުނި އެޅި މައްސަލައިގައި ދެ މީހަކު 8،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. https://sun.mv/217826 ފާހަގަކުރެވޭ ގޮތުގައި ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓުތައް ބިދޭސީންނަށް ކުއްޔަށް ދޫކޮށްފައިވާނަމަ، އެ ފުލެޓުތައް ހުސްކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިދިޔަ ޑިސެންބަރު މަހުގެ ފަހުކޮޅު އަންގާފައިވެއެވެ. މިދިޔަ ޖަނަވަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން އެ ފުލެޓުތަކުން ބިދޭސީން ހުސްނުކުރާ ނަމަ، އެއްބަސްވުން އުވާލާނެ ކަމަށް އެ ކޯޕަރޭޝަނުން އޭރު ބުންޏެވެ. https://sun.mv/215808 މީގެ އިތުރުން ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށްދޭ މައްސަލައަކީވެސް ބޮޑުވެފައިވާ މައްސަލައެކެވެ. އެގޮތުން ފަހި ފުލެޓުތައް ހަވާލުކޮށް ނުނިމެނީސް ވެސް، ވަރަށް ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރުކުރި މައްސަލައެއް ފެންމަތިވިއެވެ. އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ އެ މައްސަލައާ ގުޅިގެން، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މީގެ ކުރިން ވަނީ ސޯޝަލް ސްކީމްތަކުން ދޭ ފުލެޓުތައް އެހެން މީހުންނަށް ކުއްޔަށް ދޫކުރުން، ގާނޫނު އިސްލާހުކޮށްގެން ނަމަވެސް ހުއްޓުވާނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައިގައި އިތުރަށް ފާޑުކިޔުން އަމާޒުވަނީ، ސޯޝަލް ހައުސިން ފުލެޓުތަކަށް ކޮންމެ ސަރުކާރެއްގައި ވެސް ދެމުންދާ ލުއިތަކުގެ ސަބަބުންނެވެ. އެގޮތުން ކުލި ދަށްކުރަމުން ދިޔަ ނަމަވެސް، ފުލެޓުތަކުގެ ވެރިން ބޮޑު އަގުގައި އެ ފުލެޓުތައް އަލުން ކުއްޔަށް ދިނުން ނުހުއްޓުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ