ލާމަރުކަޒީގެ ގާނޫނަށް މިސަރުކާރުން ގެނައި ބަދަލާ ހެދި ކުޅުދުއްފުށީ ރައްޔިތުންގެ މާލިއްޔަތަށް، އެމްޑަބުލިއެސްސީގެ ބިމު ކުލިން ލިބެމުންދިޔަ އާމުދަނީ ހުއްޓިއްޖެ އެވެ.
ރަށްރަށުގައި ވިޔަފާރިކުރާ ސަރުކާރުގެ ކުންފުނިތަކުގެ އަތުން ކައުންސިލްތަކަށް ބިމު ކުލި ނެގޭގޮތަށް ގާނޫނީ ބާރުވެރިކަން ދިނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ. އެކަމަކު މި ސަރުކާރު ބަދަލުވުމަށްފަހު ކައުންސިލްތަކުގައި ބާރުތައް ހަނިކުރުމުން ބިމު ކުލި ނެގުން މިވަނީ ހުއްޓިފަ އެވެ.
އެމްޑަބުލިއެސްސީ ބިމުގެ ކުލި ހުއްޓުނުކަން މޭޔަރު އާތިފް ހާމަކުރެއްވި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އާތިފް ވިދާޅުވި، އެ ކުލި ހުއްޓުމުން އަހަރު ދެ މިލިއަނެއްހާ ރުފިޔާ ރައްޔިތުން މާލިއްޔާއިން ގެއްލިގެންދިޔައީ ކަމަށެވެ.
"މިދިޔަ ހަފްތާގައި އެބަ އޮތް އަޅުގަނޑުމެންނަށް ސިޓީއެއް އައިސްފަ. އެމްޑަބުލިއުއެސްސީގެ އަޅުގަނޑުމެންނަށް ލިބެމުން އައި ކުލި ދެން ދައްކަން ނުޖެހޭނެކަމަށް އެ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުގައި އެ ބޭފުޅުން ބުނެފައި އޮންނަނީ އަސާސީ ހިދުމަތްދޭ ތަންތަނުން ކުލި ދައްކަން ނުޖެހޭނެކަމަށް. ގާތްގަނޑަށް އަޅުގަނޑުމެންގެ އާމްދަނީ އަހަރެއްގެ މައްޗަށް ދެ މިލިއަނެއްހާ ރުފިޔާ ގެއްލިގެން އެދިޔައީ." އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ވޭތުވެދިޔަ ފަސް އަހަރު ކުޅުދުއްފުށީ ރައްޔިތުން ލާމަރުކަޒީ ތަރައްގީގެ ފޮނިކަން ދެކެފި ކަމަށެވެ.
އާތިފް ވިދާޅުވީ، މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލަރުން ތިބޭކަމަށް ކުޅުދުއްފުށީގެ ރައްޔިތުން ދެން ބޭނުމެއް ނުވާނެ ކަމަށާއި ކުޅުދުއްފުށީގެ ބިމުކުލި މާލެއަށް ފޮނުވާކަށް ކުޅުދުއްފުށީ ރައްޔިތުން ބޭނުމެއް ނުވާނެ ކަމަށެވެ.
އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންގެ މަސްލަހަތަށްވުރެ މާލޭގައި ހުންނަ ވެރިއެއްގެ މަސްލަހަތު އިސްކުރާ ކައުންސިލަރުން އެ ސިޓީގައި ތިބެން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުންގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ.
ގާނޫނީ ބަދަލާ ހެދި ކުޅުދުއްފުށީ މާލިއްޔަތަށް ލިބެމުންދިޔަ ބޮޑު އާމްދަނީއެއް ހުއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ