ކުރިން ހެއްދެވި ގޯހަށް ވުރެން ބޮޑު ގޯހަކާ ދިމާލަށް؟ ޑްރޯނުން ހައްލު ވާކަށް ނެތް!
ރާއްޖޭގެ ކަނޑުން ގެއްލުނު ބައެއް ވިޔަސް ނުވަތަ ބައެއްގެ އިހުމާލުން ގެއްލުވާލި ބައެއް ނަމަވެސް އެ ސަރަހައްދު ހޯދަން އުޅުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެއީ ދެން ނުވާ ކަމަކަށް ހަދައިގެން ހުރެވޭ ވަރަށް ވުރެން ބޮޑު ކަމެކެވެ. ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް އެ ސަރަހައްދު ހޯދަން އުޅުއްވާ ކަމަށް ދޭތެރެދޭތެރެއިން ވިދާޅުވާތީ ވެސް އުފާވެއެވެ. ނަމަވެސް މިކަމާ އުޅުއްވާއިރު ވެސް ވިސްނާވަޑައިގަންނަވަން ޖެހޭ އެތައް ކަމެއް އެބައޮތެވެ. ރައީސް މުއިއްޒުގެ މި ސަރުކާރަށް ބަލާއިރު ހެއްދެވޭ ގޯސްތައް ގިނައެވެ. ޚާއްސަކޮށް ޚާރިޖީ ދާއިރާއިންނެވެ. އެންމެ ބޮޑު އެހީއެއްވާ އަވައްޓެރި އިންޑިއާއާ ޖެހިގަތްގަތުމާއި ފަހުން އުނގަށް ވެއްޓުނު ގޮތަކީ އޭގެ މިސާލެކެވެ. މީގެ ސަބަބުން ރާއްޖެއަށް ލިބުނީ އެންމެ ގެއްލުމެއް ދެ ގެއްލުމެއް ނޫނެވެ. ހިލޭ އެހީއަށް އެކަނި ބެލިނަމަވެސް ގެއްލުމުގެ ބޮޑު މަންޒަރު ސިފަ ވާނެއެވެ. ތަރައްގީގެ ދުވެލި މަޑުޖެހިފައިވާވުމަށް ބެލިނަމަވެސް ގައުމުތަކާއި ރާއްޖެއާ އޮތް ގުޅުންތައް ހީނަރުވެފައިވާ ކަމަށް ބެލުމުގެ ފުރުސަތު އެބައޮތެވެ. ޖިއޯ ޕޮލިޓިކްސް އާއި ޑިޕްލޮމެސީއަކީ ކެތްތެރިކަމާއެކު, ވަރަށް ތޫނުފިލިވެގެން ކުޅެން ވާނެ ކަންކަމެވެ. ޚާއްސަކޮށް, ކުދި ގައުމުތަކެވެ. ދެތިން ޑްރޯނާއި ކޯސްޓް ގާޑެއް އޮތްނަމަވެސް ކުދި ގައުމުތަކުން ވާނީ ހަގީގަތް ގަބޫލު ކުރާށެވެ. އެމެރިކާ އާއި ރަޝިއާ އާއި ޗައިނާއާއި އީރާނުން ދައްކާ ގަދަ، ކުދި ގައުމުތަކަކަށް ނުދެއްކޭނެއެވެ. އެކަން ކުރަން އުޅެފިނަމަ ތެޅިތެޅި ހުޅުނބުގޮސް, އަގު ވެއްޓުން ނޫން އެހެން ކަމެއް ނުވާނެއެވެ. މިއީ ގައުމިއްޔަތާ ދެކޮޅު ވެގެން ބުނާ ވާހަކައެއް ނޫނެވެ. މިއީ ހަގީގަތެވެ. އިންޑިއާ ކަންތަކުގައި ރާއްޖޭން އެ ބޮޑު ލަދު ގަތްތާ އަދި މާ ދުވަހެއް ނުވެއެވެ. މަޝްވަރާ އިސްކޮށް, ދޫދޭން ޖެހޭ ތަނުގައި ދޫދީ, ހިފަހައްޓަން ޖެހޭ ތަނުގައި ހިފަހައްޓަން ދަސްކުރަން ޖެހެނީ އެހެންވެއެވެ. https://www.sun.mv/217734 ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި އަދި ރާއްޖޭގެ ހައްގުތައް ހޯދަން މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. ނަމަވެސް ކަންކަން ކުރަން އޮންނަ އެންމެ މޮޅު ގޮތަކީ އަބަދު ގަދަބަސް ބުނުމާއި ގަދަކަން ދެއްކުން ނޫންކަން ދުނިޔޭގެ ތާރީޚާއި މިއަދުގެ ހަގީގަތަށް ބެލި ނަމަވެސް އޮތީ ފެންނާށެވެ. ޚާއްސަކޮށް ކުދި ގައުމުތަކަށެވެ. މަޝްވަރާ އާއި ޑިޕްލޮމަސީ އިސްކުރުމަކީ ކުދި ގައުމުތަކަށް އެންމެ މޮޅޮ ގޮތެވެ. ޚާއްސަކޮށް ގައުމުތަކުގެ އިންވަކިކުރުން ފަދަ ހައްސާސް ކަންކަމުގައެވެ. ކަނޑުގެ މައްސަލާގައި ވެގެން މިއުޅެނީ ކިހިނެއް؟ ދުނިޔޭގެ އެންމެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ އާއި އިނގިރޭސި ވިލާތުން އެ ގައުމުތަކުގެ އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ, ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލާގައި މޮރިޝަސްއިން ވަނީ 2018 ވަނަ އަހަރު, އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް އިނގިރޭސި ވިލާތް ގެންގޮސްފައެވެ. އެ މައްސަލަ އައިސީޖޭއިން ބެލުމަށް ފަހުގައި, 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެ ކޯޓުން އިސްތިޝާރީ ލަފައެއް ނެރެ ނިންމާފައިވަނީ، ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ. އެކަންވީ މޮރިޝަސްއަށް ބޮޑު ކާމިޔާބީއަކަށެވެ. އެ ފޯރީގައި އައިސީޖޭގެ ނިންމުމުގެ މައްޗަށް ބުރަވެ މޮރިޝަސްއިން, ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް އެހެން މައްސަލައެއް ހުށަހަޅާފައެވެ. އެއީ ޗާގޯސްއަށް ދެން ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށެވެ. އިޓްލޮސްއިން ވެސް ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ނޫން ކަމަށް ނިންމައި މޮރިޝަސްއިން އެދުނު ގޮތަށް ކަނޑު ބަހައި ދިނެވެ. އޭގެ ކުރިން ފޯޅަވައްސަކީ އިނގިރޭސި ވިލާތުގެ ތަނެއްގެ ގޮތުގައި ބަލަމުން ގޮސްފައިވާތީ މޮރިޝަސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު އޮތީ ނުބަހައެވެ. ނުވަތަ ބަހާކަށް އޭރަކު ނުޖެހެއެވެ. މިއީ ރާއްޖޭގެ ސިޔާސީ މަޝްރަހު ކެކެން ފެށި ހިސާބެވެ. ނުވަތަ މޮރިސަޝްގެ ބޮޑު ވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ފޮނުއްވި ސިޓީއަކާއެކު, ކަނޑު ވިއްކާލި ކަމުގެ ތުހުމަތު ކުރަން ފެށުނު ހިސާބެވެ. ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ (ބީއައިއޯޓީ) ގެ ބައެއް ކަމަށްވާ ފޯޅަވަހި: ރާއްޖެ އާއި މޮރިޝަސްގެ އިގްތިސާދީ ސަރަހައްދު އަލުން ކުރަހަން ބެލިއިރު، ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން އަދި 95000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ފުށުއަރައެވެ. އެހެންވެ އެ ތަން ދެ ގައުމަށް ބަހާލީ ރާއްޖެއަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ. އަސްކަރީ އޮޕަރޭޝަނެއްތަ؟ ނޫނީ ޑިޕްލޮމަސީތަ؟ މި ސަރުކާރުން ވެރިކަމަށް އައީ، އެ ނިންމުމާއެކު ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދާނެ ކަމުގެ ވައުދާއެކުގައެވެ. ރައީސް މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި, ރިޔާސީ ބަޔާނުގައި ވަނީ، ގާނޫނުއަސާސީއާއި ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާ ސަރަހައްދުތަކަށް އެއްވެސް ބަދަލެއް އައިސްފައިވާކަމަށް ދިވެހި ސަރުކާރުން ބަލައިނުގަންނަ ކަމަށް ވިދާޅުވެފައެވެ. އަދި 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއްކަމަށް ގާނޫނުގައި ހިމެނުމަށް ހުށަހަޅުއްވާނެކަން ހާމަކުރައްވައިފައެވެ. އެ މަނިކުފާނު ވަނީ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ސަރަހައްދަކީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުން ދޫކޮށްލި ބަޔެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި ޞާލިޙް މޮރިޝަސްގެ ރައީސަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވަނީ އެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް އުފައްދާނެ ކަމަށް ވެސް ވިދާޅުވެފައެވެ. އެ ބަޔާން ދެއްވިތާ ގިނައިރުތަކެއް ނުވެ ދެން ފެނުނީ ހައިރާން ކުރުވަނިވި ކަމެކެވެ. ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ވަކިކުރަން އިޓްލޮސްއިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް މުޢިއްޒު އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް ދިވެހި ސިފައިން ބަލަހައްޓަމުންދާނެ ކަމަށް، ޑިފެންސް މިނިސްޓްރީން ބުނުމެވެ. https://www.sun.mv/217659 ޑިފެންސް މިނިސްޓްރީން ބުނީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދަކީ ރާއްޖޭގެ ޚާއްސަ އިގުތިޞާދީ ސަރަހައްދު ކަމަށެވެ. އެގޮތުން ޖުލައި 31، 1976 ގައި ރާއްޖޭން ވެފައިވާ "ޑިޓަމިނޭޝަން އޮފް ދަ ޓްރައިޖަންކްޝަން ޕޮއިންޓް އިން ދަ ގަލްފް އޮފް މަނާރު" އެއްބަސްވުން ފިޔަވައި އެހެން ގައުމަކާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުން އެއްވެސް މިންވަރެއް ގެއްލިގެންދާނެ ފަދަ އެއްބަސްވުމެއް ނުވާ ކަމަށެވެ. މިނިސްޓްރީން ބުނީ، ރާއްޖޭގެ އުތުރުން ޑީލިމިޓްކޮށްފައިވާ ސަރަހައްދު ފިޔަވައި ރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ރާއްޖެއަށް ލިބިގެންވާކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށެވެ. އެހެންކަމުން ގާނޫނުގައިވާ ގޮތުން އެ ސަރަހައްދު ބެލެހެއްޓުމަކީ ސިފައިންގެ މަސްއޫލިއްޔަތެއް ކަމަށް މިނިސްޓްރީން ބުންޏެވެ. ވުމާއެކު، އެ ސަރަހައްދު ސިފައިންގެ ގާބިލުކަން ތަންދޭ މިންވަރަކުން އިޚްލާސްތެރިކަމާއި ފަރުވާތެރިކަމާއި ސާބިތުކަމާއެކު ބަލަހައްޓަމުންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަމައެއާއެކު އެމްއެންޑީއެފްއިން ދެން އިއުލާން ކުރީ, ތުރުކީއިން ދިވެހިރާއްޖެއަށް ހަދިޔާކުރި މަނަވަރާއި ރާއްޖޭން ބޮޑު އަގު ދީފައި ގަތް ޑްރޯންތައް ބޭނުންކޮށްގެން ގައުމީ ދިފާއީ ބާރުން ރާއްޖޭގެ ދެކުނުގައި ސަވައިލަންސް އޮޕަރޭޝަނެއް ފެށި ވާހަކައެވެ. މި މައްސަލާގައި އިނގިރޭސީން ވަނީ މިކަމަކީ ރާއްޖެއާ ބެހޭ ކަމެއް ނޫން ކަމަށް ނުގޮތަކަށް ބުނެފައެވެ. އެ ގައުމުން ބުނާގޮތުގައި މިއީ އިނގިރޭސީންނާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެކެވެ. އަދި އެމެރިކާއިން ވަނީ އިނގިރޭސީންގެ އެ ނިންމުމަށް ތާއީދު ކޮށްފައެވެ. އެކަން ކުރިތާ މާ ގިނައިރުތަނެއް ނުވެ އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ވެސް ވަނީ އިންޑިއާއިން މޮރިޝަސްއާއެކު އޮތްކަން ހާމަ ކުރައްވައިފައެވެ. ދުނިޔޭގެ އެ ބޮޑެތި ބާރުތައް އެއޮތީ އެކުގައި ކަން އެ ވަނީ ހާމަ ކޮށްފައެވެ. ރާއްޖޭން ކަން ކުރައްވީ ކިހިނެއް؟ ކުރީގެ އެސިސްޓެންޓް ޕްރްސިކިއުޓަރ ޖެނެރަލް ޖިހާދާ އަނީސް ވިދާޅުވާގޮތުގައި އިޓްލޮސްގެ ނިންމުންތަކަކީ ލޯ އޮފް ދަ ސީ ކޮންވެންޝަންގެ ބައިވެރިވާ ޤައުމުތަކުން އިޙްތިރާމްކުރަންޖެހޭ އަދި އެ މައްޗަށް ޢަމަލުކުރުން، ލާޒިމް ނިންމުންތަކެވެ. އަދި އިޓްލޮސްގެ ނިންމުންތަކަކީ އިސްތިއުނާފު ކުރެވޭ ނިންމުންތަކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އައިސީޖޭގެ އެޑްވައިޒަރީ، އޮފީނިއަންގެ މައްޗަށް ރިއާޔަތްކޮށް، އިޓްލޮސްއިން މައްސަލަ ބަލައިގަތުމަށް ނިންމުކީ އޭގެ ޒާތުން އިލްމީގޮތުން ބަހުސްކުރެވިދާނެ ގިނަ ކަންތައްތަކެއް އެކުލެވޭ ނިންމުމަކަށްވާތީ އާއި އިޓްލޮސްގެ ނިންމުމުގައި ކަންބޮޑުވާންޖެހޭ ކަންތައްތަކެއް އެކުލެވޭތީ, ރާއްޖޭގެ މަސްލަހަތުގައި ވިސްނާއިރު މިކަމުގައި ރާއްޖެއިން އަވަސް ފިޔަވަޅުތަކެއް އެޅުން މުހިންމު ކަމަށް، އިންޓަނޭޝަނަލް މެރިޓައިމް ލޯއިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ޖިހާދާ ވިދާޅުވިއެވެ. ޖިހާދާ ވިދާޅުވިގޮތުގައި ބައެއް ޙާލަތްތަކުގައި އިޓްލޮސްގެ ނިންމުން "ރިވައިސްކުރުމަށް" ހުށަހެޅިދާނެއެވެ. އެހެންކަމުން އިޓްލޮސްގެ ރޫލްސް އޮފް ދަ ޕްރޮސީޖާގައި ބަޔާންވެފައިވާ ޙާލަތެއް އޮތްތޯ ބެލުމަށް އިޓްލޮސްގެ ނިންމުން ދިރާސާކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ނުވަތަ ބައިނަލްއަޤްވާމީ، ޤާނޫނުތަކަށާއި، އައިސީޖޭގެ މަސައްކަތްތަކުގެ އަލީގައި، ކުރެވިދާނެ އިތުރުކަމެއް އޮތްތޯ ބެލުންވެސް، މުހިންމު ކަމަށް ޖިހާދާ ވިދާޅުވިއެވެ. ނަމަވެސް ބައިނަލްއަގުވާމީ ގާނޫނާއި ގައުމުތަކާ މަޝްވަރާ ކުރުން ނުވަތަ ޑިޕްލޮމަސީގެ އުސޫލުތަކުގެ ބަދަލުގައި އަސްކަރީ އޮޕަރޭޝަންތައް ޖައްސައި ހަދާނަމަ އެއީ ކަން ކުރަން ޖެހޭ ގޮތް ކަމަށް ޖިހާދާ ވެސް ގަބޫލު ނުކުރައްވައެވެ. ކުރީގެ ތަޖުރިބާކާރު ފަނޑިޔާރަކު މި މައްސަލައިގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޯޓެއްގެ ނިންމުން ބޮލާލާ ޖެހުމަކީ ރާއްޖޭގެ އަގު ބައިނަލްއަގުވާމީ ދާއިރާގައި ވެއްޓޭނެ ކަމެއް ކަމަށާއި އެކަން އެގޮތަށް ކޮށްގެން ނުވާނެ ކަމަށެވެ. https://www.sun.mv/217617 "ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ހުންނާނީ ބަދަލުވެ ބަދަލުވެ. އެކަމަކު ދައުލަތް ދާނީ ދިގު ދެމިގެން. ނާއިންސާފުން ކަމެއް ނިންމާފައި އޮތްނަމަ ދެން އޮތް މަރުހަލާއަށް ދާންވާނީ. ގަދަފައި ވިއްދާފައި ހަދާނީ އެހެނޭ، މިހެނޭ ވިދާޅުވުމަކީ ގައުމުގެ އަގު ވެއްޓޭނެ ކަމެއް," ގިނަ އަހަރުތަކެއް ވަންދެން އިސް ކޯޓްތަކެއްގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅާ ވިދާޅުވިއެވެ. ރާއްޖޭގެ ވަރަށް ފުންނާބު އުސް އަދި ދައުލަތުގެ އިސް މަގާމުތައް ފުރުއްވާފައިވާ ގާނޫނީ ވަކީލަކު ވިދާޅުވިގޮތުގައި ބައިނަލްއަގުވާމީ ކޯޓުން ކަނޑުގެ މައްސަލައާއި ފޯޅަވަހީގެ މައްސަލަ އެއޮތީ ވަކިގޮތަކަށް ނިންމާފައި ކަމަށްވާތީ އެކަމާ ދެން ޝަރުއީ ގޮތުން ކުރެވޭނެ ކަމެއް ނެތެވެ. މިކަމުގައި ދެން އެހެން ހައްލެއް ބޭނުންވާނަމަ ކުރަން އޮތް ކަމަކީ ޑިޕްލޮމެޓިކް ޗެނަލްގެ ތެރެއިން ކަންކަން ކުރެއްވުން ކަމަށް އެ ބޭފުޅާ ދެކެވަޑައިގަންނަވައެވެ. "ކޯޓުން ވަކި ގޮތެއް ނިންމިޔަސް މަޝްވަރާ ކޮށްގެން އަދި ގޮތްތައް ހޯދޭނެ ނޫންތޯ. އެއީ ކޯޓާ ބެހޭ ކަމެއް ނޫނެއްނު," އެ ބޭފުޅާ ވިދާޅުވިއެވެ. "ބައިނަލްއަގުވާމީ އެކި ގައުމުތަކުގެ އެކި އިންޓްރެސްޓް ދެއްތޯ މި ހުންނަނީ. މިސާލަކަށް އެމެރިކާ މީހުން ބޭނުންވާ ކަމެއް އޮވެދާނެ. އެހެން ވިއްޔާ އެމެރިކާއާ ވާހަކަ ދެއްކި ދާނެ ރާއްޖޭން ދޫކުރާނެ ކަންކަމާއި ރާއްޖެއަށް ލިބެންވީ ކަންކަމާ ގުޅޭ ގޮތުން. އެގޮތަށް އިނގިރޭސީންނާ ވެސް. މޮރިޝަސްއާ ވެސް ވާހަކަ ދެކެވޭނެ. އެއީ މިކަން މިހާރު ކުރަން ޖެހޭ ގޮތަކީ." އެ ބޭފުޅާ ވިދާޅުވިގޮތުގައި ސަރުކާރުން މިކަމުގައި ހޯދަން ޖެހެނީ ސިޔާސީ އަދި ޑިޕްލޮމެޓިކް ހައްލެކެވެ. އެކަން ވާނީ މަޝްވަރާގެ މަތިން ކަންކަން ކޮށްގެން ކަމަށާއި ކޯސްޓްގާޑާއި ޑްރޯނުން އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް އޭނާ ގަބޫލު ކުރައްވައެވެ. ޕޮލިޓިކަލް ސައިންސް ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވާފައިވާ އަދި ބޭރު ދުނިޔޭގެ ޚަބަރުތައް ދިރާސާ ކުރައްވާ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވިގޮތުގައި, މިހާތަނަށް ރާއްޖެއަށް ހެދިފައިވާ އެންމެ ބޮޑު ގޯހަކީ ފޯޅަވަހީގެ މިލްކުވެރި ކަމަށް ދައުވާ ކޮށްފައި ނެތުމެވެ. ބައިނަލްއަގުވާމީ މައިދާނުގައި މިފަދަ ކަންކަމުގައި ބަސް ބުނަން ބޭނުންނަމަ ކުރިއާލާ އެކަންކަމަށް ދައުވާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. "އިނގިރޭސީން އެ ބުނަނީތާ އަޅުގަނޑުމެންގެ ދައުރެއް ނެތޭ މިކަމުގައި. އެހެންވީމަ އަޅުގަނޑަށް ފެންނަނީ ރައީސް އެ ކުރައްވަނީ އެކަމޭ. މިހާރުން ފެށިގެން އެކަމުގެ ތެރޭގައި އުޅެ, ދައުވާ ކޮށްފިނަމަ މީގެ 40 އަހަރު ފަހުން ވެސް އަޅުގަނޑުމެންގެ ސޭއެއް އިންނާނެ އެކަމުގައި." އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަށް ފެންނަނީ އެއަށް ފައިޓް ކުރާތަން. މިހާރުން މިހާރަށް އެތަނެއް ނުލިބޭނެ. އެކަން ކުރައްވަން ހަރުކަށި ވާނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ." މި ރިޕޯޓަށް ޑިފެންސް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރީމެވެ. ނަމަވެސް މިހާތަނަށް އެއްވެސް ކޮމެންޓެއް ދީފައެއް ނުވެއެވެ. ކަމެއް ހާސިލު ކުރަން އެންމެ މުހިންމު ކަމަކީ ހަގީގަތް ގަބޫލުކޮށް, ހައްލު ހޯދެން އޮތް އަސްލު މަގުން ދިއުމެވެ. ގަދަކަމާއި ވަރުގަދަކަން ދެއްކުމެއް ނޫނެވެ. އެހެންކަމުން ކަނޑުގެ މައްސަލައިގައި ވެސް ރާއްޖޭން އަމަލު ކުރަން ވީ އެ އުސޫލުންނެވެ. އިސްކުރަންވީ ޑިޕްލޮމަސީއެވެ. ކަންކަން ވާނީ މަޝްވަރާ ކޮށްގެން ކަމަށްވާތީއެވެ. ޑްރޯނާއި ކޯސްޓްގާޑް ދައްކައިގެން ކަންކަން ހައްލުނުވެ, ގޯސްވުމުގެ ފުރުސަތު އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ