އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ސިއްރުން އެއްބަސްވެފައި، އެކަމުން ސަލާމަތްވުމަކީ ކާމިޔާބީއެއް؟ އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ސިއްރުން އެއްބަސްވެފައި، އެކަމުން ސަލާމަތްވުމަކީ ކާމިޔާބީއެއް؟

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ސަތޭކަ ވާހަކައިގެ ތެރޭގައި، ސަރުކާރުން ހޯދި ވަރަށް ބޮޑު ކުރިއެރުމުގެއް ގޮތުގައި އިންޑިއާއިން ނަގާފައިވާ ކަރަންސީ ސްވޮޕާ ގުޅޭ ކަމެއް ފާހަގަކުރެއްވި އެވެ. އެއީ އިންޑިއާ ސަރުކާރުން ދޫކޮށްފައިވާ ކަރަންސީ ސްވޮޕުގައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) ގެ ޕްރޮގްރާމަކަށް ދާން އޮތް ޝަރުތު އުނިކުރި ވާހަކަ އެވެ.
"މީގެ އިތުރުން، ރާއްޖޭގެ ތަރައްގީގެ މައި ހިއްސާދާރެއް ކަމުގައިވާ ޗައިނާއިން ނަގާފައިވާ ލޯނުގެ ބައެއް، މާލިއްޔާއަށް ބުރަ ބޮޑުނުވާނެ ގޮތަށް ރީ-ފައިނޭންސް ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސްފައިވުމާއި، އިންޑިއާއިން ދީފައިވާ ސްވޮޕް ފެސިލިޓީގައި، ކުރިން އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހޭ ގޮތަށް އޮތް ޝަރުތު އުނިކޮށް، ރޯލްއޯވާ ކޮށްދީފައި ވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވަށް އެކަމުގެ ހެޔޮ އަސަރު އަންނަނީ ކުރަމުން،" މުއިއްޒު ވިދާޅުވި އެވެ.
އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން ޖެހޭ ގޮތަށް އޮތް ޝަރުތެއް އުނިކުކުރުން ސަރުކާރުން ހޯދި ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މުއިއްޒު ސިފަކުރެއްވިއިރު، އެއް ކަމެއް ނަންގަންނަވަން އެމަނިކުފާނު ހަނދާންނެތުނީ ތޯއްޗެކެވެ. މުއިއްޒުގެ ހަނދާނުން ކައްސާލީ، އެ ޝަރުތު އުނިކުރިކަން އިއުލާންކުރެއްވުމާ ހަމައަށް މި ވަރުގެ ބޮޑު ޝަރުތަކަށް އެއްބަސްވެފައި އޮތް ކަން ރައްޔިތުންނާ ހިއްސާކޮށްދިނުމަށެވެ.
އިންޑިއާ ސަރުކާރު މެދުވެރިވެގެން، އެ ގައުމުގެ މަރުކަޒީ ބޭންކު، ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާ އެކީ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއިކުރީ މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. އިންޑިއާ ދެކޮޅު ކެމްޕެއިނެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވީ އޮކްޓޫބަރު 7، ގައި އެވެ.
މި ދުވަސްވަރަކީ، ސަރުކާރުގެ ފައިނޭންސިން ޕްލޭން ފެއިލުވެ، ހަރަދު ކުޑަކުރަން ނުކުޅެދުމުން ބޭރު ފައިސާގެ ރިޒާވުގެ ހާލަތު ވަރަށް ނިކަމެތިކޮށް އޮތް ދުވަސްވަރެކެވެ. އަދި، ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން "ޖަންކް" ގްރޭޑަށް ރޭޓިން ދަށްކުރުމާ ގުޅިގެން ބޭރުން ފައިސާ ހޯދޭނެ މަގު ވެސް ގާތްގަނޑަކަށް އެއްކޮށްހެން ބަންދުވެފައި އޮތް ދަނޑިވަޅެކެވެ.
މި މުއާމަލާތުގެ މައުލޫމާތު އެނގޭ މަސްދަރުތަކުން ވަނީ އިންޑިއާއާ ދެކޮޅު ބަސްމަގު މައިތިރިކޮށް، ގުޅުން ރަނގަޅުކުރަން މަސައްކަތްކުރަން މަޖުބޫރުވީ ވެސް މާލީ ނުތަނަވަސްކަމުގެ ތެރެއިން ފައިސާ ހޯދޭނެ އެހެން މަގެއް ނުފެނިގެން ކަމަށް ބުނެފަ އެވެ. މިއީ އިދިކޮޅުން އެމްޑީޕީން ވެސް ސަރުކާރަށް އަމާޒުކުރާ ތުހުމަތެކެވެ.
ގިނަ އިގުތިސޯދީ މާހިރުން ވެސް އިންޑިއާއިން މި ކަރަންސީ ސްވޮޕް ނުދިންނަމަ ބޭރު ފައިސާގެ ދަތިކަން ހައްލުކުރަން ވަރަށް އުނދަގޫ ވީސް ކަމަށް ބުނެފަ އެވެ. އަދި މިއަދު ވެސް ޑޮލަރުން ކުރަން ޖެހޭ ހަރަދުތައް ކުރަމުން، ކުރިއަށް ދެވެނީ މި ސްވޮޕް ފެސިލިޓީގެ ސަބަބުން ކަމަށް އޭގެ ތެރެއިން މާހިރަކު ބުންޏެވެ.
މިވަރުގެ ދަތިކަމެއް އޭރު އޮތް ނަމަވެސް، އައިއެމްއެފްގެ ޕްރޮގްރާމަކަށް ދާން އެއްބަސްވެ ސަރުކާރުން އެކަން ހާމަނުކޮށް އޮތުމަކީ ކަންބޮޑުވުމެކެވެ.
އައިއެމްއެފްގެ ޕްރޮގްރާމުތަކަކީ އޭގައި ޝަރުތުކުރާ ކަންކަމުގެ ސަބަބުން ސީދާ ރައްޔިތުންނާ ގުޅޭ ކަންކަމާ ގުޅޭ ހަރަދުތައް، ހާއްސަކޮށް ވެލްފެއާ ހަރަދުތައް ކަނޑަން މަޖުބޫރުކުރާ ޒާތުގެ ޕްރޮގްރާމެކެވެ. މިއީ ދެ ސަރުކާރެއްގެ ދޭތެރޭގައި ހިނގާ މުއާމަލާތެއް ނަމަވެސް، ރައްޔިތުންނަށް ސީދާ އަސަރުކުރާ ކަންކަމުގައި އެ ރައްޔިތުންގެ މަސްލަހަތެއް ވެސް އޮންނަން ވާނެ ކަން ދަންނަން ވާނެ އެވެ. އިސްކުރަން ވާނީ، އެ މަސްލަހަތު ކަން ވެސް ދަންނަން ވާނެ އެވެ.
ކޮންމެއަކަސް އިންޑިއާ ސަރުކާރުގެ "ދީލަތި" ކަމުން އެ ނުރައްކަލުން މި ވަނީ ސަލާމަތްވެފަ އެވެ. ރައްޔިތުންނަށް މައުލޫމާތެއް ސިއްރުކުރުމުން ލަގާއެއް ނުލިބި ސަރުކާރަށް ސަލާމަތްވާނެ ފުރުސަތު ލިބިފަ އެވެ. މިހެނަސް އަބަދު މިހެން ކަންކަން ހިނގާނެ ކަމަށް އުއްމީދުކޮށްގެން ނޫނީ ހީކޮށްގެން ތިބުމަކީ، ހެދޭ ޅަ އެއްޗަކަށް ނޫނީ ނުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ