އިދިކޮޅު ކެންޑިޑޭޓުން ގަންނަން ސަރުކާރުން މިލިއަނުން ރިޝްވަތު ހުށަހަޅަމުން އެބަދޭ: އެމްޑީޕީ

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި ވެރިކަންކުރާ ޕީއެންސީން މިލިއަނުން ރިޝްވަތު ހުށަހަޅުމުންދާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - މިއަދު އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިންތިހާބަށް އެމްޑީޕީން ހަމަޖައްސާފައިވާ ތަރުޖަމާނުގެ ނައިބު ހުސެއިން ހަސަން ވިދާޅުވީ، ކެންޑިޑޭޓުންނަށް ރިޝްވަތު ހުށަހަޅަމުންދާކަން ފާހަގަކުރެވުނީ، ކައުންސިލް އިންތިހާބަށް އެ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ނަން ނަގަން ބޭނުންވާ މީހުންނަށް ނަން ނަގަން ހުޅުވާލި ފުރުސަތުގަ ކަމަށެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ސަރުކާރާ ވާދަވެރި އިދިކޮޅު ކެންޑިޑޭޓުން ގަތުމަށްޓަކައި މިލިއަނުން ފައިސަާ ހުށަހަޅަމުންދާކަން. ކެންޑިޑޭޓުން ނަން ނެގުމަށް މިއޮތް ފުރުަސަތުގެ ތެރޭގައި އެކަން އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ، އެ ކެންޑިޑޭޓުންގެ ފަރާތުން މިއަންނަ ހުށަހެޅުންތަކެއް ސަރުކާރުން ހުށަހަޅަމުންދާ ކަމަށް. ސަރުކާރުން ކުރަމުންދާ ކެމްޕޭނަކީ އެއީ. ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް،" ހުސެއިން ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުން:
ޕީއެންސީއަކީ އެއްވެސް އިރެއްގައި ސިޔާސަތެއް ވިއްކައިގެން ވޯޓު ހޯދި ބައެއް ނޫން؛ މަކަރާއި އޮޅުވާލުމުގެ ތެރެއިން ވޯޓު ހޯދި ބައެއް އަދި މިއަދު ވެސް ކުރަމުންދަނީ އެކަންތައް 
ކައުންސިލް އިންތިހާބުގެ ކެމްޕޭންތަކުގައި ވެސް ޕީއެންސީން އެއްވެސް ވައުދެއް ނުވިއްކާ؛ ބަލަނީ ފައިސާއަށް ވިކެން ބޭނުންވަނީ ކޮންބައެއްތޯ
މިހާ ފާޅުކަން ބޮޑު ގޮތެއްގައި ފައިސާ ހުށަހަޅައިގެން ކެންޑިޑޭޓުން ގަތުމުގެ މަސައްކަތް ރާއްޖޭގައި މީގެ ކުރިން އެއްވެސް އިރަކު ކޮށްފައެއްނުވޭ
"ވަޒީފާއަށް ކިތައް ކުދިންތޯ ނުކުންނަން ބޭނުންވަނީ. ޕްރޮމޯޝަން ބޭނުންވަނީ ކިތައް ކުދިންތޯ. މިއީ އެ ބޭފުޅުން ޑޯ ޓު ޑޯގައި ކުރައްވާ ކަމަކީ. ސިޔާސަތެއް ނުވިއްކާ. ފަސާދައިގެ އަމަލު މިއަދު ވެސް ހިންގަމުން އެ ދަނީ ގެތަކަށް ވަޑައިގެން،" ހުސެއިން ވިދާޅުވި އެވެ.
"ރައްޔިތުންގެ ކުރިމައްޗަށް ފާޅުގައި އެ ނުކުންނަވަނީ ރިޝްވަތުގެ ކަޅު ފައިސާ ހިފައިގެން."
ހުސެއިން އިތުރަށް ވިދާޅުވީ މިކަންކަން ކުރަމުންދަނީ އިންތިހާބަކާނުލާ ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ކަމަށާއި އެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ވެސް އެއްބާރުލުންދެމުންދާ ކަމަށެވެ. އީސީން އެކަމުގައި އެއްބާރުލުންދޭކަން އެނގޭ ގޮތަކީ އީސީން ހާމަނުކުރާ މައުލޫމާތު ޕީއެންސީން ހާމަކުރަމުން ދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން، ވޯޓުގެ ކުރިން އިންތިހާބަކާ ނުލާ %7 ގޮނޑި ލިބިފައިވާ ކަމަށާއި އިންތިހާބުގައި ވެސް ވޯޓަކާ ނުލާ %10 ގޮނޑި ލިބޭނެ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޕީޖީ ލީޑަރު އަދި ކެމްޕޭން މެނޭޖަރު އިބްރާހިމް ފަލާހު ދައްކަވަމުން ގެންދަވާ ވާހަކަތަކުން އެކަން ކަށަވަރުކުރެވޭ ކަމަށް ހުސެއިން ވިދާޅުވި އެެވެ.
އިންތިހާބަކާ ނުލާ ލިބޭނެ ގޮނޑިތަކާއި ލިބޭނެ އަދަދުތައް އެހާ ސާފުކޮށް އެނގޭނީ އީސީގެ ތެރެއިން އެ މައުލޫމާތު ލިބޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެނގުން މުހިންމު - ޕީއެންސީގެ ކެމްޕޭން ޖަލްސާއެއްގައި ފަލާހު މިފަހުން ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ވެސް އެ ޕާޓީގެ ޓިކެޓުގައި މިހާރު ކުރިމަތިލާން ބޭނުންނުވާ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފަ އެވެ. އަދި އިންތިހާބަކާ ނުލާ މިހާރު ވެސް %7 ގޮނޑި ޕީއެންސީއަށް ކާމިޔާބުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޕީއެންސީގެ ކެންޑިޑޭޓުން ބައިބައިނުވެ ކެމްޕޭން ކުރިއަަށް ގެންދިއުމަށް އިލްތިމާސްކުރައްވައި ފަލާހު ވަނީ، ކުރިއަށް އޮތް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ގޮނޑިތައް ހޯދައިދޭން ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު އަރުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ