ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ނުކުރާ މަސައްކަތެއް ނޯންނާނެ: އާތިފް

ކުޅުދުއްފުއްޓަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސިޓީ ކައުންސިލުން ނުކުރާ މަސައްކަތެއް ނޯންނާނެކަމުގައި އެ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އަންގަރާދުވަހު ރޭ އެމްޑީޕީ ބޭއްވި 'ވިޔަފާރިއަށް ފަހި ލޯޗިންގ' މާލޭ – ކުޅުދުއްފުށީ ޖަލްސާގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް، ކުރީގެ ސަރުކާރު ނިމުމުގެ ކުރިން 400 ހައުސިންގ ޔުނިޓްގެ ބިޔަ މަޝްރޫއެއް ފެށި ކަމަށެވެ. އަދި 1000 ހައުސިންގ ޔުނިޓް ކޮންޓެކްޓަރ ފައިނޭންސް އުސޫލުން އެމެރިކާގެ ކުންފުންޏަކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެގްރިމެންޓް ކުރި ކަމަށެވެ.
" އެހެންނަމަވެސް މި ހިނގަމުންދާ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ 400 ހައުސިންގ ޔުނިޓްގެ މަސައްކަތް ވަނީ ހުއްޓާލާފަ. އަދި އަޅުގަނޑުމެން ކޮންޓެކްޓާ ފައިނޭންސުން ސޮއިކުރި 1000 ހައުސިންގ ވީތަނެއް ނުވެސް އެނގޭ." އާތިފް ވިދާޅުވި އެވެ.
އެހެންނަމަވެސް ސަރުކާރު ބަދަލުވިފަހުންވެސް އެ 1000 ހައުސިންގ ޔުނިޓްގެ މަޝްރޫއު ކުޅުދުއްފުށީގައި ކުރިއަށްގެންދާނެކަމަށް ބުނެފައިވާ ކަމަށާއި އަދި އެމެރިކާގެ ކުންފުންޏަކާއެކު އެމްޑީޕީގެ ސަރުކާރު ހަވާލުކުރި އެ މަޝްރޫއުގެ އެގްރިމެންޓްކޮށްފައި އޮތީ ރަނގަޅަކަށް ސިޓީ ކައުންސިލަށް އަންގާ ފަހި ދިރިއުޅުން ކޯޕަރޭޝަނުން ސިޓީ ފޮނުވާފައިވާކަމަށް އާތިފް ވިދާޅުވި އެވެ.
މޭޔަރު އާތިފް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ 2000 ހައުސިންގ ޔުނިޓްފެ އެއްވެސް މަޝްރޫއެއް މިއަދާ ހިސާބަށް އައިރު ނުހިނގާ ކަމަށެވެ.
" އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ 2000 ހައުސިންގ ޔުނިޓްގެ މަސައްކަތުގެ އެއްވެސް މަސައްކަތެއް މިއަދާ ހިސާބަކަށް ނުހިނގާ. ދެ އަހަރު އަޅުގަނޑުމެން ސަރުކާރުގައި އާދޭސް ދަންނަވާ. މިނިސްޓަރުންގެ ފައިބުޑަށްގޮސް ސަލާން ޖަހައި މިއަދާ ހިސާބަށް އައިރު މޮހޮރެއް ނުވަތަ ސިމެންތި ހަންޖެއްގެ ހިސާބުވެސް އޭގެ މަސައްކަތަކަށް އެ ބޭފުޅުންނަށް ކުރެވިފައެއް ނެތް." މޭޔަރު ވިދާޅުވި އެވެ.
ސަރުކާރާ ގުޅުން ހުރި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށްދާނެ ތަނެއް ނުފެނުމުން ރިއަލް އެސްޓޭޓް މަޝްރޫއެއްގެ ގޮތުގައި 150 ހައުސިންގ ޔުނިޓް އަޅަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކައުންސިލަރުން ހިތްވަރުދޫނުކޮށް އަޅުގަނޑުމެން މަސައްކަތްކުރީ ރިއަލް އެސްޓޭޓް ޕްރޮޖެކްޓެއް ކުޅުދުއްފުށީގައި ކުރިއަށްގެންދަން. އަޅުގަނޑުމެންނަށް އިންވެސްޓަރުން ޝައުގުވެރިފާޅުކޮށްފަ އެބަހުރި. އެއާއެކު ކައުންސިލް އެކަމަށް ބޭނުންވާ ޑޮކިއުމެންޓްތައް ތައްޔާރުކޮށް މިދިޔަ [2025] ވަނަ އަހަރުގެ ފެބުރުއަރީމަހުގައި ކައުންސިލުން ފާސްކުރި އީއޯއައިއަށް ހުޅުވާލުން. ހުޅުވާލުމަށް ބެލިއިރު އަޅުގަނޑުމެން މާލިއްޔަތު ގަވައިދު ތެރެއިން ހުއްދަ ނަގަން ޖެހޭ ކަމަކަށްވާތީ މާލީ ވުޒާރާއަށް ހުއްދައަށް ފޮނުވީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 27 ވަނަ ދުވަހު. މިއަދު މިއީ އަނެއް އަހަރުގެ ފެބްރުއަރީ. ސަރުކަރުގެ ވުޒާރާއަކަށް ހުއްދަދޭން އަހަރެއް މިވަނީ. އަދިވެސް ހުއްދަ ނުދެވޭ. މޭޔަރު އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ، އެ 150 ހައުސިންގ ޔުނިޓް އަޅަން މިއަދު ހުއްދަދިނަސް މާދަމާ، އެ 150 ހައުސިންގ ޔުނިޓް އަޅަން ހުޅުވާލާނެ ކަމަށެވެ. އަދި ބޮޑެތި އިންފްރާސްޓަކްޗާގެ މަސައްކަތްތައް ސަރުކާރަށް ނުހިންގެންޏާ އެ މަސައްކަތަށް ސިޓީ ކައުންސިލާ ހަވާލުކުރަން އޭނާ ގޮވައިލެއްވި އެވެ. ބޮޑެތި މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ކައުންސިލްގައި އެބަހުރި ކަމަށްވެސް އާތިފް ފާހަގަކުރެއްވި އެވެ.
މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ، ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި 7 އަހަރު ކުޅުދުއްފުށީގައި އިމާރާތްކުރަން ފަށާފައިވާ ހުރި ހައުސިންގ މަޝްރޫއުތައް ވީރާނާވާން ދޫކޮށްލި ކަމަށާއި އެ މަޝްރޫއުވެސް ނިންމާ ހަވާލުކުރީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް މޭޔަރު އާތިފް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ