އެސްއެމްއީ ޑިޖިޓަލް އިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން 'ގެސްޓްހައުސް ފައިނޭންސިން އަދި 'ގެސްޓްރޫމް ފައިނޭންސިން'ގެ ނަމުގައި ދެ ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފި އެވެ.
ވީ ކިހިނެއް؟ - ގެސްޓްހައުސް ފައިނޭންސިން އަދި ގެސްޓް ރޫމް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓުގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.
ގެސްޓްހައުސް ފައިނޭންސިންއަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި މިހާރު ވެސް ހިނގަމުން އަންނަ ގެސްޓްހައުސް ތަރައްގީކުރުމަށާއި ކޮޓަރި އިތުރުކުރުމަށާއި އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ދަށުން:
އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިން ލިމިޓް 10 މިލިއަން ރުފިޔާއަށް ވަނީ އިތުރުކޮށްފައި
މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެ
ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެ؛ މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ވެސް ހިމެނޭ
ގެސްޓް ރޫމް ފައިނޭންސިންއަކީ ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި ދިވެހިންނަށް އަމާޒުކޮށްގެން މިހާރު ވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ.
މި ފެސިލިޓީގެ ދަށުން:
ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1.5 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިން ދޫކުރާނެ
މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަރަދުކުރަންޖެހޭނެ
ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެ؛ މީގެ ތެރޭގައި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭ
މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށެވެ.
ބުނީ ކީކޭ؟ - އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިން މެދުވެރިކޮށް އެ ބޭންކުން ބޭނުންވަނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމަށް ކަމަށެވެ.
"މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށާއި މިދާއިރާގައި ގިނަ ބަޔަކަށް ބައިވެރިވުމަށް މަގުފަހިވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
"ފަތުރުވެރިކަން ރަށްރަށުގައި ތަރައްގީކުރުމަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ގެސްޓްހައުސް އިމާރާތްކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ފައިނޭންސިން މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން ރަށުގެ އާމްދަނީ އިތުރުވެ ރަށްތަކުގެ އިގްތިސާދީ ހާލަތުގެ ރަނގަޅުވެގެންދާނެ."
އެސްއެމްއީ ޑިޖިޓަލްއިން ގެސްޓްހައުސްތަކަށް ފައިނޭންސިން ދެނީ؛ ފުރަތަމަ ފަހަރަށް 10 މިލިއަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ