ވަޒީފާތަކަށް ވުރެ ބޮޑަށް ޒުވާނުންނަށް ބޭނުންވަނީ ބިރުވެރިކަމެއްނެތި ހިޔާލުތައް ފާޅުކޮށް، ބަސް ބުނުމުގެ މިނިވަންކަން ކަމަށް އެމްޑީޕީގެ ރައީސް އަަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ކައުންސިލު އިންތިހާބަށް އެމްޑީޕީން ތައްޔާރުކޮށްފައިވާ މެނިފެސްޓޯގެ ދެވަނަ ތަނބު 'ވިޔަފާރިއަށް ފަހި' ހދ. ކުޅުދުއްފުއްޓާއި މާލޭގައި ރޭ ވަނީ ލޯންޗުކޮށްފަ އެވެ.
ތަފްސީލް - އެކަމަށްޓަކައި ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ، ވަަޒީފާގެ ބިރުވެރިކަމުގައި އެމަނިކުފާނާއި ބައްދަލުކޮށްލަން އަންނަން ނުކުރިފައި ތިބި އެތައް މީހުންނެއް ތިބިކަމަށް އެރަށުން ބައްދަލުވި އެންމެ ފުރަތަމަ މީހާ ވެސް ބުނި ކަމަށެވެ. ވަޒީފާގެ ބިރުދައްކާފައި ތިބުމުން، މަރުހަބާ ދަންނަވާލަން ބަނދަރު މައްޗަށް ނުކުމެލަން ވެސް ބައެއް މީހުންނަށް ނުކުރުނުކަން ޝާހިދު ފާހަގަކުރެއްވި އެވެ.
މި ސަރުކާރުގެ ވިސްނުން އޮތީ ކޮންމެ މީހަކަށް ސަރުކާރުގެ ވަަޒީފާއެއް ދީ، ކަރުގައި ވާގަނޑެއް ޖަހާފައި ބާއްވައިގެން ރައްޔިތުމީހާ ނިކަމެތިކޮށްލުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"މިކުރީ ކީއްތޯ. މިކުރި ކަމަކީ ކަރުގައި ވާގަނޑެއް ޖަހާފައި ދަމާލާފައި ބާއްވަނީ. އެއީ އެމްޑީޕީ ދެކޮޅު ހަދާ ކަމަކީ. މިކަން މިއަދުގެ ސަރުކާރުން ރައީސް މުހައްމަދު މުއިއްޒުގެ ހުދުމުހުތާރު ސަރުކާރުން އެކުރައްވާ ގޮތަކީ، ސަރުކާރުން އޮބި ނޯންނަހާ ވަޒީފާތައް ދެއްވައި، ސިޓީތަކުގައި ރަށްރަށުގައި މަސައްކަތްކުރަމުން ގެންދިޔަ މަސައްކަތްތައް، މުޅި އިގްތިސާދު ހަރާބުކޮށްލައި ހަލާކުކޮށްލާފައި މުޅިން ސަރުކާރުގެ މުސާރައަށް އެކަނި ބަރޯސާކޮށްގެން މީހާ، އިންސާނާ، ދިވެހި ރައްޔިތުމީހާ ނިކަމެތިކޮށްލަނީ. ފުނޑުފުނޑުކޮށްލަނީ. މި ދެންނެވި މީހުން އެމީހުންގެ ހިތުގައިވާ ޝުއޫރު ހިތްވަރާ އެކު ބުނެލަން ފުރުސަތު ނުލިބުނީމާ މަޑުމަޑުން އެތެރޭން އެމީހަކު ފުނޑުފުނޑުވެގެން އެދަނީ،" ޝަހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ދެން ޝާހިދު ފާޅުކުރެއްވި ކަންބޮޑުވުމަކީ، ރަށްރަށުގައި ވިޔަފާރިކުރެވޭނެ މަގުތައް ސަރުކާރުން ބަންދުކޮށް "ފުނޑުފުނޑުކޮށްލަމުންދާ" ކަމުގެ ކަންބޮޑުވުމެވެ.
އެގޮތުން ވިދާޅުވީ:
އެމްޑީޕީގެ ސަރުކާރުގައި ކައުންސިލުތަކަށް ވާނީ ރަށުގެ ވިޔަފާރިވެރިންނަށް މަސައްކަތްތައް ދީގެން ރަށުތެރޭގައި ވިޔަފާރިތައް އުފައްދަން ފުރުސަތުދީފައި
މިއަދުގެ ސަރުކާރުން ނިންމާފައިވަނީ ކޮރަޕްޝަންގެ ހާލިތަކުގެ ގޮތުގައި އޮތް ސަރުކާރުގެ ކުންފުނިތަައް ލައްވާ ނޫނީ އެެއްވެސް މަސައްކަތެއް ނުކުރަން
މިއީ ރަށުގައި އޮތް އިގްތިސާދު މުޅިން ހަލާކުކޮށްލައި ފުނޑުފުނޑުކޮށްލުން؛ ރަށްރަށުގައި އަމިއްލަ މީހަކު ކުރާނެ މަސައްކަތެއް ނެތް
އެމްޑީޕީން ނުކުމެ ތިބީ އެކަމާ ދެކޮޅަށް ކަމަށާއި ކުރިއަށް އޮތް ކައުންސިލް އިންތިހާބާ އެކު އެމްޑީޕީން ތިބީ މި ސަރުކާރު ބަލިކޮށްލަން ތައްޔާރަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ވަޒީފާއަށް ވުރެ ބޮޑަށް ޒުވާނުންނަށް ބޭނުންވަނީ ބަސް ބުނުމުގެ މިނިވަންކަން: ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ