ނެޝަނަލް ސާވިސްއަށް ގާނޫނެއް، ގަވަނިން ކައުންސިލްގެ ވެރިޔަކަށް ރައީސް ނެޝަނަލް ސާވިސްއަށް ގާނޫނެއް، ގަވަނިން ކައުންސިލްގެ ވެރިޔަކަށް ރައީސް

ނެޝަނަލް ސާވިސް ޕްރޮގްރާމް ހިންގުމޭ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމަށް ހާއްސަ ގަވަނިން ކައުންސިލެއް އުފައްދައި އެ ކައުންސިލުގެ އެންމެ އިސް ވެރިޔަކަށް ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގޮތަށް "ވަތަނީ ހިދުމަތުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އެވެ. ބިލުގައި ވަނީ ނެޝަނަލް ސާވިސް ޕްރޮގްރާމްގެ މައިގަނޑު އަސާސްތަކާއި މަގުސަދުތައް ކަނޑައަޅައި އެ ޕްރޮގްރާމް ހިންގުމާ ބެހޭ އުސޫލުތައް ހިމަނާފަ އެވެ.
ނެޝަނަލް ސާވިސް ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބަޔަކަށް ކަމަށް ބިލުގައި ބުނެ އެވެ. އެއީ އަސާސީ ތައުލީމާއި ތަމްރީނުގެ ކޯހާއި ދައުލަތުގެ ޔުނީފޯމު އެޅި ހިދުމަތެއްގެ ތެރެއިން ކަނޑައެޅޭ ހިދުމަތެއްގައި މަސައްކަތް ކުރުމުގެ މައްޗަށެވެ.
އެ ބިލުގައި ބުނާ ގޮތުން މި ޕްރޮގްރާމްގައި 16 އަހަރާއި 28 އަހަރާ ދެމެދުގެ ކޮންމެ ދިވެއްސަކަށް ބައިވެރިވެވޭނެ އެވެ. 16 އަހަރާއި 18 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭނީ ބެލެނިވެރިންގެ ހުއްދައާއެކު އެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް މެޑިކަލް އެސެސްމަންޓެއް ވެސް ފުރިހަމަ ކުރަން ޖެހޭ ކަމަށް ބިލުގައި ބުނެ އެވެ. ކޮންމެ ވަގުތެއްގައި ވެސް ޕްރޮގްރާމުން ވަކިވުމުގެ ފުރުސަތު ބައިވެރިންނަށް އޮވެ އެވެ. އޭގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ގާބިލުކަން ނެތް ކަމަށް ކަނޑައެޅިއްޖެނަމަވެސް ޕްރޮގްރާމުން ވަކިކުރެވޭނެ އެވެ.
ނެޝަނަލް ސާވިސްގެ ދަށުން ހިންގާ އަސާސީ ތައުލީމު ޕްރޮގްރާމް ހިންގާނީ އެއް އަހަރަށެވެ. އެ ކޯހުގެ ބައިވެރިންނަށް ހުރުމާއި، ކެއުމާއި، ބޭސްފަރުވާ އާއި ދަތުރުފަތުރު ސަރުކާރުން ހަމަޖައްސައިދޭން ޖެހެ އެވެ.
މި ޕްރޮގްރާމް ހިންގުމަށް ގަވަނިން ކައުންސިލެއް އެކުލަވާލަން ޖެހޭ ކަމަށް ބިލުގައި ބުނެ އެވެ. އެ ކައުންސިލްގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އެވެ. ދެން ތިބެނީ ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، ޗީފް އޮފް ޑިފެންސް ފޯސް އާއި، ޕޮލިސް ކޮމިޝަނަރާއި، ފިނޭންސް މިނިސްޓަރެވެ.
ނޭޝަނަލް ސާވިސް ޕްރޮގާމުގެ ތެރެއިން އަހަރަކު 1،000 ކުދިން ތަމްރީނު ކުރުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. އެ ޕްރޮގްރާމް ތައާރަފްކުރި ފަހުން މިދިޔަ އަހަރު ތަމްރީންތަކަށް ދިޔައީ 343 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ