ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު މިއަދުގެ މަޖިލިސް ޖަލްސާގައި އެމްޑީޕީއަކީ އިސްލާމް ދީނާ ދެކޮޅު، ލާދީނީ ބައެއް އުޅޭ ޕާޓީއެއް ކަމަށް ވިދާޅުވުމުން އެ ޕާޓީގެ މަޖިލިސް މެންބަރުންގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެ އެވެ.
އެމްޑީޕީ މެންބަރުން ވިދާޅުވީ، އެއް މުސްލިމަކު އަނެއް މުސްލިމަކަށް އެގޮތަށް މީހުންނަށް ލާދީނީ ގޮވުން ހުއްޓުވަން ޖެހޭ ކަމަށެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަހުސަކީ މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތަށް ހެދުމަށް އެމްޑީޕީގެ ފަރާތުން ގާނޫނުލްއުގޫބަތަށް ހުށަހެޅި ބިލުގެ ބަހުސް އެވެ.
އެމްޑީޕީގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
ތަފްސީލު - އެ ބިލަށް ތާއީދު ކުރައްވައި ބަހުސްގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދީ، އެތަނުގައި މަސްތުވާތަކެތި ބޭނުންކޮށް އަދި ކައިބޮއެ ހެދުމުގެ އަމަލުތައް ހިނގަމުން ދިޔަ ކަމަށެވެ. އަދި އެކަންކަމަށް އިންސާފު ވެސް ނުލިބި ދިޔަ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ރައީސް މުހައްމަދު މުއިއްޒަކީ މިހާތަނަށް ރާއްޖޭގައި އިސްލާމީ ވަހުދަތު ހިފެހެއްޓުމަށްޓަކައި އެންމެ ބޮޑު މަސައްކަތެއް ކުރައްވާ ރައީސް ކަމަށެވެ.
"އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ ދިވެހި ގައުމަށް ލިބުނު ހެޔޮ ނަސީބެއް. އިސްލާމީ ގައުމެއްގައި، އިސްލާމް ދީން ދެމެހެއްޓުމަށް ވެސް ލިބުނު ވަރަށް ބޮޑު ރަހުމަތެއް،" ފަލާހު ވިދާޅުވި އެވެ.
"އެމްޑީޕީއަކީ އަބަދު ވެސް ލާދީނީ ފިކުރުގެ [ޕާޓީއެއް]. އެ މީހުންގެ ވާހަކަތަކުން، އެ މީހުންގެ ވެރިންގެ ވާހަކަފުޅުތަކުން ހުންނާނެ މިހާރު ވެސް މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން އޯޑިއޯތަކާއި ވީޑިއޯތަކުން ފެންނާނެ."
އެއާ އެކު ފަލާހު ވިދާޅުވީ މި ސަރުކާރުގައި މިސްކިތްތަކަށް ގެއްލުންދޭ ފަދަ ކަންކަން ހައްލު ކުރުމަށް ކުރާ މަސައްކަތްތަކަށް ތާއީދު ކުރާނެ ކަމަށާއި ނަމަވެސް ހިތާމައަކީ ދެން ވެސް އެމްޑީޕީއަށް ވެރިކަން ލިބޭ ދުވަހަކުން މިސްކިތްތަކަށް ގެއްލުން ދިނުން ހުއްދަ ކުރާނެ ކަމަށެވެ.
ފަލާހު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ރާއްޖޭގައި އެއްވެސް މިސްކިތެއް ހުޅުވާފައެއްނުވެ އެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ދޮގެކެވެ. ދީން ބޭނުންކޮށްގެން ވަރަށް ބޮޑަށް އޭނާގެ ވާހަކައިގައި އެމްޑީޕީއަށް ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދިޔަ އެވެ.
"ހަގީގަތުގައި މިއީ މިސްކިތްތަކާ ވަރަށް ދުރު ބައެއް. މީގެ ތެރޭގައި ވެސް ތިބޭނެ ރަނގަޅު، ހެޔޮލަފާ މީހުން. ތިބީމަތާ މި އިސްލާހު ވެސް ހުށަހެޅީ. އެކަމަކު ޖުމްލަ ގޮތެއްގައި ވަރަށް ނުލަފާ ބައެއް މީހުން،" އެމްޑީޕީ ރާއްޖޭގެ ސިޔާސި މަސްރަހުން ފުހެލަން ޖެހޭ ކަމަށް ފާހަގަ ކުރައްވައި ފަލާހު ވިދާޅުވި އެވެ.
އެމްޑީޕީ މެންބަރުން ފަލާހުއަށް ރައްދު ދެއްވަމުން ވިދާޅުވީ، ޕީއެންސީގެ ސިޔާސީ ޕްރޮޕެގެންޑާއަށް އެމްޑީޕީ މީހުން ލާދީނީ މީހުންގެ ގޮތުގައި ލޭބަލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ހުއްޓާލަން ޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވި އެވެ.
މި ބަހުސްގައި އެމްޑީޕީގެ ޗެެއާޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވެސް ވާހަކަ ދެއްކެވި އެވެ. އެގޮތުން އޭނާ ވިދާޅުވީ:
އެންމެ ގިނައިން ރާއްޖޭގައި މިސްކިތްތައް އެޅީ އެމްޑީޕީ ސަރުކާރުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް މިނިސްޓްރީއެއް ވެސް އުފެއްދީ އެމްޑީޕީ ސަރުކާރުން
"އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތަންޏާ، ވައްކަމެއް ނުކުރާނެ. ރައްޔިތުންގެ ކުރިމަތީގައި ދޮގެއް ނުހަދާނެ. ކޮރަޕްޝަންގެ އަމަލެއް ނުހިންގާނެ. ބުނެބަލަ ތިމަންނަމެން ނުކުރަމޭ އެކަން. ނުކުރެނޭ ބުނާކަށް. ނުކުރޭވެ،" ފަލާހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގަފޫރު ވިދާޅުވި އެވެ.
"މުޅި ދައުލަތް ދަވާލަނީ ވައްކަމުގެ ތެރޭގައި ކޮރަޕްޝަންގެ ތެރޭގައި. ކީވެއްގެންތޯ ވައްކަން ކުރަނީ؟ ކީއްވެގެންތޯ ދޮގު ހަދަނީ؟ މިއީ އިސްލާމްދީނުގައި ކުރަން އަންގަވާފައި ހުރި ކަންތައްތައްތޯ؟ ނޫން، މިއީ ދީނުގައި ހަރާމް ކުރައްވާފައި ކަންތައްތައް."
އެއާ އެކު ގަފޫރު ވިދާޅުވީ ދީނީ ވާހަކަ ދެއްކޭނީ އެ ފެންވަރުގެ މީހުންނަށް ކަމަށެވެ. އެ ފެންވަރެއް ޕީއެންސީގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ލަދު ހަޔާތުގެ ކަންފުޅެއް ވެސް ނެތޭ. ވައްކަން ކޮށްފައި ދީނީ ވާހަކަ މި ދައްކަނީ،" ގަފޫރު ވިދާޅުވި އެވެ.
ބިލު ހުށަހެޅުއްވި މުހައްމަދު އިބްރާހިމް ވިދާޅުވީ، އެމްޑީޕީ މެންބަރުންގެ ބޮލުގައި ކެނޑިނޭޅި ލާދީނީ އިލްޒާމް އަޅުވާ ނަމަ، އެ މެންބަރުންނަށް މަގުމަތިން މީހަކު ދޭ ގެއްލުމަކަށް ޕީއެންސީން ޒިންމާވާން ޖެހޭނެ ކަމަށެވެ.
"އެކަކު އަނެކަކަށް ލާދީނީ ގޮވުން މިއީ އަނގަ ހައްދު ޖަހަން ޖެހޭ ވަރުގެ ދީނުން ބޭރުވާ ވަރުގެ ވާހަކައެއް. އަޅުގަނޑު ވަރަށް އިހުތިރާމާ އެކު އެދެން މިކަން ހުއްޓުވާލަދެއްވުން،" މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
އެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ:
ގާނޫނެއް ފާސްކޮށްފި ނަމަ ލާދިނީ ގޮވުން ހުއްޓުވިދާނެ
އެހެން ނޫނީ މިހާރު އޮތް ގޮތުން އެކަން ހުއްޓުވޭކަށް ނެތް
"މިއީ ސައްތައިން ސައްތަ މުސްލިމް ގައުމެއް. އަޅުގަނޑު އެދެނީ އެއްވެސް ބޭފުޅަކު، އަނެއް ބޭފުޅަކާ ދިމާލަށް އެފަދަ ބަހެއް ވިދާޅުނުވާން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމްގެ ވާހަކަތަކާ ގުޅިގެން ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވީ ގާނޫނަކުން އެކަން މަނާ ނުކުރި ނަމަވެސް، އެއްވެސް މުސްލިމަކަށް އަނެއް މުސްލިކަމާ ދިމާލަށް ލާދިނީ ބުނުމުގެ ހައްގެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑު ނެތިން އެވެނި މީހަކީ ދީނީ މީހެކޭ، މިވެނި މީހަކީ ދީނީ މީހެކޭ ބުނާކަށް... ބައެއްގެ ބޮލުގައި ބަދުނާމެއް އެޅުވުމުގެ ބަދަލުގައި ތިމާމެން 93 [ޕީއެންސީގެ މެންބަރުން] ތިބޭއިރު ކީއްވެގެންތޯ މިފަދަ ބިލެއް ހުށަނޭޅީ،" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ހުސައިން ޒިޔާދު، ފަލާހުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ސުވާލު އުފެއްދެވި އެވެ.
ހުސައިން ޒިޔާދު ވިދާޅުވީ، ރާއްޖޭގައި އިސްލާމް ދީން ދެމި އޮތީ ވެރިއަކަށް ހުންނަ މީހެއްގެ ސަބަބުން ނޫން ކަމަށެވެ. އަބަދު ވެސް ދިވެހިންނަކީ އިސްލާމް ދީނަށް ލޯބިކުރާ އިހްތިރާމް ކުރާ ބައެއް ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ލާދިނީއަށް ގޮވުމުން އެމްޑީޕީގެ މެންބަރުންގެ ނުރުހުން ފަލާހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ