ކުޅުދުއްފުށި ސިޓީއަށް މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލެއް އެ ސިޓީގެ ރައްޔިތުން ބޭނުން ނުވާ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އާތިފް ވިދާޅުވީ ލާމަރުކަޒީ ތަރައްގީގެ ފޮނިކަން މިދިޔަ ފަސް އަހަރު ފެނުނު ކުޅުދުއްފުށީ ރައްޔިތުން މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލަރުން އެ ސިޓީއަށް ހޮވަން ބޭނުން ނުވާނެ ކަމަށެވެ.
"ހާއްސަކޮށް ވޭތުވެދިޔަ ފަސް އަހަރު ކުޅުދުއްފުށި ރައްޔިތުން ދެކެފި ލާމަރުކަޒީ ތަރައްގީގެ ފޮނިކަން. ކުޅުދުއްފުށީގެ ރައްޔިތުން ދެން އަނބުރާ ބޭނުމެއް ނުވާނެ މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލަރުން ކުޅުދުއްފުށީގައި ތިބޭކަށް،" އާތިފް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައި އޮތް އިސްލާހުން ކުޅުދުއްފުށީގެ އެމްޑަބްލިއުއެސްސީ ބިިމުގެ ކުލިން އަހަރަކު ދެ މިލިއަން ރުފިޔާ ގެއްލެމުންދާކަން ފާހަގަކުރައްވާ އާތިފް ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުން އެ ސިޓީއަށް ލިބޭ ބިމު ކުލި މާލެއަށް ފޮނުވަން ބޭނުން ނުވާނެ ކަމަށެވެ.
"ކުޅުދުއްފުށީގެ ރައްޔިތުން ބޭނުމެއް ނުވާނެ ކުޅުދުއްފުށީގެ ބިމުކުލި މާލެއަށް ފޮނުވާކަށް. އެހެން އަޅުގަނޑު ދަންނަވާލަން މިޖެހުނު ސަބަބަކީ މިދިޔަ ހަފްތާގައި އެބައޮތް އަޅުގަނޑުމެންނަށް ސިޓީއެއް އައިސްފައި އެމްޑަބްލިއުއެސްސީން އަޅުގަނޑުމެންނަށް ލިބެމުން އައި ކުލި ދެން ދައްކަން ނުޖެހޭނެ ކަމަށް،" އާތިފް ވިދާޅުވި އެވެ.
"އެއީ ލާމަރުކަަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހުގައި މި ބޭފުޅުން ބުނެފައި އޮންނަނީ އަސާސީ ހިދުމަތްދޭ ތަންތަނުން ކުލި ދައްކަން ނުޖެހޭނެ ކަމަށް. އެއާއެކީގައި އެމްޑަބްލިއުއެސްސީން މިދިޔަ ހަފްތާގައި ސިޓީ ފޮނުވާފައި. ގާތްގަނޑަކަށް އަޅުގަނޑުމެންގެ އާމްދަނީން އަހަރެއްގެ މައްޗަށް ދެ މިލިނެއްހާ ރުފިޔާ ގެއްލިގެން އެދިޔައީ."
މީގެއިތުރުން އާތިފް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންގެ މަސްލަހަތަށްވުރެ މާލޭގައި ހުންނަ ވެރިއެއްގެ މަސްލަހަތު އިސްކުރާ ކައުންސިލަރުން އެ ސިޓީގައި ތިބެން ރައްޔިތުން ބޭނުން ނުވާނެ ކަމަށާއި ރައްޔިތުން ބޭނުންވަނީ އެ ރައްޔިތުންގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާ ކައުންސިލެއް ކަމަށެވެ.
"އަޅުގަނޑުމެންގެ ރައްޔިތުން ބޭނުމެއް ނުވާނެ ރައްޔިތުންގެ މަސްލަހަތަށްވުރެ މާލޭގައި ހުންނަ ވެރިއެއްގެ މަސްލަހަތު މި ރަށުގައި [ކުޅުދުއްފުށީގައި] އިސްކުރާނެ ކައުންސިލަރުން ތިބޭކަށް. އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވާނީ އަޅުގަނޑުމެންގެ ރައްޔިތުން އެދޭ ގޮތަށް އަޅުގަނޑުމެންގެ ތަސައްވުރާ އެއްގޮތަށް މަސައްކަތް ކުރާނެ ކައުންސިލެއް ކުޅުދުއްފުށީގައި އުފައްދަން،" އާތިފް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ރައްޔިތުންގެ ތަސައްވުރާ އެއްގޮތަށް މަސައްކަތްކުރާނީ އެމްޑީޕީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީގެ ކެންޑިޑޭޓުން ކަމަށް ކުޅުދުއްފުށީގެ މޭޔަރު ކަމަށް ދެވަނަ ދައުރަކަށް ކުރިމަތިލެއްވި އާތިފް ވިދާޅުވި އެވެ.
މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލެއް ކުޅުދުއްފުއްޓަށް ބޭނުމެއް ނުވޭ: އާތިފް މާލެއިން އަމުރުމައުރޫފް ހިންގާ ކައުންސިލެއް ކުޅުދުއްފުއްޓަށް ބޭނުމެއް ނުވޭ: އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ