މައި ދެ އިންތިޚާބު އެއްކުރުން ދެކޮޅުނުޖެހެންވީ ސަބަބެއް އޮތްކަމަށް ނުވިސްނޭ: ފަލާޙް

މައި ދެ އިންތިޚާބުކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އިސްލާހަކީ އެއްގޮތަކަށްވެސް ދެކޮޅުނުޖެހޭ، ގާނޫނުއަސާސީގެ ބާރު ކަނޑުވާލާ އިސްލާހެއްގެ ގޮތުގައި ވިސްނިވަޑައިނުގަންނަވާ ކަމަށް، އޭނާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އޮތީ މައި ދެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ފަލާޙް ހުށަހެޅުއްވި އިސްލާޙު ފާސްކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ނިންމައި، ތަޅުމަށް މިއަދު ހުށަހެޅި ރިޕޯޓަށް ބަހުސްކުރުމެވެ. މަޖިލީހުން މިއަދު އެ އިސްލާހުވަނީ ފާސްވެސްކޮށްފައެވެ. https://sun.mv/217771 މި އިސްލާހަށް މިއަދު ކުރި ބަހުސްގައި އިދިކޮޅު އެމްޑީޕީގެ މެންބަރުން ވަނީ، ދެ އިންތިޚާބު އެއްކޮށްލަނީ 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބު ޕީއެންސީން ވަގަށް ނަގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރު ދަންމާލުމުގެ އިތުރުން، މި ހިނގާ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ކުރުކޮށްލުމަށް ކަމަށް ތުހުމަތުކުރައްވައިފައެވެ. ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން އޭގެ ރައްދުގައި ފަލާޙް ވިދާޅުވީ، އެމްޑީޕީން މި އިސްލާހާ ގުޅޭގޮތުން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ. ފަލާޙް ވިދާޅުވީ، އެމްޑީޕީގެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ ދެ އިންތިޚާބު އެއްކޮށްލުން ނޫން ކަމަށާއި، ނަމަވެސް ވިހިވަނަ މަޖިލީހުގެ ދައުރު ކުރުވެ، މެންބަރުންގެ ދައުރުން ހަ މަސްދުވަސް ގެއްލިގެން ދިއުމުގެ ސަބަބުން މެންބަރުންނަށް ލިބޭ މުސާރައިން ހަތަރު ލައްކައެއްހާ ރުފިޔާ ގެއްލި ދާނެތީ ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި މި އިސްލާހަކީ ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ތާއީދުކުރާ، ދެ އިންތިޚާބު އެއްކުރުމުން ސިޔާސީ ހަމަޖެހުން ލިބޭ، ޚަރަދު ކުޑަވާ އިސްލާހެކެވެ. "އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ ގާނޫނުއަސާސީއަށް މި ގެނެވޭ އިސްލާހުގަ ދެ އިންތިޚާބު އެއްކޮށް ބާއްވަން މި ގެނެވޭ އިސްލާހަކީ ދެކޮޅު ނުޖެހޭ، ނުވަތަ ގާނޫނުއަސާސީގެ ރޫހާ ޚިލާފު، ބާރު ކަނޑުވާލަން ކުރެވޭ މަސައްކަތެއްގެ ގޮތަށް ސިފަކުރީމަ ދިވެހި ރައްޔިތުންނަށް ބައެއް ފަހަރަށް އޮޅޭ ގޮތަށްވެސް ކަންކަން ހިނގައިދާނެ،" ފަލާޙް ވިދާޅުވިއެވެ. ގާނޫނުއަސާސީއަށް މި ގެންނަ އިސްލާހާ ގުޅިގެން ފައިދާވާނެ ކަމަށް ފަލާޙް ވިދާޅުވިނަމަވެސް މާ ބޮޑު ތަފުސީލެއް އޭނާ ނުދެއްވައެެވެ. ނަމަވެސް މި އިސްލާހުގެ ސަބަބުން ސިޔާސީ ފެންވަރުގައިވެސް ގައުމީ ފެންވަރުގައިވެސް ފައިދާވާނެ ކަމަށް ފަލާޙް ވިދާޅުވިއެވެ. "މީގެން ޔަގީނަށްވެސް ލިބޭ ގެއްލުމެއް ބުނެނުދެވޭނެ، އެއްކަމަކީ އަޅުގަނޑުމެން މިއުޅެނީ އިންތިޚާބެއް ދިގުދަންމާކަށްނޫން، އަޅުގަނޑުމެން އިންތިޚާބެއް ހަގީގަތުގަ އޮތް ވަރަށް ވުރެ މަޖިލީހުގެ ދައުރު މި ކުރުކުރަނީ، ރިޔާސީ ދައުރެއް ދަންމަނީކީނޫން، ރިޔާސީ ދައުރު އޮތް ގޮތަށް މިއޮތީ،" އޭނާ ވިދާޅުވިއެވެ. ފަލާޙް ގާނޫނުއަސާސީއަށް މިދިޔަ ޖަނަވަރީ މަހު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ. އެއާއެކު، 20ވަނަ މަޖިލީހަށް ފަހު ދެން އިންތިޚާބުކުރާ އާ ރައްޔިތުންގެ މަޖިލީހުން ފެށިގެން ދެން އޮންނަ މަޖިލިސްތަކުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހެޅުއްވިއެވެ. މިއަދު މި އިސްލާހު ފާސްކުރެވިގެން ދިޔަ ނަމަވެސް، އިސްލާހު ތަސްދީގުކުރެވޭނެ ކަމަށް ޕީއެންސީގެ މެންބަރުން ބުނަނީ ރައްޔިތުންގެ މެދުގައި ނެގޭ ޚިޔާލު ހޯދުމުގެ ވޯޓަށް ފަހެވެ. ފާހަގަކުރެވޭ ގޮތުގައި ފަލާޙް މީގެ ކުރިން ވަނީ، އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާ އެކު، ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ މެދުގައި ނަގާ ވޯޓުވެސް ކުރިއަށް ދާނެ ކަމަށް ވިދާޅުވެފައެވެ. ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ މެންބަރުން މަޖިލީހުގައި ހާމަކުރެއްވިއިރު، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން އަބްދުލްޤައްޔޫމް ވަނީ ހާމަކުރައްވާފައެވެ. ހަމައެއާއެކު މީގެ ކުރިން ސިޔާސީ ކަންކަމުގައި މާ ބޮޑަށް ޚިޔާލުފާޅުނުކުރައްވާ ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ މިކަމުގައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އެގޮތުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލަން އުޅެނީ ވެރިކަން ދިފާއުކުރުމަށްޓަކައި ކަމަށާއި، އެކަމަކީ އަމިއްލަ ދަހިވެތި ކަމުގައި ޤައުމާއި ރައްޔިތުން ފުން ވަޅު ގަނޑަކަށް ވައްޓާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ