ރާއްޖޭގެ ރަށްތަކުގެ ފޮޓޯތައް މަތިން ނެގުމުން ވަރަށް ހިތްގައިމެވެ. އެއީ ތަފާތު ރީތިކަމަކާއި ޗާލު ކަމެކެވެ. އެކަމަކު، ސޯޝަލް މީޑިއާގައި މިއަދު ދައުރުވަމުންދާ، މާލެ އަތޮޅު ދެކުނުގެ އޭރިއަލް ފޮޓޯއަކުން ފެންނަނީ އެ ރީތި މަންޒަރެއް ނޫނެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ވެއްޓަށް ފަސްއަޅައި ފޮރުވާލައި ސުންނާފަތިކޮށް ހަލާކުކުރާ ތަނެވެ.
ކ. ފުށިދިއްގަރުފަޅުގައި މި ސަރުކާރުން ތަރައްގީކުރަމުން އަންނަ 'ރަސްމާލެ' މަޝްރޫއަށް ބިން ހިއްކަން އެ ފަޅަށް އަޅަމުންދާ ވެލިތައް އޮޔާ އެކު ބެހިގެން ގޮސް، މާލޭގެ ދެކުނުގެ ބޮޑު ބަޔަކަށް މިހާރު ވަނީ ފެތުރިފަ އެވެ. އަތޮޅުގެ ބައެއް ކިލަބުވެއްޖެ އެވެ. ފަރުތަކާއި ދިރުންތަކަށް ގެއްލުންވާން ފަށައިފި އެވެ.
އެ މަޝްރޫއު ހިންގަމުންދާ ގޮތުން ފެންނަނީ ތިމާވެށީގެ ގަތުލު އާންމެކެވެ.
"ކުރީގެ ސަރުކާރުތަކުން ވެސް، އެތެރެވަރިއަށް ގިނަ އަދަދަކަށް ވެލި ފެތުރޭ ފަދަ ބިންހިއްކުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވޭ. ނަމަވެސް މިހާރު މި ފެންނަ މިންވަރަށް އެކަން ގޮސްފައެއް ނުވޭ،" ތިމާވެށީގެ ދާއިރާއިން މީހުން ހޭލުންތެރި ކުރުމުގެ މަސައްކަތްކުރާ އަފްރާހު އިސްމާއިލް އެކަމާ ގުޅޭ ގޮތުން ވިދާޅުވި އެވެ.
"މިހާރު މި ފެންނަ މަންޒަރަކީ ހަމައެކަނި ތިމާވެއްޓަށް އަޅާނުލުމެއް ނޫން. މިއީ ރައްޔިތުންނާއި އިގްތިސާދަށް ވެސް އަޅާނުލާކަން އަންގައިދޭ ކަމެއް."
ބިން ހިއްކާއިރު އެގޮތަށް ފެތުރޭ ކިސަޑުގެ ސަބަބުން ކައިރި ހިސާބުތަކުގައި ހުންނަ ފަރުތަކާއި ފަޅުތަކަށް އެތަކެތި ފެތުރި، ގުދުރަތީ އެތައް ދިރުންތަކެއް މަރުވެގެންދެ އެވެ. ޓޫރިސްޓުންނަށް އެތަންތަނުގެ ރީތިކަން ދައްކައިގެން މަންފާ ނަގައި އެތައް ފަރެއް ޒަމާންތަކަކަށް މަރުވެގެންދެ އެވެ.
އަފްރާހު ވިދާޅުވީ މިވަރަށް ކިސަޑު ފެތުރި، އަތޮޅުގެ ބޮޑު ބައެއް ކިލަބުވާނީ އެކަން ކުޑަކުރަން އަޅަން ޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު ނާޅާތީ ކަމަށެވެ. އެކަމަށް ސަރުކާރުން ބަލަން ޖެހޭ އިދާރާތަކުން ނުބަލައި އިހުމާލުވެފައިވާތީ އެވެ. އޭނާ ވިދާޅުވީ މި މަޝްރޫއުގައި ބޭނުންކުރާ ޑްރެޖަރުތަކުގައި، ކިސަޑު މައްޗަށް އެރުން މަދުކުރަން ބޭނުންކުރާ، 'ގްރީން ވޭލް' ބޭނުންކުރަމުން ނުދާ ކަމަށް ބެލެވޭ ކަމަށެވެ.
"މިހާރު މަޝްރޫއުތައް ހިންގާއިރު ޑްރެޖަރުތަކުގައި ކިސަޑު މައްޗަށް އެރުން ކުޑަކޮށްދޭ 'ގްރީން ވޭލްވް' ހުރޭ. ނަމަވެސް، މި މަޝްރޫއުތަކުގައި އެ ނިޒާމު ބޭނުންކުރާ ހެނެއް ހިޔެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރަށް، ކިސަޑު ފެތުރުން ކުޑަކުރަން ބޭނުންކުރާ ދާ ނުވަތަ ސިލްޓް ބޭނުންކުރާ ކަމާ މެދު ވެސް ޝައްކެވެ. ފެންނަ މަންޒަރަށް ބަލާ ނަމަ ބިން ހިއްކުން އަވަހަށް ނިންމާލަން ތަނެއް ދޮރެއް ނުބަލައި ވެލި އަޅަމުން ދަނީ އެވެ.
"މި ޑްރެޖަރުތައް މަސައްކަތް ކުރަން ދާ ކޮންމެ ދިމާލެއްގައި އެބަ ފެނޭ މި މަންޒަރު. އެއްވެސް ބަލައިލުމެއް ނެތި މި ދަނީ މި މަޝްރޫއުތައް ހިންގަމުން،" އަފްރާހު ވިދާޅުވި އެވެ.
ބިން ހިއްކުމުގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ދަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން މިފަހުން އަލަށް އުފެއްދި ޕެނިންސޫލާ ކުންފުނިންނެވެ. އެ ކުންފުނިން ވަނީ ބިން ހިއްކުމުގެ މަޝްރޫއުތައް ހިންގަން ހަތަރު ޑްރެޖަރެއް ގެނެސްފަ އެވެ.
ރަސްމާލެ ހިއްކުމުގެ އިތުރަށް ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ހއ. ދިއްދޫ އަދި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގަމުން އެބަދެ އެވެ. މި ހުރިހާ މަޝްރޫއުތަކެއް ހިންގަނީ ތިމާވެށި ހިމާޔަތްކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައިގެންތޯ ސުވާލުކުރުމުން އެމްއޭސީއެލްގެ ބަހެއް ނެތެވެ. ސަރުކާރުގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
"މިކަންކަން ބަލާނެ ބަަޔަކު ވެސް ނެތް. ސަރުކާރުން މައުލޫމާތު ވެސް ހާމައެއް ނުކުރޭ،" އަފްރާހު ވިދާޅުވި އެވެ.
އަފްރާހު ގަބޫލުކުރައްވާ ގޮތުގައި، ބިން ހިއްކުމުގެ މަޝްރޫއުތައް މިހާރު ހިންގަމުން ދާ ގޮތުން މި ފެންނަނީ ތިމާވެއްޓަށް ފަރުވާލެއް ނުބަހައްޓާތަން އެކަންޏެއް ނޫނެވެ. މިއީ ރައްޔިތުންނާއި އިގްތިސާދަށް ވެސް އަޅާނުލުުން ކަމަށް އޭނާ ސިފަކުރެއްވި އެވެ.
ފަތުރުވެރިކަން ބިނާވެފައިވަނީ ރާއްޖޭގެ ސާފު މޫދާއި ފަޅުފަރުތަކުގެ މައްޗަށް ނަމަވެސް، ނަފާއެއް ލިބެން ނެތް ގޮތަށް، ބޮޑު ދަރަންޏެއްގައި އެޅިގެން ހިންގާ މިފަދަ މަޝްރޫއުތަކުން އެތައް ޖީލެއްގެ މުސްތަގުބަލު ބަނަވެ އެވެ. ރާއްޖޭގައި ބިންހިއްކުމަކީ 'ވައިޓް އެލަފަންޓް' މަޝްރޫއުތަކުގެ ލާމަސީލު މިސާލެކެވެ.
ިމި ފޮޓޯއިން ފެންނަނީ ރާއްޖޭގެ ރީތިކަމެއް ނޫން، ތިމާވެށީގެ ގަތުލުއާންމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ