އެފްރިކާގެ ގައުމެއް ކަމަށްވާ މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަރާކަން އެނގިހުރެ އެ ގައުމުގެ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ގައުމަށް ވަޑައިގެންފި އެވެ.
ކެޓަގަރީ ހަތަރެއްގެ ސައިކްލޯން ގެޒާނީ މަޑަގަސްކަރައިގެ އިރުމައްޗަށް އަރާނެ ކަމަށް ލަފާކޮށްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ގައުމުގެ އިދާރާތަކުން މިހާރު އަންނަނީ މި ތޫފާނާއިގެ ގުޅިގެން މުޅި ގައުމު ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.
އެ ގައުމުގެ އިދާރާތައް ގުޅިގެން ތޫފާނުގެ ކަންކަމަށް ހާއްސަކޮށް ހަދާފައިވާ މަރުކަޒެއްގައި ހުންނަވާ ފޮޓޯތަކެއް ހިއްސާކުރައްވާ ނަޝީދު މިއަދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.
އެ ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވީ މިއީ މޫސުމީ ބަދަލުގެ ސަބަބުން ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ އަސްލު މަންޒަރުތައް ކަމަށެވެ. މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސް އެހެނިހެން ސަލާމަތީ ފިޔަވަޅު އެޅުމަށް މަޑަގަސްކަރައިގެ އިދާރާތަކުން މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް ވެސް ނަޝީދު ލިޔުއްވާފައިވެ އެވެ.
މީގެ އިތުރުން ނަޝީދުގެ ގާތް ބައެއް ފަރާތްތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އެމަނިކުފާނު މަޑަގަސްކަރައަށް ވަޑައިގެންނެވީ މި ތޫފާން އަރާކަން އެނގިހުރެ އެ ގައުމަށް އެހީތެރިވެދިނުމަށް ކަމަށް ވިދާޅުވެފަ އެވެ. މިހާރު މަސައްކަތް ކުރަމުންދަނީ 50،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކަމަށް ވެސް ވިދާޅުވި އެވެ.
ނަޝީދު މިހާރު ހުންނެވީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކުން އެންމެ ބޮޑަށް ގެއްލުންވާ ކުޑަ ގައުމުތަކުގެ ހައްގުތަކަށް ވަކާލާތުކުރާ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ގަ އެވެ.
މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަރާއިރު އެހީތެރިވުމަށް ނަޝީދު އެ ގައުމުގައި މަޑަގަސްކަރައަށް ބާރުގަދަ ތޫފާނެއް އަރާއިރު އެހީތެރިވުމަށް ނަޝީދު އެ ގައުމުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ