މަޑަގަސްކަރައަށް ވަރުގަދަ ތޫފާނެއް؛ ނަޝީދު ހުންނެވީ ގާތުން ބައްލަވަން

ތިމާވެއްޓާ ގުޅޭ ޖަމިއްޔާ، ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު ހުންނެވީ މަޑަގަސްކަރައިގަ އެވެ. އެކަމަކު އެ ދަތުރުފުޅުގައި އެމަނިކުފާނަށް ތަޖުރިބާކުރައްވަން ޖެހިވަޑައިގެންނެވީ، އެ ގައުމަށް މިހާރު ކުރިމަތިވެފައިވާ ވަރުގަދަ ތޫފާނެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ގައުމުތައް އެކުވެގެން އުފައްދާފައިވާ ސީވީއެފްގެ އިސް ވެރިޔާގެ ހައިސިއްޔަތުން، ކެޓަގަރީ ހަތަރެއްގެ ތޫފާން ކުރިމަތިވި އިރު، ނަޝީދު ހުންނެވީ އެތަނުގެ ޑިޒަސްޓާ މެނޭޖްމެންޓު ސެންޓަރުގަ އެވެ. ނަޝީދުގެ ބަހުން ނަމަ، 'އޮން ދަ ގްރައުންޑް'ގަ އެވެ.
އެ މަނިކުފާނަށް ފެނިވަޑައިގެންނެވީ، އިންޒާރު އަދި ސަމާލުގެ މެސެޖުތައް ފުލުފުލުގައި މީހުންގެ ފޯނަށް އަންނަ ތަނެވެ. ބޭރުން ސައިރެން އަޅާ އަޑެވެ. އަދި ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުކޮށް، ފުރާނަ ސަލާމަތްކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތަކެވެ.
"މޫސުމީ ބަދަލުތަކަށް ހުށަހެޅުމުގެ ހަގީގަތް ވަގުތުން ވަގުތަށް މިތަނުން އެބަ ފެނޭ،" އެކްސްގައި އެ މަނިކުފާނުގެ ތަޖުރިބާ ހިއްސާކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އުނދަގޫ އެ ދަނޑިވަޅުގައި އެ މީހުން ދައްކަމުން އަންނަނީ އާދަޔާހިލާފު ހިތްވަރެއް ކަމަށެވެ. އަދި ދުނިޔެ އެ މަންޒަރު ބަލާއިރު އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެކަން ފާހަގަ ކުރެއްވި އެވެ.
ނަޝީދަކީ، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ގުޅޭގޮތުން ގިނައިން ވާހަކަދައްކަވާ ބޭފުޅެކެވެ. ބޭރުގެ ގިނަ ބައެއްގެ މެދުގައި އެ މަނިކުފާނު މަޝްހޫރުވެފައި އޮންނަނީ ވެސް 'ތިމާވެށީގެ ޗެމްޕިއަނެއް'ގެ ގޮތުގަ އެވެ.
މަޑަގަސްކަރައަށް މިހާރު ކުރިމަތިވެފައިވާ ތޫފާނުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ބޮޑެތި ގެއްލުންތައް ދަނީ ކުރިމަތިވަމުންނެވެ. ސީވީއެފްއިން ބުނީ މިއީ ހަމައެކަނި މޫސުމީ ހާދިސާއެއް ނޫން ކަމަށާއި މި ތޫފާނުގެ ސަބަބުން ގިނަ ބައެއްގެ ގެދޮރު ހަލާކުވެ، ކާބޯތަކެއްޗާއި އިގްތިސޯދަށް ބޮޑު އަސަރެއް ކޮށްފައިވާ ކަމަށެވެ. އަދި މިހާރު ވެސް ދަތި ހާލުގައި އުޅެމުންދާ ގައުމަކަށް މީގެ ސަބަބުން އިތުރު ނިކަމެތިކަމެއް ލިބޭނެކަން ފާހަގަކުރި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ