ފުލުހުން ވިއްކަނީ، 2 މިލިއަން ރުފިޔާގެ ހުއިފިލަނޑާ ''ވަގަށް'' ނަގައިފައިވާ ކަމަށް ރިޕޯޓުކުރުމުން ހޯދި ތަކެތި

ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ހުއިފިލަނޑާތަކެއް ނީލަމުގައި ވިއްކާލުމަށް އިއްޔެ އިއުލާންކޮށްފައިވާއިރު، އެއީ ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެއްގައި ހިމެނޭ ތަކެތި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ކިލޯއަކަށް 300 ރުފިޔާއިން ނީލަން ފަށާ ގޮތަށް، އަށް ބާވަތެއްގެ ހުއިފިލަނޑާ ވިއްކަން ނީލަމެއް ބާއްވަން އުޅޭ ކަމަށެވެ. އެ ނީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ، އަންނަ އާދިއްތަ ދުވަހުގެ 11:00 ކަމަށް އެ އިއުލާނުގައިވެއެވެ. https://sun.mv/217752 ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ކ. ތިލަފުށީގެ ގުދަނެއްގައި ބަހައްޓާފައި ހުރި ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި ތުހުމަތުކުރެވިފައިވަނީ، ޑިސެމްބަރު 29ގައި، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް ބަދަލުކޮށްފައިވާ ކަމުގެ ތުހުމަތު ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ، ތަހުގީގަށް އެނގުނު ގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ މާލޭގެ ދެ ގެއެއްގައި ރައްކާކޮށްފައެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތަކެތީގެ ބަރުދަނުގައި ޖުމްލަ 1,438 ކިލޯ ހުރިއިރު، އޭގެ ތެރޭގައި ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުން މަނާ 787.35 ކިލޯގެ ހުއިފިލަނޑާ ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އެ މުއައްސަސާއިން ބުނީ، އެ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިއިރު، މި ވިޔަފާރި ކުރި ފަރާތްތަކަކީ "ހުއިފިލަނޑާގެ މަސްވެރިކަން ރާވާ ހިންގާ ބެލެހެއްޓުމާބެހޭ ގަވާއިދު"ގެ ދަށުން ހުއިފިލަނޑާ ޕްރޮސެސް ކުރުމުގެ ހުއްދަ އޮތް ފަރާތްތަކެއް ނޫންކަން އެނގުނު ކަމަށެވެ. އެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު، މައްސަލަ ހުށަހެޅި ފަރާތާއި ތުހުމަތުކުރެވޭ ފަރާތާ ސުވާލުކުރުމުން، ދެ ފަރާތުންވެސް އެ ތަކެތީގެ މިލްކުވެރިކަމާ މެދު ދައުވާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ތެރެއިން ބައެއް ތަކެއްޗަކީ މިހާރުވެސް ހަލާކުވެފައިވާ އަދި އިތުރަށް ހަލާކުވުމުގެ ފުރުސަތު އޮތް ތަކެތިކަމަށްވާތީ، އެ ތަކެއްޗާ މެދު އަމަލުކުރާނެ ގޮތުގެ ގާނޫނީ ލަފަޔަކަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނު ކަމަށް އެ މުއައްސަސާއިން ފާހަގަކުރިއެވެ. ފުލުހުން ބުނީ، ޕީޖީ އޮފީހުން ދިން ލަފާގައި، ތަކެތި ހަވާލުކުރެވޭނީ އޭގެ ސައްހަ ވެރިފަރާތް ކަނޑައެޅިގެން އެނގޭނަމަ ކަމަށް ބަޔާންކުރި ކަމަށެވެ. ނަމަވެސް، އެ މައްސަލައިގައި މިލްކުވެރިކަމާ މެދު ޚިލާފު އުފެދި، ހަގީގީ ވެރިފަރާތް ދެނެގަނެވިފައި ނުވާތީ، އެ މުދާ އަނބުރާ ރައްދުކުރެވޭނެ ގާނޫނީ ހާލަތެއް މިވަގުތު ނެތް ކަމަށް ޕީޖީއާ ހަވާލާދީ ފުލުހުން ބުންޏެވެ. "އެހެންކަމުން، މުދަލުގެ އަސްލު ގެއްލި ހަލާކުވެދާނެ ކަމަށް ފެންނަ ތަކެތި، ވާދަވެރި ބާޒާރުގައި ނީލަން އުސޫލުން ވިއްކާލައި، އެއިން ލިބޭ ފައިސާ ތަހުގީގު ނުވަތަ ޝަރީއަތުގެ މަރުހަލާ ނިމެންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ވަނީ ލަފާދެއްވާފައެވެ." ފުލުހުންގެ މެސެޖުގައިވެއެވެ. އެގޮތަށް ބަހައްޓާ ފައިސާ، މައްސަލަ ނިމުމުން މުދަލުގެ ވެރިފަރާތް ކަމަށް ކަނޑައެޅޭ ފަރާތަކަށް، މުދަލުގެ ބަދަލެއްގެ ގޮތުގައި ދޫކުރެވޭނެކަމަށް ޕީޖީ އޮފީހުން ލަފާދިން ކަމަށް އެ މުއައްސަސާއިން ބުންޏެވެ. އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުން ވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މުދާ ހޯދުމަށް އެދި މިދިޔަ މަހުގެ 26 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް، ޝަރީއަތުން ނިންމަވާފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، އެ މުދާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އެހެންވެ، ތުހުމަތުކުރެވޭ ފަރާތުން އެދިފައިވާ ފަދަ އަމުރެއް ނެރެދެވޭނެ ހާލަތެއް ނެތް ކަމަށް ކޯޓުން ކަނޑައެޅި ކަމަށް ފުލުހުން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ