ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓާ އެކީ ދެ އިންތިހާބު އެއްކޮށްލާ ވޯޓު ނަގަން ނިންމުމަކީ ރައީސް މުހައްމަދު މުއިއްޒު އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ ހަރަކާތެއް ކަމަށް އިސްމާއިލް ޒަރިޔަންދު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ މޭޔަރު ކަމަށް އަމިއްލަ ގޮތުން ވާދަކުރައްވާ ޒަރިޔަންދު އެކްސްގައި މިހެން ވިދާޅުވީ، އަންނަ އޭޕްރިލް މަހު ބާއްވާ ކައުންސިލު އިންތިހާބުގެ ވޯޓާ އެކީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓާ މެދު ފެންނަ ނުފެންނަ ވޯޓު ނަގަން މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެންނެވެ.
ޒަރިޔަންދު ވިދާޅުވީ، ކައުންސިލު އިންތިހާބާ ދިމާކޮށް މި ވޯޓު ނަގަން ސަރުކާރުން ނިންމީ މި އިންތިހާބުތަކަކީ އެންމެ މަދުން ވޯޓު ލާ އިންތިހާބުކަން އެނގިތިބެ ކަމަށެވެ. އަދި މި ގޮތަށް ރޭވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި އިތުރު ދައުރުތަކަކަށް ހުރުމަށް ރާވާފައިވާ މަކަރުވެރި ރޭވުންތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ކައުންސިލު އިންތިހާބުގެ ވޯޓާ އެކީ ރެފަރެންޑަމް ވޯޓު ނަގަން ގޮތަށް ފަހިކޮށްދިން މައްސަލައިގައި ޒަރިޔަންދު ވަނީ މަޖިލީހަށް ވެސް ފާޑުވިދާޅުވެފަ އެވެ. އަދި، މަޖިލީހުގައި ތިބޭ ޕީއެންސީގެ މެންބަރުންނަކީ، ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުގެ ފަހުން ސަރުކާރަށް ތަބާވާން މަޖުބޫރުކޮށްފައިވާ ސުޕަމެޖޯރިޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު އެއްކޮށްލައިގެން ވޯޓުލުމަށް އެ ފާސްކުރަނީ، އެ މެމްބަރުންނަށް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރުމުގެ ފުރުސަތު ބަންދުވެ ތިބެ،" ޒަރިޔަންދު ވިދާޅުވި އެވެ.
ޒަރިޔަންދު ވަނީ މި އިސްލާހަށް ނޫނެކޭ ބުނަން ރައްޔިތުންނަށް ގޮވާލާފަ އެވެ. ސަރުކާރުން ބޭނުންވާ ގޮތަށް ދެ އިންތިހާބު އެއްކޮށްލުމަށް ނޫނެކޭ ބުނުން އޭނާ ސިފަކުރެއްވީ "ހުދުމުހުތާރު ވެރިކަމަކުން ސަލާމަތްކުރުމަށް ރައްޔިތުންނަށް ލިބޭ އެންމެ ފަހުގެ ފުރުސަތު" ގެ ގޮތުގަ އެވެ.
އިދިކޮޅު އެމްޑީޕީން ވެސް ވަނީ ކުރިއަށް އޮތް ކައުންސިލު އިންތިހާބަކީ ސަރުކާރަށް ނޫނެކޭ ބުނަން ލިބޭ ފަހު ފުރުސަތު ކަމަށް ބުނެ މި އިސްލާހަށާއި އެ އިންތިހާބުގައި ވާދަކުރާ ސަރުކާރުގެ ކެނޑިޑޭޓުންނަށް ނޫނެކޭ ބުނަން ގޮވާލާފަ އެވެ. އެ ޕާޓީން ވެސް ތުހުމަތު ކުރަނީ މިއީ ދެ ވަނަ ދައުރެއް ހޯއްދަވަން މުއިއްޒު ކުރައްވާ މަސައްކަތެއް ކަމަށެވެ.
އެމްޑީޕީން ވަނީ މަޖިލީހުގައި މި ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރަމުން ދިޔަ ވަގުތު މަޖިލީހުގައި ވެސް އިހުތިޖާޖުކޮށްފަ އެވެ. މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޕީއެންސީގެ އަބްދުއްރަހީމް އަބްދުﷲ ވަނީ ގިނަ މެންބަރުންތަކެއް ނަން އިއްވައި ތަޅުމުން ބޭރުކޮށްލާފަ އެވެ.
ދެ ވޯޓު އެއްކޮށްލުން ގުޅެނީ ވެރިކަމުގައި ހުރުމުގެ މަކަރުވެރި ރޭވުންތަކާ، ނޫނެކޭ ބުނަން ޖެހޭ: ޒަރިޔަންދު ދެ ވޯޓު އެއްކޮށްލުން ގުޅެނީ ވެރިކަމުގައި ހުރުމުގެ މަކަރުވެރި ރޭވުންތަކާ، ނޫނެކޭ ބުނަން ޖެހޭ: ޒަރިޔަންދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ