16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާއަށް މަނާކޮށް ސްކޫލުތަކަށް ފޯނު ވެއްދުން މަނާކުރަން މަޖިލީހަށް ޕެޓިޝަނެއް

ސޯޝަލް މީޑިއާއަށް 16 އަހަރުން ދަށުގެ ކުދިންނަށް ނުވަދެވޭގޮތް ހެދުމަށާއި އެއްވެސް އުމުރެއްގެ ދަރިވަރަކަށް ސްކޫލަށް ފޯނު ނުވެއްދޭގޮތަށް ކަނޑައަޅައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުން ތައާރަފު ކުރި އީ-ޕެޓިޝަން ނިޒާމު މެދުވެރިކޮށް މި ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އަލީ އާނިމް މުފީދު، އަތަމާވިލާ، ސ. ހިތަދޫ އެވެ. ޕެޓިޝަނުގައި ސޮއިކުރެވޭނީ އީފާސް މެދުވެރިކޮށެވެ.
ތަފްސީލް - މި ޕެޓިޝަނުގައި ބުނެފައިވަނީ ރާއްޖޭގެ މަދު އާބާދީގެ ތެރޭގައި މިފަހަކަށް އައިސް ކުޑަކުދިން މޯބައިލް ފޯނާއި އެހެނިހެން ވަސީލަތްތަކުން ސޯޝަލް މީޑީއާ ބޭނުުން ކުރަމުންދާ އިރު އެ ކުދިން ކުރާ ކަމެއް ގިނަ ވަގުތު ބަލާލަން ބެލެނިވެރިންނަށް ވަގުތެއް ނުވާ ހާލަތްތަކާ ދިމާވާ ކަމަށެވެ.
މިގޮތަށް ކަން އޮތްއިރު، ކުޑަކުދިންނަށް ޔޫޓިއުބް، ޓިކްޓޮކް އަދިވެސް އެހެނިހެން މަންސަތަކުން ދަނީ ފާހިޝް ނުބައި ބަސްތަކާއި އަމަލުތައް ދަސްކޮށްދެމުން ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިންނަށް ނޭދެވޭ އަހުލާގީ އަދި ތޮބީއީ ބަދަލުތައް އަންނަކަމަށް ބެލެވޭ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.
"މިއީ މި ކަންކަމުގައި ޓެކްނޮލޮޖީ އާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ބިނާކޮށް ދިވެހި ރާއްޖޭގެ ގާނޫނާއި ގަވަދުތައް އަދާހަމަ ކުރުމަށް ހުށަހަޅާ ޕެޓިޝަނެކެވެ،" ޕެޓިޝަނުގައިވެ އެވެ.
އެ ޕެޓިޝަނުގައި އެދިފައިވަނީ:
ފޭސްބުކް އާއި ޓްވިޓާ ފަދަ ޕްލެޓްފޯމްތަކާއި ބޮޑެތި މީހުނަށް ހަދާފައި ހުންނަ ވީޑިއޯ ޕްލެޓްފޯމްތައް (ޔޫޓިއުބް، ޓިކްޓޮކް ފަދަ) އަދި ބައެއް ނޫސްތަކާއި ކާކުކަން ނޭގޭނޭހެން ޕޯސްޓްކޮށް ހެދޭނެ ވެބްސައިޓްތަކަށް 16 އަހަރުން ދަށުގެ ކުޑަކުދިންނަށް ނުވަދެވޭނޭހެން ގާނޫނު އިސްލާހު ކޮށްދިނުމަށް 
ގާނޫނާއި ގަވައިދާ އެއްގޮތަށް، ދިވެހި ކުޑަކުދިންގެ ސަލާމަތާއި ދުޅަހެޔޮކަމަށް އެންމެ ރަނގަޅު ގޮތަކަށް އަމަލު ކުރަން މި ޕްލެޓްފޯމްތަކަށް އެންގުން
 ސޯޝަލް މީޑިއާގެ ވަސީލަތްތަކަށް ވަނުން މަނާ އުމުރުގެ ކުޑަކުދިން މި ގަވައިދު ނުވަތަ ގާނޫނު ހެދުމަށް ފަހު އެކަން ކުރާ ނަމަ، އެކަން އެނގޭ ހިސާބުން އެ ކުދިންގެ ބެލެނިވެރިންނާއި އެ ކުދިންނަށް ކައުންސެލިން ދިނުން ނުވަތަ ނަސޭހަތްތެރިވުން 
އަދި ތަކުރާރުކޮށް ކުޑަކުއްޖަކު ސޯޝަލް މީޑިއާއަށް ވަދެ އުޅޭ ނަމަ ޖެންޑާ މިނިސްޓްރީއަށް ހާއްސަ ބާރުތަކެއް ދީ ވަކި އުސޫލުތަކެއްގެ މަތިން ކުއްޖާ އާއި ބެލެނިވެރިޔާގެ މައްސަލަ ބެލޭނެ ނިޒާމެއް ގާއިމް ކުރުން
 ސްކޫލްތަކާއި ކޮލެޖުތަކުގައި މޯބައިލް ފޯނު ނުވެއްދޭނޭހެން ގަވައިދެއް ހަދައި ފާސްކޮށް، އެއަށް އަމަލު ކުރަން ފެށުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ