ރާއްޖޭގެ ރަސްމީ ރިޒާވް މަތި، އިންވެސްޓަރުންގެ އިތުބާރު ބޮޑު: ރައީސް
ރާއްޖޭގެ ރަސްމީ ރިޒާވް ތާރީހީ މިންވަރަކަށް މަައްޗަށް ގޮސް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބާލިންގައި ކުރިއަށްގެންދިޔަ މޯލްޑިވްސް - ޖާމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. ރައީސް އޮފީހުން ބުނީ ވެރިރަށް ބާލިންގައި ބޭއްވި އެ ބައްދަލުވުމުގައި، ރައީސަށް މަރުހަބާ ވިދާޅުވީ ޖަރުމަނުގެ ޗޭމްބާސް އޮފް އިންޑަސްޓްރީ އެންޑް ކޮމާސްގެ ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރެޔާ އަދި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސްގެ ސީއީއޯ ގަންތާ މުލް އެވެ."މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާ މެދު އިންވެސްޓަރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި އިންވެސްޓުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި،" މި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.ރާއްޖޭގެ މާލީ ދާއިރާގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގެ އަމާޒަކީ ދިގުމުއްދަތުގެ ބައިވެރިވުންތަކަށް ޖާގަދޭ ފަދަ، ދެފުށްފެންނަ، ނަތީޖާ އަންދާޒާކުރަން ފަސޭހަ އަދި ގަވާއިދުތަކެއްގެ މައްޗަށް ބަރޯސާވާ މާލީ ވެއްޓެއް ފޯރުކޮށްދިނުން ކަމަށެވެ.ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރާ އިތުބާރު އިތުރުކުރުމުގައި ޖަރުމަނުވިލާތުގެ އިންވެސްޓަރުންނާއި ޓުއާ އޮޕަރޭޓަރުންނާއި މާލީ މުއައްސަސާތަކުން އަދާކޮށްފައިވާ ދައުރު ވެސް ރައީސް ފާހަގަކުރެއްވި އެވެ. އަދި 2027 ވަނަ އަހަރަކީ 'ވިޒިޓް މޯލްޑިވްސް އިއާ' ކަމުގައި ކަނޑައަޅާފައިވާތީ، މި ހަރަކާތުގައި ބައިވެރިވުމަށް ޖަރުމަނުވިލާތުގެ އިންވެސްޓަރުންނަށް އެމަނިކުފާނު ދައުވަތު ދެއްވި އެވެ.އިންވެސްޓްކުރުމުގެ އާންމު މޮޑެލްތަކުގެ އިތުރުން، ދާދި ފަހުން އިފުތިތާހުކުރި 'އައިލާ - ސަސްޓެއިނަބަލް ޓައުންޝިޕް' ފަދަ މަޝްރޫއުތައް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ